ބަލިވެއްޖެނަމަ ބޭސްފަރުވާކުރަމުންވެސް ވީވަރަކުން ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ޝިފާ ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ބަލިވެއްޖެނަމަ ބޭސްފަރުވާކުރަމުންވެސް ވީވަރަކުން ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ޝިފާ ދެއްވަވާނެ! އިން ޝާ ﷲ

ފުރަތަމަމަވެސް ބަލައިލަންވީ ﷲ ތަޢާލާގެ ވަހީބަސްފުޅަށެވެ. 

"އޭ މީސްތަކުންނޭވެ! ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިއަބައިމީހުންގެ ގާތަށް ވަޢުޡް އަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާ އަކާއި، މުއްމިންތަކުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ." (ޔޫނުސް: 57) 

ތިމަންރަސްކަލާނގެ ޤުރްއާނުން  މުއްމިނުންނަށް ރަޙްމަތާއި ޝިފާ ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރްއާނުން އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ." (އިސްރާ: 82) 

ކީރިތި ޤުރްއާނަކީ ޝިފާއެއް ކަމަށް ބުނުމުން އެއީ ކިހިނަކުން ވެދާނެ ކަމެއްތޯ ސުވާލުކުރާ މީހުންނަށް މި 2 އާޔަތުން ނުފުދެނީހެއްޔެވެ؟ ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އެކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. އެއިގެ ތެރެއިން މި 2 އާޔަތަށް އެކަނި ބެލި ނަމަވެސް ކީރިތި ޤުރްއާނަކީ ޝިފާއެއްކަން އެނގި ޔަޤީންވެގެންދެއެވެ. 

މީސްތަކުންނޭވެ! ކީރިތި ޤުރްއާނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ހުރިހާ ބަލިތަކަށްވެސް އޮތް އެންމެ ފުރިހަމަ ޝިފާއެވެ. ހުރިހާ މައްސަލަތަކެއްގެ ޙައްލެވެ. ނަމަވެސް އެކަމުގެ ނަތީޖާ ފެންނާނީ ނުވަތަ ފައިދާ ޙާޞިލުކުރެވޭނީ ކިޔެވުމުގެ އިތުރަށް ކީރިތި ޤުރްއާނަށް ޢަމަލުވެސް ކޮށްގެންނެވެ. 

މިއަދު ބޮޑަށް ދިމާވެގެން މިއުޅޭ މައްސަލައަކީ ކީރިތި ޤުރްއާން ކިޔެވި ނަމަވެސް އަމަލު ނުކުރުމުގެ މައްސަލައެވެ. މިސާލަކަށް ފަރުޟު ކުރައްވަވާފައިވާ 5 ނަމާދުގެ ތެރެއިން އެމީހަކަށް ކުރެވުނު ވަރަކަށް ނަމާދުކުރާ މީހުން މަދެއް ނޫނެވެ. ހިތާމައަކީ އެމީހުންނަކީ ﷲ ތައާލާ ކޮންމެ ދުވަހަކު ކުރަން ފަރުޟު ކުރެއްވެވި 5 ނަމާދުން އެންމެ ނަމާދެއްވެސް އުނިކުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއްކަން ނުވިސްނޭ ކަމެވެ. ﷲ ތައާލާ އަމުރުފުޅު ކުރައްވަވާފައިވަނީ ފަތިސް ނަމާދުން ދުވަސް ފެށުމަށެވެ. ނަމަވެސް ފަތިސް ނަމާދުން ދުވަސް ފަށާ މީހުންގެ އަދަދު މިވަނީ އިންތިހާއަށް މަދުވެފައެވެ. 

މީސްތަކުންނޭވެ! ކީރިތި ޤުރްއާން ކިޔަވާށެވެ! އުނގެނޭށެވެ! މާނަ ވެސް ކިޔައި ދަސްކުރާށެވެ! ހިތުދަސް ނުކުރެވުނު ނަމަވެސް ސިކުނޑިއަށް ނަގައިގަނެވޭވަރުކުރާށެވެ! ހަމައެއާއިއެކު ކީރިތި ޤުރްއާނަށް އަމަލުކުރާ މީހަކަށްވާށެވެ! ހަމައެކަނި ލިބޭނީ ޝިފާ އާއި މައްސަލަތަކަށް ހައްލެއް ނޫނެވެ. ތިމާއަށް ނުވެސް އެނގޭހައި ނިޢްމަތްތައް އޮހެން ފަށާނެއެވެ! އިން ޝާ ﷲ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން