ކަސްޓަމްސް ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ، އައްޑޫ ސިޓީ މަރަދޫގައި އަޅައިފިއެވެ.
މަރަދޫ ޕާރކް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އަދި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުއެވެ.
މި ރަސްމިއްޔާތުގައި، ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުގެ އިތުރުން ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އިލްޔާސް ލަބީބު އަދި ހިތަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އިބްރާހިމް ނާޒިލްގެ އިތުރުން އައްޑޫސިޓީގެ ކައުންސިލް މެމްބަރުންނާއި، މަރަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މަރަދޫގެ ރައްޔިތުންގެ އިތުރުން އެމް.އެން.ޑީ.އެފް އަދި ކަސްޓަމްސްގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެ ސަރުކާރުގެ ވިސްނުމަކީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށްޓަކައި، މާލެފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކުގައި އިމްޕޯރޓް އެކްސްޕޯރޓްގެ މަސައްކަތް މިހާރަށްވުރެ ފުޅާދައިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި މިއަދު މި ބިންގާ އެޅޭ، ސައުތު ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫ ސިޓީގެ ވިޔަފާރި ބަނދަރު އިތުރަށް ތަރައްޤީވެ، އައްޑޫ ސިޓީގެ ވިޔަފާރިއަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްގެ ވާހަކަފުޅުގައި މިއަދު މި ބިންގާ އެޅޭ އިމާރާތަކީ، އައްޑޫ ސިޓީގެ އެކްސްޕޯޓް އިމްޕޯޓްގެ މަސައްކަތް ފުޅާވެ ކަސްޓަމްސްއިން ފޯރުކޮށްދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދިނުމަށް އައްޑޫގައި އެޅޭ ސަރުކާރުގެ މުހިންމު ބިނާއަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި ރީޖަނަލް އޮފީހުގެ ސަބަބުން އައްޑޫގެ ވިޔަފާރިތަކަށް މުސްތަޤްބަލުގައި ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
22.3 މިލިއަން ރުފިޔާއަށް، 411 ދުވަހުގެ ތެރޭގައި ނިންމާގޮތަށް މިއިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާއެވެ. 3 ބުރީގެ މިއިމާރާތުގައި އިދާރީ އޮފީހަކާއި، ސްޓާފް އެކޮމޮޑޭޝަން ބައެއްގެ އިތުރުން ރީޖަނަލް ޓްރޭނިން ސެންޓަރެއް އެޅިގެންދާނެއެވެ.