އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ 7 މާރިޗު 2022 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އުރީދޫއިން ބުނެފައިވަނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަރ ވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށެވެ.
ކޮވިޑް-19ގެ މިހާރުގެ ހާލަތާއި ހިއްސާދާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ދެވެންއޮތީ، އަހަރީ އާންމު ޖަލްސާ ބާއްވާއިރު، ސަރުކާރުން އިޢުލާނުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުން ހުއްދަކުރާ އަދަދަކަށް ބަލައި، ޖަލްސާ ބާއްވާ ހޯލުގައި ގައިދުރުމިން ބަހައްޓަންޖެހޭ މިންގަނޑުތަކަށް ފެތޭގޮތަށް، ޖާގަ ހުރި މިންވަރަކަށެވެ. ހިއްސާދާރުންގެ ތެރެއިން ޖަލްސާ ބާއްވާ ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޖާގަ ހުރި މިންވަރަކުން އެ ފުރުޞަތު ދިނުމަށްފަހު، ބާކީ ތިބި ފަރާތްތަކަށް އޮންލައިންކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެއެވެ. އަދި، 6 މާރިޗު 2022 ވާ އާދިއްތަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން، ކްރޮސްރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެވޭނެ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވެވޭނެ ފަރާތްތަކަށް އެ މަޢުލޫމާތު އަޅުގަނޑުމެން އަންގާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
- ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތައް: ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވޭނީ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލް އިން.
- އޮންލައިންކޮށް ބައިވެރިވާ ފަރާތްތައް: ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވޭނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް.
މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 5 މާރިޗު 2022 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓަރ ކުރާ ފަރާތްތަކަށް އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ކްރޮސް ރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެ ހުއްދަ ދެވޭނީ، ވެކްސިންގެ ޑޯޒުތައް ހަމަކޮށްފައިވާކަމަށް ބަޔާންކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ދޫކޮށްފައިވާ ވެކްސިނޭޝަން ކާޑު ނުވަތަ ކޮވިޑް-19 ޑިޖިޓަލް ސަރޓިފިކޭޝަން ހުށަހަޅާ ފަރާތްތަކަށެވެ.
ޖަލްސާގެ އެޖެންޑާގެ ގޮތުގައި ހިމެނިފައިވަނީ:
އެޖެންޑާ އައިޓަމް 1: ކީރިތި ޤުރުއާން
އެޖެންޑާ އައިޓަމް 2: ޗެއަރޕާސަން، މިސް ފާތިމާ ސުލްތާން އަލް-ކުވާރީގެ ވާހަކަފުޅު ދެއްކެވުން.
އެޖެންޑާ އައިޓަމް 3: 2 މާރިޗު 2021 ވީ އަންގާރަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
އެޖެންޑާ އައިޓަމް 4: މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ޚާލިދު ޙަސަން އެމް އޭ އަލް-ހަމާދީ ގެ ވާހަކަފުޅު ދެއްކެވުން.
އެޖެންޑާ އައިޓަމް 5: 2021 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން.
އެޖެންޑާ އައިޓަމް 6: 2021 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން.
އެޖެންޑާ އައިޓަމް 7: 2022 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން.
އެޖެންޑާ އައިޓަމް 8: 2021 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން.
އެޖެންޑާ އައިޓަމް 9: އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިޚާބު ކުރުން.
ޑިރެކްޓަރުގެ މަގާމަށް ކުރިމަތި ލައްވައި ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް ހުށަހަޅާފައިވާ ފަރާތްތަކަކީ:
(ހ) އަލްފާޟިލާ ފަރީޙާ ޝަރީފު
(ށ) އަލްފާޟިލާ ޢާއިޝަތު ޙުސައިން މަނިކު
(ނ) އަލްފާޟިލް އިބްރާހީމް ފިރުޝާން
އެޖެންޑާ އައިޓަމް 10: ހިއްސާދާރުންގެ މަޝްވަރާކުރުން.
އެޖެންޑާ އައިޓަމް 11: ޖަލްސާ ނިންމުން.
އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު http://www.ooredoo.mv/investors/ އިން ލިބިވަޑައިގަންނަވާނެއެވެ.
އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 17 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރަޖިސްޓަރވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެއެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 (އެކެއް) ވޯޓު ލިބޭނެއެވެ.
މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހެޅުން އެދެމެވެ. އަދި، ހުށަހަޅާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުންނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށަހެޅުން އެދެމެވެ. ރަޖިސްޓަރ ކުރުމަށް އެމް.އެސް.ޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv/ މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ރަޖިސްޓަރ ކުރެވޭނެއެވެ. ފޯމުތައް ފުރުމަށްފަހު 5 މާރިޗު 2022 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 ގެ ކުރިން [email protected] އަށް އީލެމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ އުރީދޫ މޯލްޑިވްސް އޮފީސް، 6 ވަނަ ފަންގިފިލާ، ހ. ސަލްލީޓް، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ، އަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.
ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.
ކްރޮސް ރޯސްޑްސް މޯލްޑިވްސްއަށް ހާޒިރުވެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން (ޕްރީ-ރެޖިސްޓަރ ކޮށްފައިވާ ފަރާތްތައްވެސް) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (7 މާރިޗު 2022 ވާ ހޯމަ ދުވަހުގެ) ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ކްރޮސް ރޯޑްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ރަޖިސްޓަރ ކުރުން އެދެމެވެ. ރެޖިސްޓަރ ކުރަން ހާޒިރުވާއިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިފައިގެން ހާޒިރުވުން އެދެމެވެ. ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިނުވެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މާލެއިން ކްރޮސް ރޯޑްސް މޯލްޑިވްސްއަށް ދަތުރުތައް ހަމަޖެހިފައިވާ ގަޑިތަކަކީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު (7 މާރިޗު 2022 ވާ ހޯމަ ދުވަހު)ގެ ރޭގަނޑު 7:15 އަދި 7:30 ގައެވެ. ދަތުރު ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ. ދަތުރުފަތުރުގެ އިންތިޒާމަކީ ކުރީންސުރެ ހަމަޖައްސާފައިވާ ކަމެއްކަމުގައިވާތީ، ޝެޑިއުލް ކުރެވިފައިވާ ގަޑިތަކުގެ އިތުރުން އެހެން ދަތުރުތައް ހަމަޖައްސައި ދެވެން ދަތިވާނެ ވާހަކަވެސް އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވެމެވެ.
މި އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (7 މާރިޗު 2022 ވާ ހޯމަ ދުވަހުގެ) ރޭގަނޑު 8.15 އާއި 8.30 އާ ދެމެދު، ލިބިފައިވާ ލޮގިން މަޢުލޫމާތު ބޭނުންކޮށް، ފަހިވޯޓު ސިސްޓަމަށް ލޮގިން ކުރުން އެދެމެވެ.