ސަރުކާރަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމުންވެސް، އެންމެ 2000 ވަރަކަށް ރައްޔިތުންގެ އަޣްލަބިއްޔަތު ނުހޯދުމުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ އަޑު އަނެއްކާވެސް ގަދަވެއްޖެއެވެ.
އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ތަރައްޤީ އާއި ޢިނާޔަތްތައް އޮއްސައިލުމުންވެސް 4 ލީޑަރުން ރައްޔިތުންގެ ފަހަތުންދުވެ ސަލާންޖެހުމުން ދާއިރާގެ ގޮނޑި ސަރުކާރަށް ކާމިޔާބުކުރެވުނު ނަމަވެސް ނަތީޖާ އަދި ދައްކާ ގޮތުން ދާއިރާގެ ރައްޔިތުންގެ އަޣްލަބިއްޔަތު ސަރުކާރަށް ލިބިފައެއް ނުވެއެވެ.
ވޯޓުގެ ނަތީޖާގެ ކާމިޔާބީ އާއި ގުޅިގެން ބައަކު ޚުޝާމަދުގެ ބަސްތައް ބުނި ނަމަވެސް ރަނގަޅަށް ވިސްނައިފިނަމަ ނަތީޖާއަކީ ކާމިޔާބު ނަތީޖާއެއްކަމަށް ބުނެވޭކަށް ނެތެވެ. ބުނަން ޖެހެނީ ސަރުކާރުން އަމަލުކުރާ އިސްލާމް ދީނާ ދެކޮޅު އެޖެންޑާގެ ސަބަބުން ރައްޔިތުން ތިބީ ނުރުހިކަމަށެވެ. އަދި އެހެން ޤައުމަކަށް އަޅުވެތިވުމުގެ ސިޔާސަތަށް ރައްޔިތުން ދެކޮޅުކަމެވެ.
ސިއްރު އައިޑީން ކުރި ޓްވީޓުގައި ލަފާކޮށް ޢާންމުކުރި ހިސާބުތައް ދިމައެއް ނުވިއެވެ. ވީފޭލެވެ. އެހިސާބުން ރަސްމީކޮށް މިހާރު އިވެނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަތަކެވެ.
ސަރުކާރަށް ހެޔޮއެދޭނަމަ އޮތީ ޚުޝާމަދުކުރުމެއް ނޫނެވެ. ވިސްނައިދީ އިޞްލާޙުކުރަން މަސައްކަތްކުރުމެވެ. ސަރުކާރަށް ހެޔޮއެދުމަކީ އެއީއެވެ.
ޢުމަރުގެފާނަށް ވެރިކަން ލިބިވަޑައިގަތުމުން ޚުޝާމަދުކުރި ޞަޙާބީއަސް ވިދާޅުވި ބަސްފުޅު ހަނދުމަކުރައްވާށެވެ! "އަހުރެންނަށް ހެޔޮއެދޭނަމަ ޚުޝާމަދުކުރަންވީއެއް ނޫނެވެ! އަހުރެންނަށް ކުށްތަކާއި އުނިސިފަތައް ދައްކައި އިޞްލާޙްކުރަން މަސައްކަތްކުރަންވީއެވެ!"
ވީމާ އިޞްލާޙްކުރަންޖެހޭ ކަންކަމުގެ ވާހަކަ ދެއްކުމުން އޮތީ ނަފުރަތުކުރުމެއް ނޫނެވެ. އެމީހާއަށް ހެޔޮކޮށް ހިތައި ކަންކަން އިޞްލާޙްކުރުމެވެ.