ނަޞާރާ ދީނުގެ މަޢުލޫމާތު ދިވެހިބަހުން ލިޔެފައިވާ ލިޔުންތައް އެތެރެކުރުން ފަހަކަށް އައިސް ގިނަވަމުން އަންނާތީ ކަސްޓަމްސްއިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފިއެވެ.
ކަސްޓަމްސްގެ ބަޔާން
ޕޯސްޓްގެ ޒަރިއްޔާއިން ދިވެހިރާއްޖެއަށް ގެންނަ ލިޔެކިޔުންތައް ބަލާ ފާސްކުރުމުގެ ތެރޭގައި، މިފަހަކަށް އައިސް ނަޞާރާ ދީނުގެ މަޢުލޫމާތު ދިވެހިބަހުން ލިޔެފައިވާ ލިޔުންތަކެއް، ބޭރުގެ އެކި އެކި ފަރާތްތަކުގެ ނަމުގައި ދިވެހިރާއްޖެއަށް ފޮނުވަމުން އަންނަކަން ކަސްޓަމްސްއަށް ވަނީ ފާހަގަ ކުރެވިފައެވެ.
ނަޞާރާ ދީނުގެ މަޢުލޫމާތު ދިވެހިބަހުން ލިޔެފައިވާ މިލިޔުންތައް ދިވެހިރާއްޖެއަށް ފޮނުވާފައި ހުންނަނީ ސިޓީއުރަ ކުރެވި، ދިވެހިރާއްޖޭގެ ތަފާތު މުޢައްސަސާތަކާއި، ވިޔަފާރި ކުންފުނިތައް އަދި އަމިއްލަ ފަރުދުންނަށް އެޑްރެސް ކޮށްފައިކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންނަމަވެސް މިހާތަނަށް ކަސްޓަމްސްއިން ބެލި ބެލުމުން، މިކަމަކީ އެލިޔުންތައް އެޑްރެސް ކޮށްފައިވާ ފަރާތްތަކަށް އެނގުމަކާ ނުލައި، އޮޅުވާލުމެއްގެ ތެރެއިން ކުރަމުންދާ ކަމެއްކަމަށް ބެލެވެއެވެ.
ޤާނޫނު ނަންބަރު 94/6 (ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) ގެ 7 ވަނަ ނަންބަރުގެ ދަށުން އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތައް ދިވެހިރާއްޖެ ގެނައުމާއި، އެފަދަ ފޮތްތައް އިޝްތިހާރުކުރުމާއި، ދިވެހިންނަށް ދެއްކުމާއި، އެފަދަ ފޮތްތަކުގެ މަޢުރަޟުތައް ބޭއްވުމާއި، ވިއްކުމާއި، ދިނުމާއި ދިވެހިރާއްޖޭގައި ޢާންމުކޮށް ފެންނަގޮތަށް ގެންގުޅުމަކީ މަނާކަމެކެވެ. އަދި ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަ ލިޔެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަ ފޮތް، މަޖައްލާ، ނޫސްފަދަ ތަކެއްޗާއި، މިފަދަ ވާހަކައާއި މަންޒަރު އަޅާފައި ހުންނަ ޓޭޕް، ޑިސްކެޓް ފަދަ ތަކެއްޗާއި، އިސްލާމްދީނަށް އިހާނެތިކޮށް ހިތޭފަދަ ތަކެތި ދިވެހިރާއްޖެއަށް ގެނައުމާއި ދިވެހިރާއްޖޭގައި އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި، ފެތުރުމަކީވެސް މަނާކަންތައްތަކެވެ.
ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ 4 ވަަނަ މާއްދާގެ (ޅ) ގެ ދަށުން މިފަދަ ލިޔުންތައް ދިވެހިރާއްޖެއަށް އެތެރެވިޔަނުދީ ކަސްޓަމްސްއިން އަންނަނީ ހިފަހައްޓަމުންނެވެ. އަދި މިކަމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތައް ހޯދައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދީ ހުއްޓުވުމަށްޓަކައި ކަސްޓަމްސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދަނީ މިމައްސަލަ އިތުރަށް ތަޙްޤީޤްކުރަމުންނެވެ.
6 ޖުލައި 2021