ޢީދަށް އަގު ބޮޑު ހެދުމާ ފައިވާނާ ސާމާނު ގަންނަ ކުދިންނަށް ޚާއްޞަ އިލްތިމާސެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޢީދަށް އަގު ބޮޑު ހެދުމާ ފައިވާނާ ސާމާނު ގަންނަ ކުދިންނަށް ޚާއްޞަ އިލްތިމާސެއް!

ގިނަބައަކަށް އެންމެ ބޮޑު އެއް މުޞީބާތަކަށްވެފައި މިވަނީ މީހާގެ ރީތިކަން ބޭރުފުށުން ދައްކަން އުޅުމެވެ. ލާ އަގުބޮޑު ފޭރާމުންނާއި އަރާ އަގުބޮޑު ބޫޓުންނާއި ޖަހާ އަގުބޮޑު ސެންޓުން ތިމާގެ ރީތިކަން ދައްކަން އުޅުމެވެ. 

ނިކަންވިސްނައިލަބަލާށެވެ! ގިނަ ބައަކު ލިބުނު އެންމެ އަގުބޮޑު ހެދުންލައި އެންމެ އަގުބޮޑު ސެންޓްޖަހައި އަގުބޮޑު ބޫޓަށް ނުވަތަ ފައިވާނަށް އަރައިގެން ޢީދު ނަމާދަށް ދަނީ ފަތިސް ނަމާދު ނުކޮށެވެ. ދެން އެހެދުމުގައި އޮތީ ކޮން ރީތިކަމެއް ހެއްޔެވެ؟ ސެންޓުން ދުވާނީ ކޮން މީރު ވަހެއް ހެއްޔެވެ؟ 

މިއިން އެއްވެސް ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް މުހިންމު ކަމެއް ނެތެވެ. ﷲ ބައްލަވައި ވޮޑިގެންވަނީ ހަމައެކަނި ހިތަށެވެ! ތަޤްވާވެރިކަމަށެވެ! ވީމާ ފުރަތަމަ ކަމަކަށް ޢަރަފާތު ދުވަހުގެ ރޯދަހިފާށެވެ! ފަރުޟު ނަމާދުތައްކޮށް ދެންވެސް ކުރަންހުރި ހެޔޮ ޢަމަލުތައް ކުރަމުން ގެންދާށެވެ. 

ޢީދު ނަމާދަށް ދާންވާނީ ފަތިސްނަމާދުކޮށްގެންނެވެ. ކުރިއަށް ކުރަން އޮތީ ފަތިސްނަމާދެވެ. ފަހަރެއްގައި ކަމެއް ދިމާވެގެން (ފަތިހު ހޭލަން ކުރަންޖެހޭ މަސައްކަތްކުރުމުންވެސް) ނުހޭލެވިއްޖެނަމަ ފުރަތަމަ ކަމަކަށް ޢީދުނަމާދުގެ ކުރިން ފަތިސްނަމާދު އިހުސުންނަތާއިއެކު ޤަޞާކޮށްލާށެވެ! އެއަށްފަހު ޢީދުނަމާދުކުރާށެވެ! ލޮބުވެތިކަން ބޮޑު، އެންމެ ރަނގަޅު ގޮތުގައި ފައިދާ ކުރާނެ ޢީދުނަމާދަކަށްވާނީ އެއިރުންނެވެ. 

ފޭރާމަށް ބަލައިފިނަމަ ލިބޭ މީހާ އައުފޭރާންލާށެވެ! ނުލިބޭނަމަ އަތުގައި އޮތް އެންމެ ސާފުތާހިރު ފޭރާންލާށެވެ! އެއީ އެހައިބޮޑަށް ވިސްނަންޖެހޭ ކަމެއް ނޫނެވެ! ޢީދު އަންނަނީވެސް ނަމާދުކުރަނީވެސް މީހާއެވެ. ފޭރާމުގެ އައުކަމާ އަގުބޮޑުކަމެއް ނޫނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން