ބައިނަލްއަގުވާމީ ސުޕަރ ހައިވޭ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ދިރާގުން ގުޅާލަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 50ސ
ބައިނަލްއަގުވާމީ ސުޕަރ ހައިވޭ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ދިރާގުން ގުޅާލަނީ!

ދިރާގުން ދުނިޔޭގެ ވަރުގަދަ މުޢާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއްހިމެނޭ ކޮންސޯޓިއަމްއާއި ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެމަސައްކަތް ޢަމަލީގޮތުން ފަށައިފިއެވެ.

ދެކުނު އޭޝިޔާއިންފެށިގެން، އިންޑިޔާ، މެދުއިރުމަތި އަދި ހުޅަގު ޔޫރަޕާ ގުޅާލެވޭ މި ހައިސްޕީޑް ސަބްމެރީން ކޭބަލްސިސްޓަމް އާ  ރާއްޖެ ހިމެނޭގޮތަށް 11 ގައުމެއް ގުޅާލުމަށް ހަމަޖެހިފައިވެއެވެ. ސިންގަޕޫރުންފެށިގެން ފްރާންސް އާއި ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް 2025ވަނަ އަހަރުގެ ފުރުތަމަ ކުއާޓަރއަށް ނިމޭނެއެވެ.  

ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރިން ކޭބަލްއަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން މަދުވެގެން 100 ޓީ.ބީ.ޕީ.އެ.ސް ގެ ސްޕީޑް ޓްރާންސްމިޓް ކުރެވޭނެ ވަރުގެ ސަބްމެރިން ކޭބަލް ސިސްޓަމެކެއެވެ. އަދި މި ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝީއާ އާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޖޭންޖު ތަކަށް ދިރާގުގެ ނެޓްވަރކް ސީދާ ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި  މިމަޝްރޫޢުގެ ސަބަބުން ވިޔަފާރި ތަކަށާއި ކަސްޓަމަރުންނަށް ލިބިގެންދާ މުޢާސަލާތީ އަދި ޑިޖިޓަލް ޚިދުމަތުގެ ފެންވަރު ރަނގަޅުވެ އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހިވެ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމު ތަކެކޭ އެއްފެންވަރެއްގައި ރާއްޖޭގެ މުއާސަލާތީ ޚިދުމަތް ދެމެހެއްޓުމުގެ މަގުފަހިވެގެންދާނެއެވެ. 

ޑިޖިޓަލް ޚިދުމަތްތަކަށް ބޭނުންވެފައިވައި މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗަރ އިތުރަށް ވަރުގަދަވެ ބައިނަލްއަގުވާމީ ޑިޖިޓަލް ހަބަކަށް ވުމަށް އިތުރު ބާރެއްލިބިގެންދާނެއެވެ. އަދި މިއީ ރާއްޖެގައި އިންވެސްޓުކުރާ ވިޔަފާރިތަކަށްވެސް އިތުބާރާއި ޔަގީންކަން ލިބިގެންދާނެކަމެކެވެ. ދިރާގުން މަސައްކަތްކުރަމުންދަނީ 5ޖީ، އާޓިފިޝަލް އިންޓެލިޖެންސް އަދި ވާރޗުއަލް ރިއާލިޓީ ފަދަ ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށެވެ.     

ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ. އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި މިއީ ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަންސް ހިދުމަތުގެ ތަރައްގީއަށް ދިރާގުން ކުރަމުންދާ މަސައްކަތުގައި ޙާސިލްކުރެވުނު މުހިއްމު ލަނޑުދަނޑިއެއްކަމަށާއި އަދި މި އިންވެސްމެންޓްގެ ސަބަބުން ދިރާގުގެ ކަސްޓަމަރުންނަށާއި އަދި މުޅި ގައުމަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމުގައި ވިދާޅުވިއެވެ.  ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލް ތަކަކާއި ސީދާ ގުޅުވާލެވުމުގެ ސަބަނުން، އިންޓަރނެޓް ގެ ސްޕީޑް އާއި  ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެކަން ފާހަނގަކޮށްލެއްވިއެވެ.   

ދިރާގަކީ ކަސްޓަމަރުން ބޭނުންކުރައްވަމުންދާ ޑިޖިޓަލް ޚިދުމަތްތަކުން ލިއްބައިދޭ ފަސޭހަތަށް އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޔެކެވެ. އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށެވެ.

 

މިއަދު އޮންލައިން