ޔުނިކްސް ސްޕޯޓިންއާއި ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނައީމް ގުޅިގެން ބާއްވާ 50 ގަޑިއިރުގެ ޑައިވިން ހަރަކާތެއްކަމަށްވާ "އޯޝަން 6/50"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ހިންގާ މިހަރަކާތް ކުރިއަށް ދާނީ މިމަހުގެ 25ން 27އަށެވެ. މި މުއްދަތުގައި ހަރަކާތުގައި ބައިވެރިވާ ޑައިވަރުން ޝަފްރާޒާ ބައްދަލުކޮށް، ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ވައުދެއްގައި ސޮއި ކުރާނެއެވެ.
މި ހަރަކާތް ކުރިއަށްދާ 50 ގަޑިއިރު ޝަފްރާޒް ހޭދަކުރާނީ ކަނޑު އަޑީގައެވެ. މިއީ މިފަދަ ހަރަކާތެއް ދެކުނު އޭޝިއާ ސަރަހައްދުގައި ބޭއްވޭ ފުރަތަމަ ފަހަރެވެ. އެހެން ކަމުން މި ހަރަކާތް ވެގެންދާނީ ސަރަހައްދީ ރެކޯޑަކަށެވެ.
ދިރާގުން ބުނެފައިވަނީ މި ހަރަކާތުގެ މަގުސަދަކީ ރާއްޖޭގައާއި، ބައިނަލްއަގުވާމީ މައިދާނުގައި ހަރަކާތްތެރިވާ ޑައިވަރުންނާއި، މެރިން ރިސާޗަރުން އަދި ތިމާވެށީގެ އެކްޓިވިސްޓުން އެއްތަންކޮށް، ތިމާވެއްޓާ ގުޅޭ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.
ދިރާގުން ބުނީ ތިމާވެއްޓާއި ކަނޑުފަޅުތަކާ ގުޅޭ ކަންކަމަކީ އެ ކުންފުނީގެ ސީއެސްއާރު ހަރަކާތްތައް އަމާޒުކުރެވިފައިވާ އެއް ދާއިރާ ކަމަށެވެ. އެގޮތުން އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން "ފެނުއަޑީގެ ދިރުން" ގެ ދަށުން ހިމެނޭ ކަންކަން ފުރިހަމަކުރުމަށް 2016ވަނަ އަހަރުން ފެށިގެން އެ ކުންފުނިން އެހީވަމުން އަންނަކަން ފާހަގަކުރެވެއެވެ.