މިވެރިކަމުގަ ކޮންމެ 3 ދުވަހަކުން 1 ދުވަހަކު އިސްލާމް ދީނާ ދެކޮޅަށްކުރާ ކޮންމެވެސްކަމެއްގެ ޚަބަރު ޢާންމުވޭ! ބިރުހުރިކަމަކަށް ނުވޭތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
މިވެރިކަމުގަ ކޮންމެ 3 ދުވަހަކުން 1 ދުވަހަކު އިސްލާމް ދީނާ ދެކޮޅަށްކުރާ ކޮންމެވެސްކަމެއްގެ ޚަބަރު ޢާންމުވޭ! ބިރުހުރިކަމަކަށް ނުވޭތޯ؟

ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމުގެ ވާހަކައަކީ ކޮންމެ އިންތިޚާބެއް ކައިރިވުމުން ދައްކާ ވާހަކައެއްކަމަށް ބުނާ ބައަކު އުޅެއެވެ. އެބައަކު އެބުނާ ބުނުމުގެ ޙަޤީޤަތަށް ބަލައިލަމާތޯއެވެ؟ 

މިހާރުގެ ސަރުކާރު ވެރިކަމަށް އައިފަހުން މިއަދާއިހަމައަށް ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރުތައް ދިރާސާކޮށްލައްވާށެވެ! މިސަރުކާރު ވެރިކަމަށް އައިފަހުން އިސްލާމް ދީން ހުއްދަނުކުރާ ކަމެއްކުރުމުން އެކަމަށް ފިޔަވަޅުނާޅައިގެންނާއި، އިސްލާމް ދީން ނިކަމެތިކުރަން ކުރާ ކަންކަމާއި އެކަންކަމަށް ފިޔަވަޅު ނާޅައިގެންނާއި މިސްކިތްތަކުގެ ޙުރުމަތް ކެނޑުމާއި ﷲ ތަޢާލާއަށާއި ރަސޫލް ﷺ އަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށްގެންނާއި އިސްލާމް ދީނަށް ގޮންޖަހައިގެންނާއި މުސްލިމުންގެ ޢަޤީދާ ބަލިކަށިކުރަން ކުރާ ކަންކަމާއި ބޭރުން މީހުން ގެނެސްގެން އިސްލާމް ދީން ހުއްދަނުކުރާ ވާހަކަދައްކާ ބައްދަލުވުންތައް ބޭއްވުމާއި އިސްލާމްދީނަށް ހަމަލާދިނުން ފަދަ ކަމެއްގެ ވާހަކަ ކޮންމެ 3 ދުވަހަކު ނޫސްތަކުގައި ވަނީ ޝާއިޢުކޮށްފައެވެ. 

ނޫސްތަކުގައި ޝާއިޢުކުރަނީ މިކަންކަމަށް ހިންގާ ބޮޑެތި ޖަރީމާތަކެވެ. ކޮންމެ ދުވަހަކު ދެވޭ ކުދިކުދި ޙަމަލާތަކުގެ ވާހަކަ ނޫސްތަކުގައި ލިޔެފައެއް ނުހުރެއެވެ. ރާއްޖޭގައި ޝާއިޢުކުރާ ޚަބަރުތައް ދިރާސާކުރާ ބައަކު ރައީސް އޮފީހުގައި ތިބޭކަމަށް އަޑުއިވެއެވެ. އެޔުނިޓުން މިކަންކަން ރަނގަޅަށް ބަލައި ދިރާސާކޮށް ރިޕޯޓެއް ނެރެފިނަމަ ބަޔާންކުރި ޙަޤީޤަތް އެނގިގެންދާނެއެވެ. 

