ރަމަޟާން މަހަކީ މައްސަރުތަކުގެ ތެރެއިން މާތް ﷲ ޚިޔާރުކުރައްވަވައި މާތް ކުރައްވާފައިވާ އެންމެ މަތިވެރި މައްސަރެވެ. އެއީ އެ އިލާހު އަޅުތަކުންނަށް ދެއްވާ މަތިވެރި ފުރުޞަތެކެވެ. ދަރުމައާއި ސަވާބުގެ މައްސަރެކެވެ. މުނިފޫހި ފިލުވުމާއި ކުޅިވަރުގެ މައްސަރެއް ނޫނެވެ. އަޅުކަމުގައި ވަރުބަލިވެ، އަޅުކަމުގައި ކުރިއަރައި ދިޔުމަށް ލައްވަވާފައިވާ މައްސަރެކެވެ. މި މަހަށް ގިނަ ގުނަ ޚާއްޞިއްޔަތު ލިބިގެންވާކަން އަޅުގަނޑުމެންނަށް އޮޅިފައެއް ނުވާނެއެވެ.
ނަމަވެސް އެ މަތިވެރިކަމާއި ޚާއްޞިއްޔަތުގެ ވާހަކަ މި ފުރުޞަތުގައި ދެއްކުމުގެ ބަދަލުގައި މީޑިއާތަކަށް ދަންނަވައިލަން ބޭނުންވާ ދެތިން ވާހަކައެއް އެބައޮތެވެ. ހަދާންކޮށްދިނުމަކީ މުއުމިނުންނަށް ފައިދާ ކުރަނިވި ކަމަކަށް ވުމާއެކުއެވެ.
ހިތާމަޔާއެކު ދަންނަވަން ޖެހެނީ، ގިނަ މީޑިއާތަކުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ތައްޔާރުކުރެވިގެންދާ ގިނަ ޓީވީ ޕޮރްގްރާމްތަކާއި ރޭޑިއޯ ޕޮރްގުރާމުތަކަކީ އެއްވެސް ގޮތަކަށް ރަމަޟާންމަހުގެ ޙުރުމަތާ އެކަށީގެންވާ ފޮރްގުރާމުތަކެއް ނޫން ކަމެވެ. ރަމަޟާންމަހަށް ގިނައިން ތައްޔާރުކުރެވިގެން ދަނީ ކުޅިވަރާއި މަޖަލާއި މުނިފޫހި ފިލުވުމުގެ ޕޮރުގުރާމުތަކެވެ. މީގެ ތެރެއިން ވެސް އެ މަހުގެ ޙުރުމަތާ އެންމެ އެކަށީގެންނުވާ ޕޮރްގުރާމުތަކުގެ ތެރޭގައި މިޔުޒިކާއި ލަވާގެ ޝޯތައް ހިމެނެއެވެ. މިފަދަ ޕޮރްގުރާމުތައް ތާވަލު ކުރެވިގެންދަނީ ވެސް ރަމަޟާންމަހުގެ އެންމެ މުހިންމު ވަގުތު ކަމުގައިވާ ރޭނގަޑުގެ ވަގުތަށެވެ. ރޭގަނޑަކީ އެމަހުގައި ވަކިން ޚާއްޞަ މަތިވެރިކަމެއް ދެވިގެންވާ ވަގުތެކެވެ. ތަރާވީހާއި ޤުރުއާން ކިޔެވުމާއި ރޭ އަޅުކަމުގެ ވަގުތެވެ.
މީޑިއާތަކުގެ އިސްވެރިންނަށް އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ، މި މަހުގެ ޙުރުމަތަށް މާތް ﷲ ޝައިޠާނުންވެސް ކަސްތޮޅު އަޅުއްވައެވެ. އެއީ އަޅުކަމާގެން މުސްލިމު އަޅުން ކުރިއަރައި ދިޔުމަށެވެ. އަދި އެކަލާނގެ ދަރުމަ ހާސިލު ކުރުމަށެވެ. އެހެންކަމުން، ތިޔަ ބޭފުޅުންނަކީ، ﷲ ގެ މި މަތިވެރި މަހުގެ އަޅުކަމުން މީސްތަކުން އެއްކިބާ ކުރުވާ ބަޔަކު ކަމުގައި ވެ ނުލައްވާށެވެ. އޭގެ ބަދަލުގައި މީސްތަކުންނަށް ހެޔޮ މަގު ދައްކަވާ ބަޔަކު ކަމުގައި ވެލައްވާށެވެ.
ރަމަޟާން މަސް ފަދަ މެހެމާނެއް އަޅުގަނޑުމެންނަށް ލިބެނީ އަހަރަކު އެއް ފަހަރުއެވެ. ދެން އަންނަ އަހަރު އަޅުގަނޑުމެންގެ ތެރެއިން މި މެހެމާނާ ބައްދަލު ވާނީ ކިތައް މީހުންނަށް ކަމެއް ނޭނގެއެވެ. އަޖަލަކީ އެފަދަ އެއްޗެކެވެ. ވަކިވެ އަޅުގަނޑުމެން ދާން ޖެހޭނީ ޖައްބާރުވަންތަ މާތް ﷲ ގެ ޙަޟްރަތަށެވެ.
މިއަދު އަޅުގަނޑުމެން މީސްތަކުންނާ މާތް ﷲ ގެ މިފަދަ މަތިވެރި މައްސަރެއްގެ ސަވާބާ ދެމެދަށް ހުރަސްއަޅައި، އެބައިމީހުން ދުނިޔެވީ މަޖަލުގައި މަޝްޣޫލު ކުރުވައިފިނަމަ، އެ އިލާހުގެ ޙަޟްރަތުގައި އަޅުގަނޑުމެން ހުއްޓި ތިބޭނީ ކޮންގޮތަކަށްބާވައޭ ތިޔައިން ކޮންމެ ބޭފުޅަކުވެސް އަމިއްލަ ނަފުސާ ސުވާލުކޮށްލައްވާށެވެ. މީޑިއާ އަކީ ޒިންމާއެކެވެ. ހެޔޮ ގޮތުގައި ބޭނުން ކުރެވިއްޖެނަމަ މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބި ސުވަރުގެ ހާސިލުވެދާފަދަ ޒަރިޔާއެކެވެ. ނުބައި ގޮތުގައި ބޭނުން ކުރެވިއްޖެނަމަ މާތް ﷲ ގެ ކޯފާ އާއި ނުރުއްސެވުން ލިބި ނަރަކައިގެ އަޒާބަށް ހުށަހެޅިދާނެ ފަދަ ޒަރިޔާއެކެވެ.