އިތުބާރާއިއެކު އޭޑީކޭ ހޮސްޕިޓަލުން މިހާރުވެސް ގެނަދަނީ ޕީސީއާރު ޓެސްޓް ހަދައިދެމުންނެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އަފްޢާލް މިއަދުނޫހަށް ވިދާޅުވީ މިހާރުވެސް ދުވާލަކު 1000 އަށްވުރެ ގިނަ ޓެސްޓް ހަދައިދޭ ކަމަށާއި އަދަދު އިތުރުކުރުމުގެ ޤާބިލުކަން ލެބޯޓްރީއަށް ލިބިފައިވާކަމަށެވެ.
"ދެން އަގުގެ ގޮތުންދަންނަވަން އޮތީ ބޭރުން ތަކެތި އެތެރެކޮށްގެން މުވައްޒިފުންނަށް މުސާރަދެމުން މިއަށްވުރެ އަގުހެޔޮކޮށް މިޚިދުމަތް ދެވޭކަށް އަޅުގަނޑުމެންނަކަށް ނެތޭ. ހަމަ ވަރަށް ބޮޑަށް ޚިދުމަތަކަށް ބަލައިގެންނޭ މިކުރަނީ. އަދި އަޅުގަނޑުމެން އެކަން މިކުރަނީ އެކަންކުރަންޖެހޭ އެންމެރަނގަޅު ފެނަވަރުގަ. ޔޫކޭގަ އެބަނަގާ 140 ޕައުންޑު. ޔޫއޭއީގަ ވެސް 40 ޑޮލަރުން މަތީގަ އަގުތައް ހުރީ." އަފްޢާލް ވިދާޅުވިއެވެ.
އޭޑީކޭ ހޮސްޕިޓަލުން ސާމްޕަލް ނަގައި އެދުވަހުން އެދުވަހަށް ނަތީޖާ ލިބޭއިރު އަގަކަށް ނަގަނީ 750 ރުފިޔާއެވެ. ބައެއް އަމިއްލަ ކްލިނިކްތަކުން 6 ގަޑިއިރު ތެރޭގައި ނަތީޖާ ދޭނަމަ 1000 ރުފިޔާގެ އަގެއް ނަގަން މިހާރުވަނީ ފަށައިފައެވެ.