ޢަރަބިއްޔާ ބެލެނިވެރިން: ދަރިންނަށް އިސްލާމީ ވެށްޓެއްގަ ތައުލީމުދޭން ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 16ސ
ޢަރަބިއްޔާ ބެލެނިވެރިން: ދަރިންނަށް އިސްލާމީ ވެށްޓެއްގަ ތައުލީމުދޭން ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވާނެ!

بسم الله الرحمن الرحيم

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ބެލެނިވެރިންގެ ނިންމުމާ ދެކޮޅަށް އެމަދަރުސާގެ ދަރިވަރުން ޢިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެން ބެލެނިވެރިންގެ ފަރާތުން ނެރޭ ނޫސް ބަޔާން

الحمد لله رب العالمين. والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޢިމާރާތް ހަލާކުވެ، އެ ޢިމާރާތުގެ ތަނބުތައް ފަޅައިގެން ގޮސް އޭގެ ބައިތައް ވެއްޓި ކުދިންގެ ހަށްޓަށާއި ފުރާނައަށް ނުރައްކާވާ ހިސާބަށް ތަނުގެ ޙާލަތު ގޮސްދާނެ ކަމަށްޓަކައި، 2018 ވަނަ އަހަރުން ފެށިގެން ސްކޫލުން ގެންދިޔައީ އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަމުންނެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އިޖާބަ ދެއްވުމެއް ނެތި، ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތް މަރާމާތު ކުރުމަށް ބަޖެޓު ނެތް ކަމުގެ ބަހަނާ ދެއްކެވުމަށް ފަހު، މިއަދާ ހަމައަށް ވެސް އެޑިއުކޭޝަނުން ޢަރަބިއްޔާގެ ޢިމާރާތް މަރާމާތު ނުކުރައްވައި ލަސްކުރައްވަމުން ގެންދެވިކަމީ ޢަރަބިއްޔާ ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން ޤަސްތުގައި އިހުމާލުވެލައްވާފައިވާ ކަމުގެ ސާފު ހެއްކެކެވެ.

ހަމައެއާއެކު، 2021 ވަނަ އަހަރުގެ ކުރީކޮޅު ޢަރަބިއްޔާގެ ޢިމާރާތާ ގުޅޭ ގޮތުން ހެދުނު ވިޝުއަލް (Visual) އެސެސްމަންޓްގައި ދީފައިވާ ލަފަޔަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރެއްވުމެއް ނެތި، އަޅުގަނޑުމެންގެ ދަރިން ޢަރަބިއްޔާގެ ޢިމާރާތުން އެހެން ޢިމާރާތަކަށް ބަދަލު ކުރުމުގެ ޢަމަލީ އެއްވެސް މަސައްކަތެއް ނުކުރައްވައި ތިބެމެ، އެކުދިންނަށް މިވަގުތު އެއްވެސް ކަހަލަ ނުރައްކަލެއް ނެތް ކަމަށް ރައްޔިތުންގެ މަޖްލީހުގައި، ދިވެހި އެންމެހާ ރައްޔިތުންގެ ކުރިމަތީގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައިވާކަން ފާހަގަކުރަމެވެ. 

