އަރަބިއްޔާ ސްކޫލުގެ ބޭނުމަށް ކާނިވާ ސަރަހައްދުން ބިމެއްދެން މާލެ ސިޓީ ކައުންސިލުން އެއްބަސްވެއްޖެއެވެ.
އަރަބިއްޔާގެ ކޮންމެ ދަންފަޅިއެއްގައި 400 އެއްހާ ދަރިވަރުން ވަދެ ނުކުމެ ހަދާ ކަމަށާއި، ދަރިވަރުން ގޮވައިގެން އަދި ބަލާ އައިސް ބެލެނިވެރިން މަޑުކޮށްލުމަށް އަދި، ދަރިވަރުންގެ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބިންކޮޅެއް ބޭނުންވާ ކަމަށް އެޑިއުކޭޝަނުން ބުނެފައިވާތީ އެކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ، މިނިސްޓްރީން އެދިފައިވާ ބިމަކީ ސިޓީ ކައުންސިލާއި އެހްނ ފަރާތަކާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހަވާލު ކުރެވިފައިވާ ބައެއް ހިމެނޭ ބިމެއް ކަމަށެވެ.
ނަމަވެސް، މިހާރުވެސް ސައިކަލް ޕާކް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު އަރަބިއްޔާ ސްކޫލުގެ ބޭނުމަށް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ގޮތަށް ބޭނުންކުރުމަށް ދެވިދާނެ ކަމަށާއި، އެ ޖާގައިގައި ބެލެނިވެރިން މަޑުކޮށް، ސައިކަލް ޕާކްކުރުމަށް ބޭނުން ކުރެވިދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ ޖާގަ ހުސްކޮށްދިނުމުގެ މަސައްކަތްކޮށް ނިންމާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
އަރަބިއްޔާ ކުރިން ހިންގި އިމާރާތުގެ ހާލަތު ގޯސްވެ، ކުދިންނަށް ނުރައްކާވުމާއި ގުޅިގެން ސަރުކާރުން އަރަބިއްޔާ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތަށް ވަނީ ބަދަލުކޮށްފައެވެ.