މިއަދުގެ ޚުޠުބާއިން ވެސް ފާހަގަކުރެވުނު އެއްކަމަކީ ވަރަށް ގިނައިން ޚުޠުބާތަކުން ފާހަގަކުރެވޭ ކަމެކެވެ. އެއީ މުންކަރާތްތައް ހިންގުން ހުއްޓުވަންޖެހޭކަމާއި ނުހުއްޓުވާނަމަ މީސްތަކުންގެ މައްޗަށް ޢާންމުވެގެންވާ ކޯފާއެއް ފޮނުއްވަވައިފާނެ ކަމެވެ.
ރާއްޖޭގައި ނުހިންގާ މުންކަރާތެއް މިހާރަކު ނެތެވެ. ﷲ ތަޢާލާއަށާއި ރަސޫލް އަށާއި އިސްލާމް ދީނަށް ގޮންޖްހައި ފުރައްސާރަކޮށް ޝަރީކުކުރުމެވެ. މިސްކިތްތަކުގެ ޙުރުމަތް ކެނޑުމެވެ. މަސާޖްކުރުމުގެ ނަމުގައި ޒިނޭޚާނާތައް ހިންގުމެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުން މަގުމަތީގައި ކުރާ ޢާންމުކަމަކަށް ހެދުމެވެ. މިހެން ގޮސް އެތައް އެތައް މުންކަރާތްތަކެއް ފައުޅުގައި ދަނީ ހިންގަމުންނެވެ.
މިކަންކަމަށް ކަންބޮޑުވެވަޑައިގެން މީސްތަކުންގެ ކުރިމަތީގައި 2011 ވަނަ އަހަރު ތަޤްރީރުކުރައްވައި ކީރިތި ކުރައްވައި ދުޢާކުރެއްވި ޝައިޚް އިމްރާން މިހާރު ހުންނެވީ އެކަންކަން ހުއްޓުވުމުގެ ޤާނޫނީ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންނެވެ. ނަމަވެސް މިއަދަކު އެކަންކަމަކީ ކަންބޮޑުވެވަޑައިގަންނަވާކަންކަން ކަމުގައިވާކަން މަގުތަކަކުން ނުފެނެއެވެ.
ވީމާ ޢާންމުވެގެންވާ ކޯފާއަކުން ސަލާމަތްވެތިބުމަށް މިހާރު އޮތީ ރައްޔިތުން ކުރިމަތިލުމެވެ. ސަރުކާރުން އެކަންކުރާނެ ކަމުގެ އެއްވެސް އުންމީދެއް މިހާރަކު ނެތެވެ. ޝިރުކުގެ ޢަމަލުކުރާ މީހުން ހިމާޔަތްކުރަންވެސް އެއީ ނަފްސާނީ ބަލި ބައަކު ކަމަށްބުނެ ކަނޑައެޅިގެން ދޮގުހަދާކަން މިހާރު ސާބިތުވެފައިވާތީއެވެ.