ކ. ތުލުސްދޫގައި ހުރި ކަސްޓަމްސް އޮފީސް، 2021 އޮގަސްޓް 15 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފިއެވެ.
މިކަމާގުޅިގެން ކަސްޓަމްސް އިން ބުނެފައިވަނީ ކ. ތުލުސްދޫގައި ކަސްޓަމްސްގެ ޚިދުމަތް ޤާއިމް ކުރެވިފައިވަނީ، ތުލުސްދޫގައި ހިކި ކަނޑުމަސް ރައްކާކުރުމާއި ބަންދުކޮށް ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ގިނަ ފަރާތްތަކުން ކުރަމުންދިއުމާއި ގުޅިގެން މަސް އެކްސްޕޯރޓް ކުރާ ފަރާތްތަކަށް ކަސްޓަމްސްގެ ޚިދުމަތް ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށް ކަމަށާއި ނަމަވެސް، މި ވޭތުވެދިޔަ ދުވަސްތަކުގައި ކަސްޓަމްސްގެ ރަސްމީ ބަނދަރުތައް ކަމުގައިވާ މާލޭ ކޮމާޝަލް ހާބަރު އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ދެމުންދާ ޚިދުމަތްތައް ވަރަށް ބޮޑަށް ފުޅާވެ ތަރައްޤީ ކުރެވިފައިވުމާއެކު، މާލެއާއި ކައިރި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުންދާ، މުދާ އެކްސްޕޯރޓްކުރާ ފަރާތްތަކުން ރަސްމީ ބަނދަރުތަކުން ޚިދުމަތް ހޯދުން ވަނީ އިތުރުވެފައިކަމަށެވެ.
އަދި ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ތުލުސްދޫގައި ގާއިމްކުރެވިފައިވާ ކަސްޓަމްސް އޮފީހުން، މުދާ އެކްސްޕޯރޓް ކުރާ ފަރާތްތަކުން އެއްގޮތަކަށްވެސް ޚިދުމަތް ނުހޯދާ ކަމަށާއި އެރަށުގައި ގާއިމްކުރެވިފައިވާ ކަސްޓަމްސް އޮފީހުގެ އޮޕަރޭޝަންތައް ފާއިތުވި އަހަރުތަކުގައި ވަނީ އެއްކޮށް ހުއްޓިފައި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. އަދި އެކްސްޕޯރޓް ކްލިއަރަންސް މަރުހަލާގައި ހަރަކާތްތެރިވާ އެހެނިހެން ކަމާގުޅޭ ރަސްމީ އިދާރާތައްވެސް މިހާރު ތުލުސްދޫގައި ޤާއިމްވެ ޚިދުމަތް ދިނުމުގެ ބަދަލުގައި ރަސްމީ ބަނދަރުތަކަށް ބަދަލުވެފައިވާކަން ކަސްޓަމްސް އިންވަނީ ފާހަގަކުކޮށްފައެވެ.
ތުލުސްދޫ ކަސްޓަމްސްގައި މަސައްކަތްކުރަމުންއައި އޮފިސަރުންގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި މިވަގުތު ދެވޭނީ ކަސްޓަމްސްގެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގެމަތީން ފޯރުކޮށްދެމުންދާ އޮފީހެއްގައި ޚިދުމަތްކުރެވިގެން ކަމުގައިވާތީވެ، އެ އޮފީހުގައި މަސައްކަތްކުރަމުން އައި އޮފިސަރުން ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2012/R-35 ) ގެ ދަށުން، ކަސްޓަމްސްގެ އެހެން ސެކްޝަންތަކަށް ބަދަލުކޮށްފައެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ ކ. ތުލުސްދޫ ކަސްޓަމްސް އޮފީސް ބަންދު ކުރުމަށް ނިންމާފައިވަނީ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އެފަރާތްތަކުގެ ލަފާގެމަތިން ކަމަށާއި އަދި އިމްޕޯރޓް އެކްސްޕޯރޓް ކުރާ ފަރާތްތަކަށް އަވަސް އަދި ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެ މުއައްސަސާއިން އަބަދުވެސް މަސައްކަތްކުރާކަމަށް ވެސް ބުނެފައިވެއެވެ.