މާދަމާއަކީ އުފާވެރި، ބަރަކާތްތެރި އަލްޙާ ޢީދު ދުވަހެވެ. ގިނަ ބައަކު ރީތިވެ ނަލަހެދިގެން ޢީދުނަމާދަށް ދާނެއެވެ. ނަމަވެސް ހިތާމައަކީ ގިނަ ބައަކު ޢީދު ނަމާދަށްދަނީ ފަތިސް ނަމާދުނުކޮށްކަމެވެ.
އެހެންވެ ބައެއް ބޮޑެތި ޢިލްމުވެރިން ޢީދުނަމާދުގެ ޚުޠުބާ ފެށްޓެވުމުގެކުރިން ފަތިސް ނަމާދުނުކޮށް ޖަމާއަތަށް ގޮސްތިބޭ މީހުންނަށް ފަތިސް ނަމާދު ކުރަން އިރުޝާދުވެސް ދެއްވަވައެވެ. އެއީ ފަތިސްނަމާދުކުރުމަކީ ކޮންމެހެން އަދާކުރަންޖެހޭ ފަރުޟަކަށްވާތީއެވެ. ޢީދުނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދަކަށްވާތީއެވެ. ދުވަސް ފަށަން އޮތީ ފަތިސްނަމާދުން ކަމުގައިވާތީއެވެ.
އެސަބަބަށްޓަކައި ފަތިސްނަމާދުނުކޮށް ޢީދު ނަމާދަށް ދިއުމަކީ ދެއްކުންތެރި ޢަމަލަކަށް ވެދާނެކަމަށްވެސް ވިދާޅުވެއެވެ. ކޮންމެ ގޮތެއްވިޔަސް ފުރަތަމަ އަދާކުރަންޖެހޭނީ ފަރުޟެވެ. ސުންނަތް ކުރުން އޮތީ ފަރުޟު އަދާކުރުމާއިއެކުގައެވެ.
ވީމާ ކޮންމެ މުސްލިމަކަށްވެސް ފުރަތަމަ ކަމެއްގެ ގޮތުން ޢީދު ދުވަހުވެސް އޮތީ ފަތިސް ނަމާދުކުރުމެވެ. އަދިވެސް ގެއްލެމުންދާ ސުންތެއް ފާހަގަކޮށްލާނަމެވެ. އެއީ ފިޠުރު ޢީދުނަމާދަށް ދިއުމުގެކުރިން ކަދުރުގެ މިންވަރެއް ކެއުމާއި އަދި އަޟްޙާ ނަމާދަށް ހުސްބަނޑާހުރެ ދިއުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން