އިސްލާމް ދީނަށް ފުރައްސާރަކޮށް، ހަޖޫ ޖަހައި، ކުފުރުވުމަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިގެންވާ، އަދި ދިވެހިރާއްޖޭގެ ގާނޫނުގައި ކުށެއްކަމަށާއި މީހަކު ފާޅުގައި އެކުށް ކުރަމުން އަންނަ ނަމަ، އެވާހަކަ ފާޅުގައި ބުނަންޖެހޭކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
"ކޮންމެ ގޮތަކަށް ގާނޫނު ފާސްކުރި ނަމަވެސް، ލާދީނީ މީހަކު އެއީ ދީނީ މީހަކަށް ނުވާނެ! އެފަދަ މީހުންގެ ނުރައްކާތެރިކަން ހާމަކޮށް ފާޅުކުރަންވެސް ޖެހޭ! ބިރު ދެއްކިޔަސް، ޖަލަށް ލިޔަސް، އަދި ހަވަރަށް ދިނަސް ހަގީގަތް ވާނީ ހަގީގަތަށް! ލާދީނީ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންނަށް ވުރެވެސް 100 ގުނަ ނުރައްކާ ބައެއް!"
"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުން ހުއްޓުވަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ އިން ޝާ ﷲ!"
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނީ ޢިލްމުވެރިންނަށް ހަޖޫ ޖަހަމުންދާ މީހުންނަށް ހިތްވަރާއި ހިމާޔަތް ލިބުމަށް މަގުފަހިވާނެގޮތަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިމެދުގައިކަމަށް ފާހަގަކުރެވެއެވެ.
ޝައިޚް މުޙައްމަދު ޝިފާން ވިދާޅުވެފައިވަނީ "ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް މަނާކުރުން ދޫކޮށްލައިފި ބައެއްގެ ކިބައިން ހެޔޮކަން ގެއްލިއްޖެ" ކަމަށެވެ.
ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މަޖިލީހަށް ހުށައެޅުއްވި ބިލުގައި ވަނީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ހުށަހަޅާފައެވެ. އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރުކުރުން ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން ވަނީ އިސްލާހު ހުށަހަޅުއްވައިފައެވެ.