އުރީދޫ އިން ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ހާއްސަ އޮފާތަކެއް ދެން ނިންމައިފިއެވެ.
މިކަމާގުޅިގެން އުރީދޫއިން ބުނެފައިވަނީ އުރީދޫ ފޯނު ބިލު، ކޮފީ ބިލު ނުވަތަ ކެއުމުގެ ބިލު އަދި ފިހާރަތަކުން އެއްޗިހި ގަތުމަށް ފަހު އެމް ފައިސާގެ ޒަރިއްޔާއިން ބިލު ދައްކާނަމަ އެ ކަސްޓަމަރަކަށް ފަސް ޕަސެންޓާ ހަމައަށް ކޭޝްބެކް ލިބޭނެ ކަމަށެވެ.
"އުރީދޫ ކްލަބް ޕްރިމިއާ" އަކީ އެ ކުންފުނީގެ ފަރާތުން އުރީދޫގެ ބައެއް ކަސްޓަމަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ދޭ ހާއްސަ ހިދުމަތެކެވެ. މި ހިދުމަތުގެ ތެރޭގައި އުރީދޫގެ އެހެން ކަސްޓަމަރުންނަށް ނުލިބޭ ހިދުމަތްތަކާއި އޮފާތައް ލިބެން ހުންނާނެއެވެ. މިއީ ވަކި ވަގުތަކަށް ކުރިއަަށް ގެންދާ ޕްރޮމޯޝަނަކަށް ވުމުން، މި އޮފާތައް ލިބޭނީ ކުރިން ކްލަބް ޕްރިމިއާގެ ކަސްޓަމަރުންނަށް ލިބޭ ޑިސްކައުންޓުތަކާ ވެސް އެއްކޮށެވެ.
އުރީދުގެ ކްލަބް ޕްރިމިއާ ހަރަކާތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ އިތުރު އެކްސްކުލޫސިވް ޑީލްތަކާ އެކު ރާއްޖޭގެ ގިނަ ކުންފުނިތަކެއްގެ ސަޕޯޓް ހޯދާފައެވެ. މީގެތެރޭގައި ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ކޭއެފްސީ، މެންގޯ، ސޮނީ ލައިފް ސްޓައިލް އަދި ކައިލާންގެ އިތުރުން ވެސް އެހެނިހެން ތަންތަން ހިމެނެއެވެ.