ހަމަ އެދުވަހުގެ ހަވީރު ޢަރަބިއްޔާގެ ޕީ.ޓީ.އޭ ގެ އެކްސްކޯ އާ ބައްދަލު ކުރެއްވި ޖަލްސާގައި، މިހާރުން މިހާރަށް ވެސް ޢަރަބިއްޔާގެ ދަރިވަރުން ސްކޫލުގެ ޢިމާރާތުން ނުކުންނަން ޖެހިދާނެ ކަމަށާއި، އެކަމަށްޓަކައި ޢިއްޒުއްދީން ސްކޫލުން ޖާގަ ހައްދަވައިދެއްވާނެ ކަމުގައި މިނިސްޓަރ ވިދާޅުވުމުން، ޢިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމާމެދު ވަކި ގޮތެއް ނިންމޭނީ ޢަރަބިއްޔާގެ ބެލެނިވެރިންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ޕީ.ޓީ.އޭ ގެ އެކްސްކޯ އިން ދެންނެވުމުން، މިނިސްޓްރީން ނިންމަވާނީ ބެލެނިވެރިން ވެސް އެދޭ ގޮތަށް ކަމަށާއި، ބެލެނިވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ފުރުޞަތު ދެއްވާނެ ކަމަށް ވިދާޅުވުމަށްފަހު ދިމާ އިދިކޮޅަށް އެޑިއުކޭޝަން މިނިސްޓްރީން ޢަމަލުކުރައްވާފައިވާކަމީ، އެޑިއުކޭޝަން މިނިސްޓަރު ދައްކަވާ ވާހަކަފުޅުތަކުގެ ތެދުވެރިކަމާއި އަމާނާތްތެރި ކަމެއް ނެތްކަން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ސާފުވެގެން ދިޔަ ކަމެކެވެ.

ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި މެނޭޖްމަންޓުގެ ފުރިހަމަ އިއްތިފާޤުން އެއްބަސްވެ، ޢިއްޒުންދީން ސްކޫލަށް ޢަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ، ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށާއި، އެކަން އެހެން ކޮށްފި ނަމަ ދަރިވަރުންގެ ކިޔެވުމަށާއި ސުލޫކަށާއި އެންމެހާ ކަންކަމަށް ބޮޑެތި ނުރައްކަލާއި ފޫ ނުބެއްދޭ ވަރުގެ ގިނަގުނަ ގެއްލުންތައް ވާނެކަމަށް ބެލެނިވެރިންނަށް ޔަޤީން ކުރެވެއެވެ. އެހެނީ، މާޒީގައި ޢަރަބިއްޔާގެ ދަރިވަރުންނާއި މުވައްޒަފުން ވަނީ ނުހަނު ހިތްދަތި ތަޖުރިބާތަކެއް ކޮށްފައެވެ. 

ވީމާ، އެޑިއުކޭޝަން މިނިސްޓްރީން ނިންމަވާފައިވާ ގޮތަށް، ޢިއްޒުއްދީން ސްކޫލުގެ ޢިމާރާތަށް ޢަރައްބިއްޔާގެ އެއްވެސް ދަރިވަރަކު ކިޔަވަން ގެންދެވެން ނެތް ކަމަށާއި، މި މައްސަލައަށް ހަމައެކަނި އޮތް ޙައްލަކީ، ޢަރަބިއްޔާގެ ދަރިވަރުންނާ އެކު އެހެން އެއްވެސް ސްކޫލެއްގެ ދަރިވަރުން މައްސުނި ނުވާނެ ހެން، މާލޭގައި ހުރި އެތައް ބައިވަރު ބިންތަކާއި ޢިމާރާތްތަކުން ކޮންމެވެސް އެއް ތަނެއްގައި، ޢަރަބިއްޔާ ސްކޫލު ވަގުތީ ގޮތުން ނަމަވެސް ހިންގޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމެވެ. 

އެއާއެކު، ފުރަމާލޭގެ އެހެނިހެން ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް ލިބިދީފައިވާ ފަދަ، ހަމަހަމަ ފުރުޞަތެއް ޢަރަބިއްޔާގެ ދަރިވަރުންނަށް ކަށަވަރުވާނީ ޢަރަބިއްޔާގެ ދަރިވަރުންނަށް ވެސް އެކަށީގެންވާ ފަދަ ދާއިމީ ބިމެއް، ރަސްމީ ލިޔެކިއުމުން ދެއްވުމުން ކަމުގައި ޕީ.ޓީ.އޭ އިން ނިންމައި، އެނިންމުން އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީއަކުން ފޮނުވުމާ އެކު، ޖެހިގެން އައި ދުވަހު މިވަނީ ބެލެނިވެރިންގެ ނިންމުމާ ދިމާ އިދިކޮޅަށް މިނިސްޓްރީން ފައިޞަލާކޮށް ޢިއްޒުއްދީން ސްކޫލަށް ޢަރަބިއްޔާގެ ދަރިވަރުން ބަދަލުކުރަން ނިންމަވާފައެވެ.

