އައްޑޫސިޓީގަ ދަރިވަރުންތަކެއްގެ ހިތުގަ އިސްލާމް ދީނާމެދު ނަފްރަތު އުފައްދަން މަސައްކަތްކުރި ދައްޖާލުގެ މައްސަލަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ވަނީ ފުލުހުހުންނަށް ހުށަހަޅާފައިކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ މި މައްސަލައިގައި އަދި މިހައިތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ.
މި ޢަމަލަކީ ކީރިތި ޤުރްއާނަށް ގޮންޖަހައި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ހިންގާފައިވާ ޖިނާޢީ ކުށަކަށްވާހިނދު މިފަދަ ކުށްތައް ކުރާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު ނުއެޅޭނަމަ އެއީ ކަންބޮޑުވާންޖެހޭކަމެއްކަން ފާހަގަކުރެވެއެވެ.
سم الله الرحمن الرحيم
މއ. ބާބުލްޢަވާލީ
ޗާންދަނީމަގު، މާލެ
މޯލްޑިވްސް ޕޮލިސް ކޮމިޝަނަރަށް،
السلام عليكم ورحمة الله وبركاته،
އައްޑޫ ސިޓީގެ، މީދޫގައި ހުންނަ ސ.އަތޮޅު މަދުރަސާގައި ކިޔަވާދޭ ޓީޗަރަކު، އިސްލާމް ދީނާއި މެދު ޝައްކު އުފެދޭ ފަދަ ގިނަ ވާހަކަތަކެއް ދަރިވަރުންނަށް ކިޔައިދިންކަމުގެ ޚަބަރު މިވަނީ ފެތުރިފައެވެ.
މިގޮތުން، މާތް ﷲ ވޮޑިގެން ނުވާކަމަށާއި، އެއީ ހިޔާލީ ކަމެއްކަމަށާއި، ކީރިތި ޤުރުއާނަކީ އުޑުން ބާވައިލެއްވި އެއްޗެއް ނޫން ކަމަށާއި، އެއީ އިންސާނުން އަމިއްލައަށް ލިޔެފައިވާ ވާހަކަތަކެއްކަމަށް އެޓީޗަރު ބުނެފައިވާކަމުގައި ވެއެވެ. މީގެ އިތުރުން މުސްލިމުން ކަލަކު ވޮޑިގެެންވާކަން ގަބޫލު ކުރަނީ މުސްލިމުންގެ ސިކުނޑިތައް ދޮވެލައިގެން ކަމަށާއި އަދި އުފަންވި އިރުވެސް މައިންބަފައިން އެގޮތަށް ވިސްނާދޭތީ ކަމަށްވެސް އެ ޓީޗަރު ބުނެފައިވާ ކަމުގައި ވެއެވެ.
މިހުރިހާ ކަމަކީ ވެސް، ޤާނޫނު ނަންބަރު 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރާ ޤާނޫނު)ގެ ދަށުން އެ ޤާނޫނު ތަންފީޒު ކުރުމަށް ހަދާފައިވާ ޤަވާޢިދު ނަންބަރު 2011/R-40 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤަވާޢިދު)ގެ 4 ނަންބަރު މާއްދާގައި، ދީނީ ތަޤްރީރު ކުރުމާއި ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަޙްދަތު ދެމެހެއްޓުމުގެ ނުޤުތާ(ދިވެއްސަކު ކަމުގައިވިއަސް، ދީން ބަޔާންކޮށްދީ ހަދަންވާނީ އިސްލާމީ ޢަޤީދާއާ ފުށުނާރާ ގޮތަށް އިސްލާމީ ޥަޙްދަތު ދެމެހެއްޓުމާއި އެކުގައެވެ) އާ ޚީލާފު ބޮޑެތި ކުށްތައް ކަމުގައި ވާތީ، ސ.އަތޮޅު މަދުރަސާގައި ކިޔަވައިދޭ އެ ޓީޗަރުގެ މައްސަލަ ބައްލަވައި ދެއްވައި އޭނާއަށް ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ލަސްނުކޮށް އޭނާގެ މައްޗަށް ދަޢުވާ އުފުއްލެވުމުގެ އެންމެހާ ކަންކަން ޚާއްޞަ ސަމާލުކަމެއްގެ ދަށުން ނިންމަވައި ދެއްވުން އެދި ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.
24 ނޮވެމްބަރ 2021