ވިމެން އިން ޓެކް އިން "އަވަރ އޮފް ކޯޑް" މުޅި ރާއްޖޭއަށް ހުޅުވާލައިގެން ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 4ސ
ވިމެން އިން ޓެކް އިން "އަވަރ އޮފް ކޯޑް" މުޅި ރާއްޖޭއަށް ހުޅުވާލައިގެން ބާއްވަނީ

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް، "އަވަރ އޮފް ކޯޑް" ޕްރޮގްރާމް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާނެކަމަށް ވިމެން އިން ޓެކް އިން ބުނެފިއެވެ.  

މިއަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 18 ޑިސެމްބަރ 2021 ވާ ހޮނިހިރު ދުވަހުއެވެމި އިވެންޓަކީ ވިމެން އިން ޓެކް މޯލްޑިވްސް އިން ގްލޯބަލް އަވަރ އޮފް ކޯޑް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ބާއްވާ ލޯކަލް އިވެންޓެކެވެ. 

އަވަރ އޮފް ކޯޑަކީ ކޮންމެ އަހަރަކު ޑިސެމްބަރ 6 އިން 12 އަށް ފާހަގަކުރާ ބައިނަލްއަގްވާމީ ކޮމްޕިއުޓަރ ސައިންސް ހަފްތާގެ ބައެއްގެ ގޮތުގައި މުޅި ދުނިޔޭގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަވަރ އޮފް ކޯޑް އަކީ ބައިނަލް އަގްވާމީ ފެންވަރުގައި ހުރިހާ އުމުރު ފުރަޔަކަށް ހުޅުވާލައިގެން 180 އަށް ވުރެ ގިނަ ޤައުމު ގައި އެތަށް މިލިއަން ދަރިވަރުން އެއް ގަޑިއިރަށް ކޮމްޕިއުޓަރ ޕްރަގްރާމިންގ އަށް އަހުލުވެރި ކުރުވާ ޕްރޮގްރާމް އެކެވެ. 

މިއަހަރު ރާއްޖޭގައި ބާއްވާ އަވަރއޮފްކޯޑްއެމްވީ އިވެންޓް ރާވާ ކުރިއަށް ގެންދަނީ ވިމެން އިން ޓެކް މޯލްޑިވްސް އިން އިސްނަގައިގެންނެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި އިވެންޓްގެ މެއިން ޕާޓްނަރަކީ ދިރާގެވެ. މީގެ އިތުރުން ސަޕޯޓިންގ ޕާރޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، އުރީދޫ މޯލްޑިވްސް، އެލައިންޑް އިންޝުއަރަންސް ކޮމްޕެނީ އަދި ތިންކް ލަރން އިންސްޓިޓިއުޓް އިން ބައިވެރިވެއެވެ. 

އަވަރ އޮފް ކޯޑްގެ މި އިވެންޓް ކުރިއަށް ގެންދާނީ ވާޗުއަލް އަދި ފިޒިކަލްކޮށެވެ. މައި އިވެންޓް ކުރިއަށް ގެންދާނީ ގޫގުލް މީޓް ގައެވެ. ރާއްޖޭގެ އެކި ތަންތަނުގައި އެއްފަހަރާ ފިޒިކަލް ސެޝަންތައް ކުރިއަށް ގެންދިޔުމަށްވެސް ރާވާފައިވެއެވެ. ސްކޫލްތަކާއި ޖަމްޢިއްޔާ ނުވަތަ އިންސްޓިޓިއުޓްތަކުން ބޭނުންނަމަ ވަކިން ފިޒިކަލް ސެޝަން ކުރިއަށް ގެންދިޔުމަށް ރަޖިސްޓަރީ ކުރެވިދާނެއެވެ. ފިޒިކަލް އަދި ވާޗުއަލްކޮށް ކުރިއަށް ގެންދެވޭ ދެބައިވެސް ކުރިއަށް ގެންދާނީ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ މެންޓަރުންގެ ޓީމަކުންނެވެ. ފިޒިކަލް ސެޝަން ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން މިސެޝަން ކުރިއަށް ގެންދިޔުމަށް ބޭނުންވާނެ ތަމްރީނާ އިރުޝާދު ފޯރުކޮށްދޭނެއެވެ. އަދި ސެޝަންގައި ބޭނުން ކުރާނޭ މެޓީރިއަލް ވެސް ހިއްސާކުރާނެއެވެ. 

މިޕްރޮގްރާމްގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓަރ ވުމަށް https://www.womenintechmv.org/hourofcodemv ވެބަސައިޓްގައިވާ ރަޖިސްޓްރޭޝަން ލިންކު ބޭނުންކުރައްވާށެވެ. ރެޖިސްޓްރޭޝަންގެ ސުންގަޑި އަކީ 9 ޑިސެމްބަރ 2021 އެވެ. 

މިއީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުނަށް ކޯޑިންގ ތަޢާރަފްކޮށް ކޮމްޕިއުޓަރ ސައިންސް އަށް ޝައުގުވެރިކުރުވުމަށް ލިބޭ ވަރަށް ރަގަޅު ފުރުސަތެކެވެ. ކޮމްޕިއުޓަރ ސައިންސް ދަސްކުރުމަކީ އުފެއްދުންތެރިކަމާއި މައްސަލަތަކަށް ހައްލު ހޯދުމުގެ ގާބިލްކަމާއި ހުނަރު އިތުރުވެގެން ދާނެ ކަމެކެވެޅަފަތުގައި މިހުނަރު ދަސްކުރަން ފެށުމަކީ 21 ވަނަ ގަރުނުގައި ކޮންމެ ރޮގަކުންވެސް ކުރިޔަށް ދިޔުމާއި ކާމިޔާބީ ހާސިލް ކުރުމަށް އެޅޭ ބިންގަލަކެވެ 

ވިމެން އިން ޓެކް އަކީ ސައިންސްއާއި ޓެކްނޮލޮޖީ ގެ ދާއިރާއަށް އަންހެނުން ހޭލުންތެރިކުރުވާ، ހިއްވަރުދީ ކުރިއެރުވުމަށް ހުރި ފުރުސަތުތައް ހޯދައިދީ މުޖުތަމައު ބިނާކުރުމަށް އާ އުފެދުންތައް ފަހި ކޮށްދިނުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ.

މިއަދު އޮންލައިން