ޚުލުޤުފުޅު:
أمّ المؤمنين السّيّدة ميمونة رضى اللّـه عنــها އަކީ ވަރަށް ދީންވެރި ތަޤުވާވެރި ބޭކަނބަލެކެވެ. އެކަމަނާއާ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ އެއްވެސް އަނބިކަނބަލަކާ މައްސަލައެއް ނުވަތަ ދެބަސްވުމެއް އުފަދިފައެއް ނެތެވެ. ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންވެސް أمّ المؤمنين ميمونة رضى اللّـه عنــها ގެ މާތް ޚުލުޤުފުޅަށް ތާރީފު ކުރައްވާ ވާހަކަފުޅު ދައްކަވައެވެ.
أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنــها ވިދާޅުވާ ގޮތުގައި أمّ المؤمنين ميمونة رضى اللّـه عنــها އަކީ އެކަނބަލުންގެ ތެރޭގައި ހުންނެވި އެންމެ ތަޤްވާވެރި، އެންމެ ބޮޑަށް ގާތް ތިމާގެ ކަމުގެ ގުޅުން ޤާއިމު ކުރައްވާ ކަމަނާއެވެ. {އަލްޙާކިމު، މުސްތަދުރަކު، ވޮލިޔުމު 4، ޞަފްޙާ 32}
އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެއްކަމުގައިވާ يزيد بن الأصمّ رحمه اللّـه ވިދާޅުވެފައިވެއެވެ. [أمّ المؤمنين السّيّدة ميمونة رضى اللّـه عنــها އެކަމަނާގެ ގިނަ ވަގުތުތައް ހޭދަކުރައްވަނީ ނަމާދުކުރެއްވުމުގައެވެ. އެހެން ނޫނީ ގެކޮޅުތެރޭގެ ކޮންމެވެސް މަސައްކަތްޕުޅެއްގައެވެ. އެދެކަންތަކުން އަވަދިވެވަޑައިގެން އިންނަވާނަމަ އިންނަވާނީ މިސްވާކު ކުރެއްވުމަށެވެ.]
އިބްނު ސަޢުދު ރިވާ ކުރައްވައިފައިވެއެވެ. އެއްފަހަރަކު أمّ المؤمنين السّيّدة ميمونة رضى اللّـه عنــها ގެ ތިމާގެފުޅު ބޭފުޅަކު އެކަމަނާއަށް ޒީޔާރަތްކުރެއްވުމަށް އެގެކޮޅަށް ދިޔައެވެ. އޭރު އޭނާގެ އަނގައިން ރާވަސް ދުވަދުވާ ހުއްޓެވެ. އޭނާ ރާބޮއެގެން ހުރިކަން އެނގިވަޑައިގެން އެކަމަނާ ވަރަށް ބޮޑަށް ކޯފާއިސްކުރެއްވިއެވެ. ވަގުތު އެކަމަނާގެ ގެކޮޅުން ނުކުމެގެން ދިޔުމަށް އޭނާއަށް އަމުރު ކުރެއްވިއެވެ. އަދި ދުވަހަކުވެސް އެކަމަނާގެ އަރިހަށް އައިސްގެން ނުވާނެކަމަށް އޭނާއަށް އެންގެވިއެވެ.
أمّ المؤمنين ميمونة رضى اللّـه عنــها އަބަދުވެސް މާތްﷲ އަށް ވަކީލު ކުރައްވައެވެ. އަބަދުވެސް މާތްﷲ އާމެދު ރަނގަޅަށް ވިސްނާވަޑައިގަންނަވައެވެ. މާތްﷲ ގެ މަދަދާއި އިނާޔަތްތެރިކަން އެކަމަނާއަށް ލިބިވަޑައިގަންނަވާނެކަން ޔަޤީންކުރައްވައެވެ.
أمّ المؤمنين ميمونة رضى اللّـه عنــها ބައެއްފަހަރު ދަރަނިވެސް ނަންގަވައެވެ. މިގޮތުން އެއްފަހަރަކު ތަންކޮޅެއް ބޮޑު ޢަދަދެއް ދަރަންޏަށް ނެންގެވުމުން މީހަކު ދެންނެވިއެވެ. [ކަމަނާ ތިޔަ ދަރަނި އަދާކުރައްވާނީ ކިހިނަކުންތޯއެވެ؟ އެފަދަ ތަނަވަސްކަމެއް ކަމަނާގެ ނެތެއްނޫންތޯއެވެ؟] أمّ المؤمنين ވިދާޅުވިއެވެ. [ދަރަނި އަދާކުރުމުގެ ފުރިހަމަ ޤަޞްދު އޮވެގެން މީހަކު ދަރަންޏެއް ނަގައިފިނަމަ اللّـه سبحانه وتعالى އެ ދަރަންޏެއް އަދާކުރުމަށް އެހީތެރިވެވޮޑިގެންވާނެއެވެ. {سنن النسائي، كتاب البيوع، باب التَّسْهِيلِ فِيهِ، ޙަދީޘް 4687}
ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް