ދަރިމައިވުމުގައި ދިމާވާ ތަފާތު މައްސަލަތަކާ ގުޅޭ މަޢުލޫމާތު ދިނުމަށްޓަކައި ޙާއްސަ ސެޝަންއެއް ބޭއްވުމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ހަމަޖައްސައިފިއެވެ. މި ސެޝަންގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ އަމްރިތާ ހޮސްޕިޓަލުގެ އެސޯސިއޭޓް ޕްރޮފެސަރ އަދި އަމްރިތާ ފާޓިލިޓީ ސެންޓާގެ ޔުނިޓް ހެޑް ޑރ. އަވްނީ ޕިއްލޭ އެވެ.
ސެޝަންގެ މައުޟޫ: "ދަރިމައިވުމުގެ މައްސަލަތައް ދިމާވާ އާންމު ސަބަބުތަކާއި ލިބެން ހުރި ފަރުވާތައް"
އަމްރިތާ ހޮސްޕިޓަލުގެ ރިޕްރޮޑަކްޓިވް ހެލްތު ޑިޕާޓްމަންޓުގެ ފައުންޑަރ މެންބަރު ކަމުގައިވާ ޑރ. އަވްނީ ޕިއްލޭ އަކީ އިންފާޓިލިޓީ އާއި ގައިނޮކޮލޮޖީ އެންޑް އޮބްސްޓެޓްރިކްސްއިން 13 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. މީގެ އިތުރުން ޑރ. އަވްނީ އަކީ 2021 އިން 2024 ގެ ނިޔަލަށް ފެޑެރޭޝަން އޮފް އޮބްސްޓެޓްރިކް އެންޑް ގައިނޮކޮލޮޖިކަލް ސޮސައިޓީސް އޮފް އިންޑިއާ (އެފް.އޯ.ޖީ.އެސް.އައި) ގެ ނެޝެނަލް އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްވެސް މެއެވެ.
ޑރ.އަވްނީގެ ސްޕެޝަލިޓީސްގެ ތެރޭގައި ރިކަރަންޓް އައި.ވީ.އެފް ފެއިލިއަރ، އޯވޭރިއަން ރިޒާވް ދަށްވުން, އެންޑޯމެޓްރިއޯސިސް, ޕީ.ސީ.އޯ.އެސް އަދި ފިރިހެނުންގެ ކިބައިން ފެންނަ ދަރިމައިވުމުގެ މައްސަލަތައްވެސް ހިމެނެއެވެ.
މި ސެޝަން ވެގެންދާނީ ދަރިމައިވުމުގައި ތަޖުރިބާކާރެއްގެ އެހީ ހޯދަން ބޭނުންވެފައިވާ އަދި ސިއްޚީ ފަރުވާ ބޭނުންވެފައިވާ ފަރާތްތަކަށް އެންމެ ފަހުގެ ފަރުވާތަކާބެހޭ ސައްޙަ މަޢުލޫމާތު ފޯރުކޮށްދެވިގެންދާނެ ސެޝަންއަކަށެވެ.
މި މަހުގެ 7 ވަނަ ދުވަހު 14:00 ގައި ޝީ ބިލްޑިން ހޯލްގައި ކުރިއަށްދާ މި ސެޝަންގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުޞަތު ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހާ ހިސާބަށްވަނީ ހުޅުވާލެވިފައިވާއިރު މި ޖަމްއިއްޔާގެ ހަރަކާތެއްގައި މުޅިން އަލަށް ބައިވެރިވާ ފަރާތެއްނަމަ ރަޖިސްޓްރޭޝަން ފޯމާއި އެކު މެންބަރޝިޕް ފޯމްވެސް ފުރަން ޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ޖަމްއިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 27 ޖަނަވަރީ 2021 ގައެވެ. އެހެންނަމަވެސް ފާއިތުވެދިޔަ ތިންއަހަރު ދުވަހު ސަޕޯޓް ގްރޫޕެއްގެ ގޮތުގައި ބޭއްވުނު ތަފާތު ކައުންސެލިން ސެޝަންތަކާއި، މަޢުލޫމާތު ބައްދަލުވުންތަކުގެ ތެރެއިން 429 އަށްވުރެ ގިނަ ފަރާތްތަކަށް އެކިގޮތްގޮތުން ވަނީ އެހީތެރިކަން ފޯރުކޮށްދެވިފަ އެވެ. އަދި މި ފުރުޞަތުގައި މިފަދަ އެކި ޕްރޮޖެކްޓްތަކާއި ހަރަކާތްތަކަށް މެންބަރުން ދެއްވާ ތަރުހީބަށްޓަކައި އިޙްލާސްތެރިކަމާއި އެޖަމްއިއްޔާއިން ވަނީ ޝުކުރުދަންނަވާފައެވެ.
މި މަޢުލޫމާތު ބައްދަލުވުމަކީ ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އަދި “އަދަދު” އާ ގުޅިގެން ކުރިއަށްގެންދެވޭ ހަރަކާތެކެވެ.
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްޙަތާއި ގުޅޭ ސައްޙަ މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގާ، ދަރިމައިވުމުގައި އުނދަގޫތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ސަޕޯޓް ގްރޫޕް ހިންގުމާއި، ދަރިމައިވުމުގައި އުނދަގޫތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރަޖިސްޓްރީ ކޮށްފައިވާ އެން.ޖީ.އޯ އެކެވެ