ރާއްޖޭގެ ވިޔަފާރިތައް ކުރިއަރައި ދިއުމުގައި އެންމެ ބޮޑަށް އެހީތެރިވަމުން އަންނަ ޗައިނާއަށް ކުރިން ވިސާ ނެގުމަކާ ނުލާ ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހުމުން ވިޔަފާރިވެރިން ތިބީ އުފަލުން ހެވި ދިލިފައެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ ބާޒާރުގައިވެސް އެންމެ ގިނައީ ޗައިނާގެ އުފެއްދުންތަކެވެ. ވިޔަފާރީގައި ޗައިނާ ކުރިއަރާފައިވާވަރުން ޗައިނާ އާ އެންމެ ވާދަވެރި އެމެރިކާގައިވެސް އެންމެ ބާރަށް ވިކެމުން އަންނަނީ ޗައިނާގެ އުފެއްދުންތަކެވެ.
ޗައިނާއިން ޤައުމުތަކަށް ހިލޭ އެހީގެ ގޮތުގައާއި ލޯނުގެ އެހީދެމުން އަންނަނީ އެޤައުމުތަކުގައި ޗައިނާގެ ސިފައިން ބައިތިއްބައި މިނިވަންކަމާއި އިސްތިޤްލާލަށް އަރައިގަންނަމުން ނޫންކަން ފާހަގަކުރެވެއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން ޗައިނާއިން އަންނަނީ ރާއްޖޭގައި ފްލެޓްވެސް އަޅައިދެމުންނެވެ. މާލެ ހިޔާތަކާއި ހުޅުމާލެ ގޭސް 1 ގައިވެސް އެހުރީ ޗައިނާއިން އަޅައިދީފައިވާ ފްލެޓުތަކެވެ. މާލޭގައި ނަރދަމާ ނިޒާމު ޤާއިމުކޮށްދިނީ ޗައިނާއިންނެވެ. މާލޭގައި ވަނީ ބޮޑެތި ބިޔަ ޢިމާރާތްތައްވެސް އެންމެ ޒަމާނީ ފެންވަރަށް އަޅައިދީފައެވެ. ޗައިނާ މޯލްޑީވްސް ފްރެންޑްޝުޕް ބްރިޖުގެ އިތުރުންވެސް ރައްޔިތުންނަށް ފައިދާކުރާނެ އެތައް ބައިވަރު މަޝްރޫޢުތަކެއް ވަނީ ހިންގާދީފައެވެ. ނަމަވެސް ދުވަހަކުވެސް ރާއްޖޭގައި ޗައިނާގެ އަސްކަރިއްޔާގެ ބައަކު ބަނޑަހަޖަހައިގެން ތިބެފައެއް ނުވެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާން:
ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަތަކަށް މިހާރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ސޮއިކުރެވުނު ވިސާ އެގްޒެމްޝަން އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެއެވެ. މިއީ ދިވެހިންނަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށް އުޅުމުގައި ލުއި ގޮތްތައް ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔަ 5 ވަނަ ގައުމެވެ. 2018 ނޮވެމްބަރު މަހުގެ ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، ތައިލެންޑް އަދި މޮރޮކޯ އިން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހްގެ ސަރުކާރުން ކުރެއްވި މަޝްވަރާތަކަށްފަހު ސައޫދީޢަރަބިއްޔާ، އިންޑިއާ އަދި ސްރީލަންކާއަށް ދަތުރުކުރުމުގައި ދިވެހިންނަށް ވިސާގެ ލުއިފަސޭހަ ގޮތްތައް ވަނީ ހަމަޖެހިފައެވެ.
ކޮވިޑް-19ގެ ސަބަބުން ޗައިނާއިން މިވަގުތު ދަތުރުފަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވުމާއި އެކު، އޮން-އެރައިވަލް ވިސާ ދޫކުރަން ފަށާނީ، މިފިޔަވަޅުތަކަށް ލުއިދޭ ހިސާބުންނެވެ.