ޓްރެފިކް ބަލަހައްޓަން މަގުމަތީގައި އުޅޭ ބައެއް ފުލުހުން ޤަވާއިދުތައް ތަންފީޒުކުރަން ވަރަށް ގަދައަށް ފިޔަވަޅުއަޅާތަން ފެނެއެވެ. ނަމަވެސް ގިނައިން ފެންނަނީ ނިކަމެތިންގެ އުޅަނދުތަކާއި ދިމާކޮށްލައިގެން އުޅޭކަހަލަ ގޮތަކަށެވެ.
ރާއްޖޭގައި ފަޤީރުން ބައިސްކަލް ދުއްވި ޒަމާން ބަދަލުވެއްޖެއެވެ. ފަޤީރުންވެސް މިހާރު ދުއްވަނީ ދަރަންޏަށް ހޯދައިގެން ނަމަވެސް ސައިކަލެވެ. އެއީ ސައިކަލަކާއި ނުލައި ޚާއްޞަކޮށް މާލެ ސިޓީގައި އުޅެވެން ނެތުމުންނެވެ. ދެމަފިރިންކުރެ މީހެއްގެ އަތުގައި ސައިކަލެއް ނެތްނަމަ ޓެކްސީއަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވެފައި ބޭނުންވާ ވަގުތު ޓެކްސީ ނުވެސްލިބޭތީއެވެ.
ނަމަވެސް ސައިކަލެއް، ޚާއްސަކޮށް ތަންކޮޅެއް ގިނަދުވަސްވީ ބައު ސައިކަލެއް ކިރިޔާވެސް ނުޤަވާއިދުން ބަހައްޓައިފިނަމަ ވަރަށް ފަސޭހައިން ރާޑަރަށް އަރައެވެ. ސްޓިކާ ޖަހައެވެ. މަތިމައްޗަށްވެސް ޖަހައެވެ.

ދެން މިފެންނަނީ މަގުގައި ދެރޮނގު ދަމައި ޕާކުކުރުން މަނާކުރީކަމަށް ޤަވާއިދު ބުނާ ފަޅީގައި ދުވާލު ހަތަރުދަމު ޕާކުކޮށްފައި ހުންނަތަނެވެ. ޕޭމަންޓް މައްޗަށް އަރުވާފައިވެސް މުޅި ދުވަހު ބާއްވާތަނެވެ. މިއިން ކަމެއް އެކަލަ ރާޑަރަކަށް ނާރައެވެ.
