ރައްޔިތުންގެ ލޯބި އިތުރުވާނީ މަގުމައްޗަށް ނުކުންނަން ނުޖެހި މުޒާހަރާކުރަން ނުޖެހި ޙައްޤުތައް ދިނުމުން- 2 ވަޒީރުން އިސްތިޢުފާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ރައްޔިތުންގެ ލޯބި އިތުރުވާނީ މަގުމައްޗަށް ނުކުންނަން ނުޖެހި މުޒާހަރާކުރަން ނުޖެހި ޙައްޤުތައް ދިނުމުން- 2 ވަޒީރުން އިސްތިޢުފާ!

ވެރިންގެ މައްޗަށް ރައްޔިތުންގެ ލޯބި އިތުރުވާނީ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދަން މަގުމައްޗަށް ނުކުންނަން ނުޖެހި، މުޒާހަރާކުރަން ނުޖެހި ޙައްޤުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުންނެވެ. ވެރިންގެ ކިބައި އިޚްލާޞްތެރިކަން ހުރުމަކީ ރައްޔިތުންނަށް މަގުމައްޗަށް ނުކުންނަން ނުޖައްސައި ޙައްޤުތައް ފޯރުކޮށްދިނުމެވެ. 

ޢަރަބިއްޔާ ސްކޫލަށް ދިމާވި މައްސަލައިގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވި ނިންމެވުމަކީ ތަޢްރީފް ޙައްޤު ނިންމެވުމެކެވެ. ހިތާމައަކީ ރައްޔިތުންނަށް ޚިދުމަތްކުރަން އެމަނިކުފާނު ވަޒީފާ ދެއްވާފައި ތިބި މީހުންގެ ކިބައިގައި އިޚްލާޞްތެރިކަމެއް ނެތުމެވެ. ރައީސްއަށް އަރުވަންޖެހޭ މައުލޫމާތު ނުއަރުވައި އަމިއްލައަށް ކަންކަން ނިންމާ ކަމެވެ. 

އެހެން "ޗޮއިސްއެއް" ނެތްކަމަށް ބުނަމުން އައި ވަޒީރަކީ މިހާރުން މިހާރަށް ވަޒީފާއިން ވަކިކުރަންޖެހޭ ވަޒީރެކެވެ. އެކަން ޢަރަބިއްޔާގެ ބެލެނިވެރިންނާއި ބައްދަލުކުރައްވައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުންވެސް ސާބިތުވެއެވެ. 

އެޕްރިލްމަހުން ފެށިގެން މިހައިތަނަށް އެޑިޔުކޭޝަން މިނިސްޓްރީން އެއްވެސް ފިޔަވަޅެއް ނާލައި އޮއްވާ ބެލެނިވެރިންނާ މުދައްރިސުން ކަންބޮޑުވެ މަގުމައްޗަށް ނުކުންނަ ހިސާބަށް ކަންކަން ދިއުމުން ދެންވެސް ވަޒީރު ހެދީ ދޮގުކަން ވަނީ ސާބިތުވެފައެވެ. އެވަރުގެ ދޮގުހަދާ އަންހެަކު ވަޒީރަކަށް ހުރި މައްސަލަ މަޖިލީހުން ނުބަލަނީ އެވަޒީރުގެ ފިކުރަކީ ޝައިޠޯނާގެ ފިކުރުކަމަށްވުމުން އެފިކުރަށް ރުހޭތީ ކަމަށް ބެލެވެއެވެ. 

ތިމަރަފުށީގައި ﷲ ސުބްޙާނަހޫ ވަތއާލާގެ ނަންފުޅު ކިޔައި ނުބައިވެގެންވާ ބަސްތައް ބުނި އަންހެނާ ހެދީ މޮޔައަކަށެވެ. ނަފްސާނީ މީހަކަށެވެ. ޖެންޑަރ މިނިސްޓްރީން އެކަން ދޮގުކުރުމުންވެސް އޭނާ އާއިމެދު ޤާނޫނީ ފިޔަވަޅެއް ނާޅައެވެ. ފިޔަވަޅު އެޅީ ރައްޔިތުން ނުކުމެ މުޒާހަރާކުރުމުންނެވެ. 

އިސްލާމިކް މިނިސްޓރީވެސް އެމިނިސްތަރެއްގެ ދަށުން ހިންގާ ހޯމް މިނިސްޓަރު މަޤާމަށް ކުފޫހަމަވާކަމާއިމެދު ސުވާލު އުފެދެނީ އިސްލާމް ދީން ޙިމާޔަތްކުރަން އަލަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަހަތުފަޔަށް ބުރަބޮޑުވެފައި ހުރިވަރުންނެވެ. އިސްލާމް ދީން ހިމާޔަތްކުރަންވެސް ފިޔަވަޅު އަޅަނީ ރައްޔިތުން ނުކުމެ މުޒާހަރާކުރަން ފެށުމުން ކަމުގައިވާތީއެވެ. ފުލުހުންގެ ވެރިޔާގެ ހައިޞިއްޔަތުން ހޯމް މިނިސްތަރު އެހުރީ ކިތަންމެ ބޮޑަކަސްވެސް ފޭލްވެފައިކަން ހަމަ އެކަނި ތިމަރަފުށީ އަންހެނާގެ މައްސަލައިންވެސް އެނގިގެން ނުދޭތޯއެވެ!  

ރައީސް ޞާލިޙްގެ ސަރުކާރަށް ރައްޔިތުންގެ ލޯބި އިތުރުވެގެންދާނީ މިފަދަ ކަންކަމަށް ސަމާލުކަންދީގެންނެވެ. ރައްޔިތުންގެ ޙައްޤުތައް ހޯދުމާއި އިސްލާމް ދީން ޙިމާޔަތްކުރުމަކީ ރައްޔިތުން މަގުމައްޗަށް ނުކުމެ ކުރަންޖެހޭ ކަމަކަށް ނުވާނެ ގޮތަކަށް ވެރިކަން ހިންގިގެންނެވެ.

މިއަދު އޮންލައިން