މިހާރަކަށް ވަރަށް ގިނަ ބައަކު ދަރަނި ނަގައެވެ. ދަރަންޏަށް ފައިސާ އާއި ތަކެތި ހޯދައެވެ. އެއިގެ ތެރެއިން ބައެއް މީހުން ދަރަނި ނަގަނީ ކޮންމެހެން ނަގަން ޖެހިގެނެއް ނޫނެވެ. ދިރިއުޅުމުގެ ފެންވަރު މަތިކޮށްލުމަށެވެ. އަނެއްބައަކު ދަރަނި ނަގަނީ އެމީހުންގެ އަސާސީ ބޭނުންތައްވެސް ނުފުއްދިގެން ކޮންމެހެން ނަގަންޖެހިގެންނެވެ.
ކޮންމެ ގޮތަކުން ދަރަނި ނަގަންޖެހިގެން ދަރަނި ނެގިނަވެސް މައިމޫނަތުގެފާނުގެ މިބަސްފުޅަށް ސަމާލުކަންދޭށެވެ.
أمّ المؤمنين ميمونة رضى اللّـه عنــها އަބަދުވެސް މާތްﷲ އަށް ވަކީލު ކުރައްވައެވެ. އަބަދުވެސް މާތްﷲ އާމެދު ރަނގަޅަށް ވިސްނާވަޑައިގަންނަވައެވެ. މާތްﷲ ގެ މަދަދާއި އިނާޔަތްތެރިކަން އެކަމަނާއަށް ލިބިވަޑައިގަންނަވާނެކަން ޔަޤީންކުރައްވައެވެ.
أمّ المؤمنين ميمونة رضى اللّـه عنــها ބައެއްފަހަރު ދަރަނިވެސް ނަންގަވައެވެ. މިގޮތުން އެއްފަހަރަކު ތަންކޮޅެއް ބޮޑު ޢަދަދެއް ދަރަންޏަށް ނެންގެވުމުން މީހަކު ދެންނެވިއެވެ. [ކަމަނާ ތިޔަ ދަރަނި އަދާކުރައްވާނީ ކިހިނަކުންތޯއެވެ؟ އެފަދަ ތަނަވަސްކަމެއް ކަމަނާގެ ނެތެއްނޫންތޯއެވެ؟] أمّ المؤمنين ވިދާޅުވިއެވެ. [ދަރަނި އަދާކުރުމުގެ ފުރިހަމަ ޤަޞްދު އޮވެގެން މީހަކު ދަރަންޏެއް ނަގައިފިނަމަ اللّـه سبحانه وتعالى އެ ދަރަންޏެއް އަދާކުރުމަށް އެހީތެރިވެވޮޑިގެންވާނެއެވެ. {سنن النسائي، كتاب البيوع، باب التَّسْهِيلِ فِيهِ، ޙަދީޘް 4687}
- މައިމޫނަތުގެފާނުގެ ސިޔަރަތުން