ޝާހިދުގެ ރިޔާސަތުގަ ކޮށްދޭންވީ ކަމަކީ އިޒްރޭލާ ދެކޮޅަށް އދ އިން ފާސްކޮށްފައިވާ ޤަރާރުތަކަށް އިޒްރޭލް ލައްވައި އަމަލުކުރުވުން ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޝާހިދުގެ ރިޔާސަތުގަ ކޮށްދޭންވީ ކަމަކީ އިޒްރޭލާ ދެކޮޅަށް އދ އިން ފާސްކޮށްފައިވާ ޤަރާރުތަކަށް އިޒްރޭލް ލައްވައި އަމަލުކުރުވުން ނޫންތޯ؟

ރާއްޖެއިން ބުނާއަޑު މިއިވެނީ ދިވެހި ސަރުކާރު އޮތީ ފަލަސްޠީނާއިއެކުގައި ކަމަށެވެ. ފަލަސްޠީޏުގެ މިނިވަން ދައުލަތެއް އޮތުމަށް ތާއީދުކުރާކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދޭން ވަކާލާތުކުރާނެ ކަމަށެވެ.

އދ ގެ ރިޔާސަތުގައި މިއަދު އިންނެވީ ރާއްޖޭގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދުއެވެ. އިޒްރޭލާއި ދެކޮޅަށް އދ އިން ފާސްކޮށްފައިވާ އެތައް ސަތޭކަ ޤަރާރަކަށް އިޒްރޭލުން އަމަލުނުކޮށް ބޮލާލައި ޖަހާފައިވާއިރުވެސް އެއިން ކަމެއްގެ ވާހަކަ ދެކެވޭ އަޑެއް ނުއިވެއެވެ. އެންމެ ކުޑަމިނުން ކޮމެންޓެއްގެ ގޮތުގައި ބުނެލެވޭ އަޑެއްވެސް ނުއިވެއެވެ. 

އަދި މިވެސް ހަަމަ ފާހަގަކުރަންޖެހޭ ކަމެކެވެ. 

އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ތުހުމަތުތައްކޮށް އެމެރިކާއިން އިރާޤަށާއި މެދުއިރުމަތީގެ ޤައުމުތަކަށް އަރައިގަނެ ދިން ގެއްލުމުގެ ބަދަލުދެނީ ކޮންދުވަހަކުންތޯ؟ ކުރެވޭ ސުވާލުގެ އަޑުތައް ދަނީ ގަދަވަމުންނެވެ. މެދުއިރުމަތީގެ ޤައުމުތަކަށް ހަމައެކަނި އަރައިގަތީއެއް ނޫނެވެ. އެތައް ހާސް ބިލިން ޑޮލަރުގެ ގެއްލުންތައްވެސް ވަނީ ދީފައެވެ. ޢިމާރާތްތައްވަނީތަޅައި ފުނފުނޑުކޮށްފައެވެ. އެތައް ބައިވަރު ރައްޔިތުން ވަނީ ޝަހީދުކޮށްފައެވެ. ޤައުމުތަކުގެ ވެރިކަން ވަނީ އެމެރިކާ ބޭނުންވާ ގޮތަކަށް ބަދަލުކޮށްފައެވެ. 

މިފަދަ ބޮޑެތި ޖަރީމާތައް ހިންގުމުންވެސް ދުނިޔޭގެ ބޮޑު ފަނޑިޔާރުކަމަށްބުނާ އދ އަށް ކުރެވޭ ކަމެއް އޮންނަ ކަމަކަށް ނުވެއެވެ. ދުނިޔޭގެ ކޯޓުތަކުގެ ނަމުގައި އދ އިން ހަދާފައިވާ އެއްވެސް ކޯޓަކަށްވެސް މިއިން މައްސަލައެއް ބެލޭކަމަކަށް ނުވެއެވެ. އެކަމުން އެނގިގެންދަނީ އެ ކޯޓުތަކަކީ އެމެރިކާއިން ބޭނުންވާ މީހަކު ނުވަތަ ޤައުމެއް ކުށްވެރިކޮށްދޭން ހަދައިގެން އުޅޭ ތަންތަން ކަމެވެ.

ހިތާމައަކީ މުސްލިމް ޤައުމުތަކުގެ ވެރިންގެ ގޮތުގައި މިއަދުތިބި މީހުންނަށް އެންމެ ކުޑަމިނުން މިފަދަ އެއްވެސް ކަމެއްގެ ވާހައެއް ދައްކާލަން އަނގަހުޅުވާލުމުގެބާރުވެސް ލިބިފައި ނެތްކަމެވެ. އެމީހުންގެ ކުށްތައް ބޮޑުކަމުން އެމެރިކާއަށް ވިކި އަޅުވެތިވެފައިވާ ކަމެވެ.

ހިތާމައަކީ މިފަދަ އެއްވެސް ކަމަކާއިމެދު ކަންބޮޑުނުވާ ބައަކު މުސްލިމް އުންމަތުގެ ވެރިންގެ ގޮތުގައި ރައްޔިތުން ބަލައިގެންފައިވާ ކަމެވެ. ވެރިންގެ ނަމުގައި ތިބި މީހުން ޒިންމާދާރުކުރުވަން ރައްޔިތުން މިވަނީ މުޅި އުންމަތް އެކުގައި ނުކުންނަން ޖެހިފައެވެ. ނަޞްރު ހޯދަން މަސައްކަތްކުރުމުން ﷲ ތަޢާލާ މުސްލިމުންނަށް ނަޞްރު ދެއްވަވާނެތެވެ. އިން ޝާ ﷲ ޙާލަތު ބަދަލުކުރަން ރައްޔިތުން ނުކުތުމުން އެކަން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

 

 

މިއަދު އޮންލައިން