ފާއިތުވި ޑިސެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު 78 އިންސައްތަ އިތުރުވެފައިވާކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
2020 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދިވެހިރާއްޖެއަށް 2.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 4.5 ބިލިއަން ރުފިޔާއެވެ. 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހު 296 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 364 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ކަސްޓަމްސް ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ ، ޗައިނާ ، އަދި އިންޑިއާ އާއި އޮމާން އެވެ. ޔޫ.އޭ.އީ އިން 713 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާ އިން 575 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
މީގެއިތުރުން އިންޑިއާ އިން 504 މިލިއަން ރުފިޔާގެ މުދާ އަދި އޮމާން އިން 487 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.