ފާއިތުވި ޖަނަވަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 49 އިންސައްތަ އިތުރުވެފައިވާކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސް ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ދިވެހިރާއްޖެއަށް 2.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު މި ޢަދަދުވަނީ 4.2 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.
ފާއިތުވި ޖަނަވަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 30 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު 240 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު މި ޢަދަދުވަނީ 312 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އޮމާން، އަދި އިންޑިއާ އާއި ޔޫ.އޭ.އީ އެވެ. ޗައިނާ އިން 831 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާން އިން 572 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން އިންޑިއާ އިން 514 މިލިއަން ރުފިޔާގެ މުދާ އަދި ޔޫ.އޭ.އީ އިން 480 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.