މިކަންކަމަކީ ރައްޔިތުންނަށް އޮޅިފައިވާނެ ކަންކަމެއް ނޫނެވެ. މީހާގެ ފިކުރު ވަކިކޮޅަކަށް ގޮސްހުސްވުމުން މާތް ﷲ ދީނަށްވުރެ ތިމާގެ އަމިއްލަ ފިކުރު ޙިމާޔަތްކޮށް ދިފާޢުކުރަން ބޭނުންވާ ބައަކު ތިބޭނެއެވެ. ނަމަވެސް އެއީ ކަމުގެ އަޞްލާއި ޙަޤީޤަތް އޮޅުވައިލެވޭނެ ސަބަބެއް ނޫނެވެ. 

މިހާރަކަށް އައިސް ބުނެވޭ އަޑު އިވެއެވެ. އިސްލާމް ދީނާ ދެކޮޅަށް ކުރާކަންކަން ކުރަނީ ސަރުކާރުން ހިތްވަރުދީގެނެއް ނޫނެވެ. މިވެނި މީހަކުގެ ސަބަބުންނެވެ. އެބުނާ ބުނުމަކީ ތެދަކަށްވެދާނެއެވެ. ނަމަވެސް ސުވާލަކީ ސަރުކާރަށް މުހިންމީ ރާއްޖޭގައި އިސްލާމްދީން ޙިމާޔަތްކުރުންތޯއެވެ؟ ނޫނީ އެވެނި މިވެނި މީހުން ޙިމާޔަތްކުރުންތޯއެވެ؟ 

މިހާރު އޮތް ސުވާލަކީ ރާއްޖޭގައި ހަދާފައިވާ އިސްލާމް ދީން ހިމާޔަތްކުރުމާ ދީނީ އެއްބައިވައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު ސަރުކާރުން ތަންފީޛު ނުކުރާނަމަ ދެންހުރި ޤާނޫނުތަކަށް ރައްޔިތުން ބޯލަނބަން ޖެހޭނެތޯއެވެ؟  ރާއްޖޭގައި ހަދާފައިވާ އިސްލާމް ދީން ހިމާޔަތްކުރުމާ ދީނީ އެއްބައިވައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު ސަރުކާރުން ތަންފީޛު ނުކުރާނަމަ ވެރިކަން މިކުރަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ރާއްޖޭގައި ވެރިކަން ކުރަން ބަޔާންކޮށްފައިވާ ފަދަ ސަރުކާރެއްތޯއެވެ؟ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ރާއްޖޭގައި ވެރިކަން ކުރަން ބުނެފައިއޮތީ އެޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތަށްތޯއެވެ؟ ނޫނީ އިސްލާމް ދީނުގެ ޢަދާވާތްތެރިންނަށް ވިކިގެން އެމީހުން ބުނާގޮތަށްތޯއެވެ؟ އެމްޑީއެން އުވާލައިފިން ކަމަށްބުނެފައި އެމްޑީއެންގެ ފިކުރަށް ޤާނޫނުތައް ހަދައިގެން އެއީ ޤާނޫނޭ ކިޔައިގެން ތަންފީޒުކުރީމާ އެވަނީ އެމްޑީއެން އުވާލެވިފައިތޯއެވެ؟ 

މިސުވާލުތައް މިއަދު މިކުރަނީ ﷲ ތަޢާލާ އުފެއްދެވި ނިކަމެތި އަޅެކެވެ. މީގެތެރޭގައި ހުރި ﷲ ތަޢާލާގެ ދީން ޙިމާޔަތްކުރުމާއިބެހޭ ސުވާލުތަކާއި އާޚިރަތް ދުވަހު ކުރިމަތިލާން ނުޖެހޭނެ ކަމަށް ހީކުރާނަމަ އެއީ މޮޔަ ވިސްނުމެކެވެ. ނުއެނގެނީ ސުވާލުތައް ކުރައްވަވާނެ ޢިބާރާތެވެ. ސުވާލުތައް ކުރައްވަވާނެކަން އެއީ ޔަޤީންކަމެއްކަން ޢިލްމުވެރިންގެ ބަސްފުޅުތަކުން ސާބިތުވެއެވެ.

މިއަދު އޮންލައިން