ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފިއެވެ.
މި ތަކެތި ނައްތާލާފައިވަނީ 14 އޮގަސްޓް 2021 ވަނަ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ. ނައްތާލެވުނު ތަކެތީގެ ތެރޭގައި ބަނގުރާ، ބަނގުއާވި އަދި އޫރުމަސް ހިމެނެއެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ މި ތަކެއްޗަކީ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށާއި އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވާކަމަށެވެ.