ހުޅުމާލެ ދެވަނަ ފޭސް އެޗް 1 ގައިރީ އަޅާފަހުރި ވަގުތީ މިސްކިތް އަޅާފަހުރީ ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރެވޭނެ ގޮތަކަށް ނޫން ކަމަށް މިސްކިތުގައި ނަމާދުކުރާ މީހުން ބުނެއެވެ. ޚާއްޞަކޮށް ސަޖިދައިގައި އޮންނައިރު ވަރަށް ބޮޑަށް އުނދަގޫވާ ގޮތަށް ކަމަށްވެސް ބުނެއެވެ.
"ނަމާދުފަށާފަހުން މިސްކިތަށް އަރާމީހުން އަވަހަށް ޖަމާއަތާއި ގުޅުމަށް ބާރަށް ހިނގުމަކީ ޢާންމުކަމެއް. މަޑުން ހިނގިނަމަވެސް ގޔބްފައި ޖަހާ އަޑު ވަރަށް ބާރަށް އިވޭ. ލޮޅުން އަރާ. ތަންކޮޅެއްވެސް ބާރަށް ހިނގާލައިފިނަމަ އެއުނދަގޫތައް ވަރަށް ބޮޑަށް އިތުރުވޭ. އެެހެންވެ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ވަރަށް އުނދަގޫ." ކަމަށްބުނެއެވެ.
މިސްކިތަށް އަރާ ބައެއް މީހުން އެ މިސްކިތުގައި ނަމާދުކުރުން ސިފަކުރީ މަޅުއަލާފައި ހުންނަ ދޯންޏެއްގެ މަޅުމަތީގައި ނަމާދުކުރުން ފަދަ ކަމެއްގެ ގޮތުގައެވެ.
ހުޅުމާލޭގައި އަޅާ ވަގުތީ މިސްކިތްތައް އަބަދުވެސް ފެންނަނީ ދާއިމީ މިސްކިތްތަކަށް ބަދަލުވަމުން އަންނަތަނެވެ. މީގެ ކުރިން އަޅާފައިވާ އެއްވެސް ވަގުތީ މިސްކިތަކުން މިފަދަ މައްސަލައެއް ފާހަގައެއް ނުކުރެވެއެވެ. އަދި ދައުލަތުންވިޔަސް ޒަކާތުފަންޑުންވިޔަސް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން އަޅާއިރު ވަގުތީ މިސްކިތެއް ނަމަވެސް ޚުޝޫޢަތްނަމާދުކުރަން ހުރަސްއެޅޭ ގޮތަށް އަޅާފައި ބެހެއްޓުމަކީ ކުރަންހެޔޮވާނެ ކަމެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކުންފުނިން ކުރި ހަމައެކަނި ކަމަކީ މިސްކިތް އަޅާނެ ބިން ދޫކުރުން ކަމަށާއި މިސްކިތް އެޅީ އިސްލާމިކް މިނިސްޓްރީން ބައަކާއި ޙަވާލުކޮށްގެނަ ކަމަށެވެ. އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންނަށް ގުޅުމުން މިއަދުވެސް ފޯނު ނުނަންގަވާތީ އިތުރު ތަފްޞީލެއްވަނީ ނުލިބިފައެވެ.