ޖޯޑަން ގެ ލޭންޑް އޮފް ޕީސް ފޮރ ޑެވެލޮޕްމެންޓް އެންޑް ހިއުމަން ރައިޓްސް ގެ ފަރާތުން ބާއްވަމުން ގެންދާ "ވޯލްޑް ޕީސް ކޮންފެރެންސް" ގެ ފަސްވަނަ މަހާސިންތާ ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެން މިމަހުގެ 26 އިން 27 ގެ ނިޔަލަށްވަނީ ކުރިއަށް ގެންގޮސްފިއެވެ.
މި މަހާސިންތާ އަކީ ޢާލަމީ އަދި މުޖުތަމަޢީ އަމާންކަން ބިނާކޮށް ވަރުގަދަ ކުރުމަށްޓަކައި ޔުނިވަރސިޓީ ތަކާއި ދަރިވަރުންގެ މެދުގައި ބަދަލު ކުރެވޭ ސަގާފީ ޕްރޮގްރާމް ތަކުގެ ތެރެއިން ހިމެނޭ ޕްރޮގްރާމެކެވެ.
މިފަހަރުގެ މަހާސިންތާ ގައި މަޝްވަރާ ކުރެވޭ ނާރެސް ތަކުގެ ތެރޭގައި ހިމެނެނީ، ޢާލަމީ އަދި މުޖުތަމަޢީ އަމާންކަން ވަރުގަދަ ކުރުމަށްޓަކައި ޔުނިވަރސިޓީ ތަކާއި ދަރިވަރުންގެ މެދުގައި ބަދަލު ކުރެވޭ ސަގާފީ ޕްރޮގްރާމް ތަކުގެ މުހިންމުކަމާއި، ޔުނިވަރސިޓީ ތަކުގެ ސަގާފަތު ބިނާ ކުރުމުގައި ޢާލަމީ އަދި މުޖުތަމަޢީ އަމާންކަން ދެމެހެއްޓުމުގެ އަސަރު، މުޖުތަމަޢުތައް ގުޅިގެން އެކުގައި އުޅުމުގެ ސަގާފަތު ދެމެހެއްޓުމުގައި ޔުނިވަރސިޓީގެ ދަރިވަރުންގެ ހަރަކާތްތަކުގެ ދައުރު، މުޖުތަމަޢީ އަމާންކަން ބިނާކުރުމުގައި އަންހެނުންގެ ދައުރު، ނަފްރަތު އުފެއްދުމުގެ ވާހަކަތަކަށް ބަދީލީ މަޝްރޫޢެއް ތަޢާރަފް ކުރުމުގައި މީޑިއާގެ ވަސީލަތްތަކުގެ ދައުރު، މުޖުތަމަޢީ ޢަދި ޢާލަމީ އަމާންކަން ފުޅާ ކުރުމުގައި ފަތުރުވެރިކަމުގެ ދާއިރާ ގެ ދައުރު އަދި ޢާލަމީ އަދި މުޖުތަމަޢީ އަމާންކަން ބަދަލުކުރުމުގެ ސަގާފަތުގެ ސަބަބުން ޤައުމީ އަދި ބައިނަލް އަޤުވާމީ އިޤުތިޞާދަށް ކުރާ އަސަރެވެ.
މި މަހާސިންތާ ގައި ލޭންޑް އޮފް ޕީސް ގެ ޑިރެކްޓަރ ޑރ. ޢިމާދުއްދީން ޒަޣޫލް އާއި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ގެ އިތުރުން ޖޯޑަންގެ ޔަރްމޫކް ޔުނިވަރސިޓީ އާއި، ޖަރމަން ޖޯޑަން ޔުނިވަރސިޓީއާއި، ޢައްމާން ޢަރަބް އޯޕެން ޔުނިވަރސިޓީއާއި، ނެދަރލޭންޑް ގެ އެމްސްޓަޑަރމް އިސްލާމިކް އިންސްޓިޓިއުޓް އާއި، ރާއްޖޭގެ އެހެން ބައެއް މުއައްސަސާ ތަކުގެ ބޭފުޅުން ތަޤުރީރު ކުރެއްވިއެވެ.
ޖޯޑަން ގެ ލޭންޑް އޮފް ޕީސް ފޮރ ޑެވެލޮޕްމެންޓް އެންޑް ހިއުމަން ރައިޓްސް ގެ ފަރާތުން ބާއްވަމުން ގެންދާ "ވޯލްޑް ޕީސް ކޮންފެރެންސް" ގެ ފަސްވަނަ މަހާސިންތާ އިފްތިތާޙު ކޮށްދެއްވާނީ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް (ރިޓާޔަޑް) ޒަކަރިއްޔާ މަންޞޫރެވެ.