ހޯމްސްޓޭއަކީ ދުރާލާ ރާވައިގެން ބައަކު މީހުން ހިންގާ ބޮޑުވެގެންވާ ޖަރީމާއެއް. ﷲ ޢަށް ބިރުވެތިވޭ!: ޝައިޚް މުޙައްމަދު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ހޯމްސްޓޭއަކީ ދުރާލާ ރާވައިގެން ބައަކު މީހުން ހިންގާ ބޮޑުވެގެންވާ ޖަރީމާއެއް. ﷲ ޢަށް ބިރުވެތިވޭ!: ޝައިޚް މުޙައްމަދު ލަޠީފް

"ހޯމް ސްޓޭ ޕޮރުގުރާމަކީ މުސްލިމު ދިވެހި ރައްޔިތުން ދުނިޔޭގެ ދަޅައިގައި ޖައްސައި އެމީހުންގެ ގެތަކުން އިސްލާމްވަންތަކަން ފޮހެލުމަށާއި އިސްލާމް ދީނާ ބީރައްޓެހި ގޮތްތައް މުޖުތަމަޢުގައި އަށަގެންނެވުމަށް ދުރާލާ ރާވައިގެން ބަޔަކު މީހުން ހިންގާ ބޮޑުވެގެންވާ ޖަރީމާއެއް. ﷲ ޢަށް ބިރުވެތިވޭ!" 

ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ މިފަދަ ބަސްފުޅެއް ވިދާޅުވީ އެހެން ދީންތަކުގެ މީހުން ގޭގައި ބައިތިއްބާނަމަ ރަމަޟާން މަހުވެސް އެމީހުންނަށް ކައްކައި ކާންދޭންޖެހުން ފަދަ އެތައް މައްސަލަތަކެއް ކުރިމަތިވާނެތީއެވެ. 

"އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އަދި މިހައިތަނަށް މިއަންނަނީ ރަމަޟާން މަހަށް ހޮޓާތަކާ ރެސްޓޯރަންޓްތައްވެސް ބަންދުކުރަމުން. ދެން ގޭގައި ކައްކައި ދަރިންގެ ކުރިމަތީގައި އެމީހުންނަށް ކާންދީ ހަދާނަމަ ދަރިންނަށް އެދަސްކޮށްދެވެނީ އިސްލާމް ދީނާއި ވަރަށް ބީރައްޓެހި ފިލާވަޅެއް. އެކަމުގެ ނޭދެވޭ އަސަރު ދަރިންނަށް ކުރާނެ. އެއީ ރަނގަޅު ތަރުބިއްޔަތެއް ނޫން. ފަހުން ހިތާމަކުރަންވެސް ޖެހޭނެ. މިއީ ވަރަށް ބިރުހުރި ކަމެއް."  

ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ މީގެ އިތުރުން އެހެން ދީންތަކުގެ މީހުން ގޭގައި ގެންގުޅުމަކީ އެމީހުންގެ ޘަޤާފަތާއި އާދަކާދަތައް ދަރިންނަށް ދަސްވާނެ ކަމެއް ކަމަށާއި މިއީ ވަރަށް ނުރަނގަޅު ކަމެއް ކަމަށެވެ. ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ ޢާއިލާ ގޮވައިގެން ޢާއިލާ އާއިއެކު ސުވަރުގެ ވަނުމަށް ކަމަށެވެ. "ﷲ ތަޢާލާ ޤުރްއާނުގައި އަންގަވާފައިވާ ގޮތަކީ އެއީ." 

" އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސް ތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." (އައްތަޙްރީމް: 6)

ޖީބަށް ވަދެދާނެ މަދު ޑޮލަރުކޮޅެއްގެ ދަހިވެތިކަމުގައި ދަރިންގެ އާޚިރަތް ނަގާލަން ހެޔޮވެދާނެ ހެއްޔެވެ؟ 

އެންމެ ބޭނުންވަނީ މިމަތިވެރި ނިޢްމަތް ނޫންހެއްޔެވެ؟ 

"އަދި އީމާންވިމީހުން އެއުރެންގެ ދަރިން އީމާންވުމާއެކު، އެއުރެންނަށް ތަބަޢަ ވުމުން، އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ ޢަމަލަކުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ. ކޮންމެމީހަކީވެސް އެމީހަކު ހޯދި ޢަމަލަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނޭ މީހެކެވެ." (އައްތޫރު: 21)

 

މިއަދު އޮންލައިން