މުސްލިމުން މަރުވުމުން ވަޅުލުން ނުވަތަ ޖަނާޒާގެ ކަންކަން ކުރަންވީ ގޮތް އޮތީ ވަރަށް ށާފުކޮށް އެނގޭށެވެ. ޙަދީޘްފުޅުތަކުން ފެންނާށެވެ! އެއްވެސް ޢިލްމުވެރިއަކު ދެބަސްވާ ކަމެއްވެސް އެކަމުގައި ނެތެވެ. ކަންކަން ވަރަށް ސާފުކޮށް އެނގެން އޮތުމުންނެވެ.
މުސްލިމުން މަރުވުމުން ބާއްވާ ޖަނާޒާގައި މައްޗަށް ނުވަތަ ތިރިއަށް ނަމަވެސް ބަޑިޖަހާކަށް ނެތެވެ. މައްޗަށް އަމާޒުކޮށް ބަޑިޖެހުމަށް އުޑަށް ބަޑިޖެހުން ކިޔަނީ އުޑަށް އަމާޒުކޮށް ބަޑިޖަހާތީއެވެ. ބަޑީގެ ވަޒަން އުޑަށް ފޯރާތީއެއް ނޫނެވެ.
"މަލާއިކަތުން ފެއްސުން" ކިޔަނީ މަލާއިކަތުން ފެއްސޭނެތީއެއް ނޫނެވެ. ނަމަވެސް ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ ކަންކަން ކުރާތަނެއްގައި ރަޙްމަތުގެ މަލާއިކަތުން ނުތިއްބަވާނެތީއެވެ. އެތަނަކުން ދުރަށް ވަޑައިގަންނަވާނެތީއެވެ. މިއީ ޙަދީޘްފުޅުތަކުންނާއި ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގި ޔަޤީންވާން ހުރި ކަންކަމެވެ.
މައްޔިތާއަށް އެންމެ ބޮޑަށް ބޭނުންވަނީ ﷲ ތަޢާލާގެ ރަޙްމަތެވެ. މައްޔިތާއަށް ރަޙްމަތް ލައްވަވާނީ އޭނާގެ މައްޗަށް ހެޔޮދުޢާކުރުމުންނެވެ. ބަޑިޖެހުމަކުން ނޫނެވެ. ޖަނާޒާގައި ކުރަން ސުންނަތުގައި ނެތް ކަންކަން ކުރުމަކުން ނޫނެވެ.
ރާއްޖޭގައި ރަސްމީ ޢިއްޒަތްދީގެން ބާއްވާ ޖަނާޒާތަކުގައި މައްޗަށް ބަޑިޖަހައެވެ. އެންމެ ބޮޑު ދީނީ ޢިލްމުވެރިޔާކަމަށް ވިދާޅުވާ ޢިލްމުވެރިޔާގެ ވެރިކަމުގައިވެސް އެކަން ކުރިއެވެ. އެމަނިކުފާނު އެކަން ކުރެއްވީ ކޮން ގޮތަކުން ހުއްދަލިބިގެންކަން އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށެވެ.
ރޭ ބޭއްވުނު ޢުމަރު ޒާހިރުގެ ޖަނާޒާގައި ބަޑިނުޖެހި ސަބަބު އަދި އެނގިފައެއް ނުވެއެވެ. އެކަމަކީ ޢުމަރު ޒާހިރު ވަރަށް ބޮޑަށް ދެކޮޅު ހައްދަވާނެ ކަމެއްކަން ޤަބޫލުކުރެވުން ކަމަށްވެސް ވެދާނެއެވެ. ސަލާމަތީ ސަބަބުތަކަށްތަކައި ކަމަށްވެސް ވެދާނެއެވެ.
ބަޑިޖަހައިގެން ރާއްޖޭގައި ރަސްމީ ޢިއްޒަތުގައި ބާއްވާ ޖަނާޒާތަކަށް ޢިއްޒަތްތެރިން ވަނީ ދެކޮޅު ހައްދަވައިފައެވެ. އެގޮތުން ޢަބްދުއްސައްތާރު މޫސާ ދީދީ ވެސް ވަނީ އެމަނިކުފާނު އަވަހާރަވުމުން ރަސްމީ ޢިއްޒަތުގައި ފަސްދާނުލާން ހަށިކޮޅު ރާއްޖެ ނުގެންދަން ވަޞިއްޔަތްކުރައްވައިފައެވެ.