ދުޢާއެއް ކޮށްލާއިރަށް ތިމާގެ ހުރިހާ ފާފަތަކެއް ފުހެވިގެން ދިއައީ ކަމަށް ޔަޤީންކޮށް ތައުބާވުން ދޫކޮށް ނުލާށެވެ! ފާފަތައް ފުހެވުމަށް އެދޭ މީހާ އިޚްލާޞްތެރިކަން ޢަމަލުން ދައްކާށެވެ! އަދި ތައުބާވުން ގިނަކުރާށެވެ!
ފާފަތައް ފުހެވެން އެދޭ މީހާ ފާފަކުރުން ހުއްޓައިލަންވާނެއެވެ. ފާފަކުރުމާއި ދުރުހެލިވާން ޖެހޭނެއެވެ. އެގޮތުގައި މަސައްކަތްކުރަމުންދާއިރުވެސް ފާފައެއް ކުރެވިއްޖެ ނަމަ ވީހައި އަވަހަކަށް ތައުބާވާން ޖެހޭނެއެވެ.
ކުރެވޭ ކޮންމެ ފާފައަކާއިއެކު ހިތް ކަޅުވެއެވެ. ހަރުވެއެވެ. ވީމާ ތިމާގެ ހިތަކީ ކަޅު، ހަރު ހިލަގަޑަކަށް ވުމުގެ ފުރުޞަތު ހިތަށް ނުދޭށެވެ. ހިތަކީ އެންމެ ރީތި އެންމެ ނާޒުކު ގުނަވަނެވެ. އެ ރީތިކަމާއި ނާޒުކު ކަމާއިއެކު ހިތް ބާއްވަން މަސައްކަތްކުރާށެވެ. އެކަން ކުރެވޭނީ ހިތް ޠޯހިރު ކުރެވުނު ވަރަކުންނެވެ. ހިތް ޠޯހިރު ކުރެވޭނީ ފާފަކުރުމާއި ދުރުހެލިވެ ތަޤްވާވެރިކަން އިތުރުކުރި މިންވަރަކުންނެވެ.
ބިރުވެތިވާން ޖެހޭ ކަމެއްވެސް އެބައޮތެވެ. ދެން މިއަޅާ ފާފައެއް ނުކުރާނެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާފައި އެކަމަށް މަސައްކަތް ނުކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެއިރުން އެމީހަކަށް އެކުރެވޭ ކަމަކީ އަމިއްލަ ނަފުސަށް މަކަރު ހެދުމެވެ. އޮޅުވައިލުމެވެ. އެހެނީ ﷲ ތަޢާލާއަށް އޮޅުވައެއް ވެސް ނުލެވޭނެއެވެ. މަކަރެއްވެސް ނުހެދޭނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން