ޔުނައިޓެޑް ވޯލްޑް ކޮލެޖުގެ ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޔުނައިޓެޑް ވާރލްޑް ކޮލެޖް (ޔޫޑަބްލިއުސީ) ސްކޮލަރޝިޕަކީ އޯލެވެލް ފެންވަރުގެ ކިޔެވުން ނިންމާ ދިވެހި ކިޔަވާ ކުދިންނަށް ޚާއްސަކުރެވިގެން ކުރިއަށް ގެންދާ ސްކޮލަރޝިޕް ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ގްރޭޑް 10 ނިންމައި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރަކަށް މަތީ ސާނަވީ ތަޢުލީމު ޔުނައިޓެޑް ވާރލްޑް ކޮލެޖެއްގައި ފުރިހަމަ ކުރުމަށް ފުރުޞަތު ދެވޭނެއެވެ. އަދި މިއަހަރު މި ފުރުސަތު ގްރޭޑް ދިހައެއްގައި ކިޔަވަމުންދާ ދަރުވަރުންނަށްވެސް ހުޅުވާލެވިފައިވެއެވެ. މިއަންނަ އަހަރުގެ (2022 -2024) ސްކޮލަރޝިޕް ފުރުޞަތު މިހާރު މިވަނީ ހުޅުވާލެވިފައެވެ. އަދި 29 ޖަނަވަރީ އާ ހަމައަށް އެޕްލިކޭޝަން ބަލައިގަންނާނެއެވެ.
ޔޫޑަބްލިއުސީ އަކީ 1962 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އަމާންކަމާއި އެއްބަޔަކު އަނެއްބަޔަކާ ސުލްހަވެރިކަމާއެކު ދިރިއުޅުމަށް ބާރުއެޅުމަށް ތަޢުލީމަކީ ބިންގަލެއް ކަމުގައި ދެކި މަތީ ސާނަވީ އުމުރުގެ ޒުވާނުންނަށް ޚާއްޞަކުރެވިގެން އުފެއްދި ސްކޫލް ނުވަތަ ކޮލެޖުތަކެކެވެ. މިއަދު ދުނިޔޭގެ އެކި ޤައުމުތަކުގައި ޖުމްލަ 18 ކޮލެޖް ހުރެއެވެ. ޔޫޑަބްލިއުސީގައި ދަރިވަރުން ފުރިހަމަ ކުރާނީ އިންޓަރނޭޝަނަލް ބެކަލޯރިއޭޓް (އައި.ބީ) ޑިޕްލޮމާއެވެ. އައި.ބީ އަކީ އޭލެވެލް އާއި އެއްފެންވަރުގެ އަދި ދުނިޔޭގެ ހުރިހާ ޔުނިވަރސިޓީތަކެއްގައިވެސް ޤަބޫލުކުރާ ދިވެހިރާއްޖޭގެ ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ 2 އަހަރުގެ ކޯހެކެވެ.
ޔޫޑަބްލިއުސީ މޯލްޑިވްސް ނެޝަނަލް ކޮމިޓީ އިން ކޮންމެ އަހަރަކުވެސް މި ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައި ޔޫޑަބްލިއުސީތަކަށް ދިވެހި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ފޮނުވުމަށް މަސައްކަތް ކުރަމެވެ. 2001 ވަނަ އަހަރުން ފެށިގެން ޖުމްލަ 60 އަށްވުރެން ގިނަ ދިވެހި ދަރިވަރުން ވަނީ ފުލް ސްކޮލަރޝިޕްގައި ޔޫޑަބްލިއުސީތަކުގައި ތަޢުލީމު ޚާސިލްކޮށްފައެވެ. އަދި ޔޫޑަބްލިއުސީގެ 2 އަހަރު ފުރިހަމަކުރުމަށްފަހު ހުރިހާ ދިވެހި ދަރިވަރުންނަށްވެސް ދުނިޔޭގެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން މަތީ ތައުލީމު ހާސިލްކުރުމަށް ސްކޮލަރޝިޕް ލިބިފައިވާކަން އުފަލާއެކު ފާހަގަ ކުރަމެވެ. އަދި މިއީ ދިވެހި ސަޤާފަތާއި އާދަކާދަތައް ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ތަމްސީލުކުރުމަށް ލިބޭ ފުރުޞަތެކެވެ. މިހާރު ޔޫޑަބްލިއުސީގައި ދިވެހި 6 ދަރިވަރުން ތައުލީމު ޙާސިލް ކުރަމުން ގެންދާކަންވެސް ފަހަގަ ކުރަމެވެ.
ސޮކޮލަރޝިޕް ފޯމް ޔޫޑަބްލިއުސީ މޯލްޑިވްސް ގެ ވެބްސައިޓް www.mv.uwc.org އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ސްކޮލަރޝިޕް ފުރުސަތަށް ފޯމުހުށަހަޅާއިރު ފުރިހަމަ ވާންޖެހޭ ޝަރުތުތަކާއި އިތުރު މައުލޫމާތުވެސް މި ވެބްސައިޓްގައި ޝާއިރުކުރެވިފައިވާނެއެވެ.