މިސްކިތަށް ކުޑަކަމުދިޔަ މީހާ 1 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މ. ޝޭޑީހޯމް އުމުރުން 40 އަހަރުގެ ހަސަން ޒިޔާދު ވަނީ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ އިތުރުން ރައީސް އޮފިސް ކުރިމައްޗަށް ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރުކޮށްފައެވެ.
މިމައްސަލައިގައި ކޯޓުން އޭނާގެ މައްޗަށް ކުރި ފުރަތަމަ ހުކުމްގައި ބުނެފައި ވަނީ، ޖުމްހޫރީ މައިދާނަށް ކުޑަކަމުދިޔަ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާ ކަމަށާއި، އެހެންކަމުން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށާއި ދެވަނަ ހުކުމުގައި ބުނެފައިވަނީ އިސްލާމީ މަރުކަޒުގައި މަޣްރިބް ނަމާދު ވަގުތު މިސްކިތުގެ އިމާމް މީހާ ކުރިމަތީގައި ގިބްލައަށް ހުރެ ކުޑަކަމުދިޔަ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާ ކަމަށާއި، އެހެންކަމުން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށެވެ.