ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތަށް ކުރިމަތިވި މައްސަލަތަކާއި ގުޅިގެން ޢަރަބިއްޔާގެ މުދައްރިސުންނާއި ބެލެނިވެރިން ކަންބޮޑުވެ މަގުތަކުގައި ދެކޮޅަށް ދުވާތާ އެތައް ދުވަހެއް ވެގެން ދިއައީއެވެ. ނޫސްމީޑިއާތަކަށް އާދޭސްކޮށް ސަލާންޖަހައިގެންވެސް މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަން ކުރި މަސައްކަތްތަކަށް ހަމަ އައްސަރިބަހާއި ތަޢްރީފް ޙައްޤެވެ.
ބެލެނިވެރިން މަގުމައްޗަށް ނުކުތުމުން ބާރު ސްޕީޑުގައި ފެންދޫކުރާ ހޮޅި، ފެންޖަހައި މާބަނޑު އަންހެނުން ފުރަގަހަށް ވައްޓާ ފެންހޮޅި އާއި ކަރުނަ ގޭހާއި ބިޑިއާއި ހުރިކަން އެނގިތިބެ މިފަހަރުވެސް ހަމަ މަގުމައްޗަށް ބެލެނިވެރިން ނުކުތްކަމަށްވެސް ހަަމަ އައްސަރިބަހާއި ސާބަހެވެ.
އަޅާލައި އެހީތެރިވާން ތިބި ފަރާތްތަކުން އެއްފަރާތެއްގައި ކުޅިބަލަން ތިބީއެވެ. އެންމެ ކުޑަމިނުން ހިތްވަރުދިނުމުގެ ބަހެއް ބުނިއަޑެއްވެސް ނުއިވެއެވެ. ހިތްވަރުދެއްވައި އެއްބައިވަންތަކަން ހާމަކޮށްލެއްވީވެސް ޢިލްމުވެރިންނެވެ. ޚާއްޞަކޮށް ޑރ. އިޔާޟް އާއި ޝައިޚް ޢަލީ ޒައިދު ފާހަގަކޮށްލެވެއެވެ. ޢަރަބިއްޔާގެ ސާބިތު މުދައްރިސުންނާއި ބެލެނިވެރިންގެ މަސައްކަތޔުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައި ނަޞްރު ދެއްވެވުމުން ރީތިހައި ރާގުތަކަށް ސަނާކިޔާ މީހުން ގިނަވެއްޖެއެވެ.
ޢަރަބިއްޔާގެ ސާބިތު މުދައްރިސުންތެރެއިން ހިމެނިވަޑައިގަންނަވާ ފަހުލަވާނު ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވީ "ޢަރަބިއްޔާ ސްކޫލްގެ ޙައްޤުގަ ޓަކިޖަހަންޖެހޭ އެއްވެސް ދޮރެއް، ކުޑަދޮރެއް، ފެންލައިޓެއްގަވެސް ޓަކި ނުޖަހާ ދޫކުރެވޭކަށް ނެތް." ކަމަށެވެ.
ތައުލީމީ ވަޒީރު "ނޯއަދަރ ޗޮއިސް" ގަ ބާރަށް ހިފަހައްޓަވައިގެން ހުންނަވަނިކޮށް ބިރުކަނޑާލައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ބައްދަލުކުރަން ބެލެނިވެރިން ކުރި މަސައްކަތުގެ ތެރެއިން ބައްދަލުވުން ބޭއްވި ކަމުގެ ޙަޤީޤަތް އެމަނިކުފާނަށް ސާފުވެވަޑައިގަތުމުން ޢަރަބިއްޔާގެ މައްސަލައިގައި މިހާރު އެމަނިކުފާނުވަނީ ވަރަށް ފުރިހަމަ "ޗޮއިސްއެއް" ދައްކަވައިފައެވެ. "ނޯ އަދަރ ޗޮއިސް" ޖަނާޒާ ކުރައްވައިފައެވެ. އުންމީދު ކުރަންވީ އެކަމަނާ މަޤާމުން ޖަނާޒާކުރެވޭނެ ވަގުތަކަށެވެ. ޢަރަބި އިސްލާމީ ތައުލީމް ކުރިއަށް ގެންދަން ހުރަސް އެލޭ ގޮތް ނޫން ގޮތެއް ނުދެއްކި ކަމަނާއަށް އެމަޤާމުގައި ހުރެވުމަކީ ކުރިމަތިވާނެ ރާޅުތައް މާބޮޑަށް ބިޔަވަެގެންދާނެ ކަމެކެވެ.
އެކަމަނާ އެންމެފަހުން ހާމަކުރި ޕްލޭންގައިވެސް ވަނީ އެސްކޫލަށް ޢަރަބިއްޔާގެ ދަރިވަރުން ބަދަލުކުރުމަށްޓަކައި އެސްކޫލުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ޙައްޤުތައް 2 ގަޑިއިރަށް ނިގުޅައިގަތުމަށެވެ. މިއީ ތައުލީމީ ވަޒީރަކު ކޮންގޮތަކަށް ކުރާ ޕްލޭނެއް ކަމާއިމެދުވެސް ވަނީ ޝައްކު އުފެދިފައެވެ.
ޑރ. އިޔާޟް ވަނީ ޢަރަބިއްޔާގެ މުދައްރިސުންނާ ބެލެނިވެރިންގެ ހިތްވަރަށް ތައުރީފް ކުރައްވާފައެވެ. އަދި ފޯކަސް ގެއްލުވާލަން އުޅޭ މީހުންގެ މަޅީގައި ނުޖެހުމަށް އިލްތިމާސްކުރައްވައިފައެވެ.
ހިހޫތަނުން ކައިގެން މަތިފަޑިއަށް އަރަން މަސައްކަތްކުރާ ބައަކު އަބަދުވެސް ތިބޭނެއެވެ!