މީގެ އިތުރުން، ޢަރަބިއްޔާގެ ދަރިވަރުންގެ ޙައްޤުގައި، ބެލެނިވެރިން ކުރަމުން މިދާ މަސައްތަކާ ދެކޮޅަށް، ބެލެނިވެރިންގެ ނިންމުމަށް ގޮންޖައްސަވައި، ޢަރަބިއްޔާގެ ދަރިވަރުން ޢިއްޒުންދީން ސްކޫލަށް ގަދަކަމުން ބަދަލުކުރަން އުޅޭ ކަމުގެ ޚަބަރު ލިބުމާ އެކު، އެކަމުގެ ކަންބޮޑުވުން ރިވެތި ގޮތުގައި ފާޅުކޮށް، ޢިއްޒުންދީނަށް ބަދަލުވުމުގައި ހުރި ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތައް ތަފްޞީލީ ގޮތެއްގައި ބަޔާންކޮށްދީ، މިކަމުގައި ރަނގަޅު ޙައްލަކަށް ވާޞިލު ވެވޭތޯ، ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސަވައި ދެއްވުން އެދި ސިޓީ ލައިގެން އޭގެ ޖަވާބު ނުލިބި ލަސްވާތީ، ދެވަނަ ސިޓީއެއް ރައީސަށް އެރުވުމުން ވެސް އެއަށް ޖަވާބެއް ނުދެއްވައި، ދެން ފެނުނީ ޢަރަބިއްޔާގެ ދަރިވަރުންނާއި ޢިއްޒުއްދީން ސްކޫލުގެ ދަރިވަރުން އެއް ޢިމާރާތެއްގައި، އެއް ވަގުތެއްގައި ކިޔަވާ ގޮތަށް އެޑިއުކޭޝަނުން ނިންމެވި ކަމުގެ ބަޔާން ޢާއްމު ކުރެއްވި ތަނެވެ.

ވީމާ، ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ޙައްޤައް ހުރަސް އެޅި، އެކުދިންގެ ޢަރަބި އިސްލާމީ މަންހަޖުގެ ތަޢުލީމު އެކީއެކަށް ފުނޑުފުނޑު ވެގެން ދާނެހެން އެޑިއުކޭޝަނުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. އަދި އެއީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ނިންމެވުމެއް ނޫންކަމަށާއި، އެފަދަ އަނިޔާވެރި، ބޭއިންސާފު ނިންމެވުމަކަށް ކިޔަމަންވެ އަޅުގަނޑުމެންގެ ޅަދަރިންގެ ޢަރަބި އިސްލާމީ ތަޢުލީމު ފަނާވެ ދިއުމަށް ޖާގަ ދެވެން ނެތް ކަމަށާއި، އެނިންމެވުމާ އެއްގޮތަށް ޢަމަލު ކުރެވެން ނެތް ކަމުގައި ދަންނަވަމެވެ.

وَيُحِقُّ اللَّهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ (يونس: 82)

އަދި މުޖުރިމުން ނުރުހުނަސް މާތް ﷲ އެކަލާނގެ ކަލިމަފުޅުތަކުން ޙައްޤު ޘާބިތުކުރައްވައި ފާޅު ކުރައްވާނެއެވެ.

13 ޖުމާދަލްއޫލާ 1443

17 ޑިސެމްބަރ 2021

ޕީ.ޓީ.އޭ ގެ ނައިބު ރައީސާ

މިއަދު އޮންލައިން