އެއްވަޒީފާއަކަށް ކުރިމަތިލައިގެން އުޅުނު ދެމީހެކެވެ. އެކަކީ ވަރަށް ލަހުން ނިދާ މީހެކެވެ. އެހެންވެ ހެނދުނު ނުދެވޭތީ މީގެ ކުރިންވެސް ވަނީ ވަރަށް ގިނަ އިންޓަރވިޔުތަކަށް ނުދެވިފައެވެ. އެދުވަހުވެސް ދެވުނީ ގަޑިޖެހިގެންނެވެ. އޭނާއަށް ދީފައި އޮތް ގަޑި ހަމަވާތީ އަވަސްކުރަން ހަދައިގެން އިންޓަރވިޔުއަށް ވަންނަން ޖެހުނީ ހެދުންވެސް ރީތިކޮށްނުލެވިހުރެއެވެ. ބޯވެސް ހުރީ ހޭވިފައެވެ. ގަމީހުގެ ދެއަތުކުރި އޮޅިފައިހުރީ ދެވަރަށެވެ. ސުވާލުތަކަށް ޖަވާބުދޭންޖެހުނީ އަވަސް އަރުވާލައިގެންނެވެ.
އިންޓަރވިޔުގެ އެންމެ ފަހު ސުވާލަކަށް ކުރި ސުވާލަކީ އިމާމް މީހާއާއިއެކު ނަމާދަށް ފަށަންތޯއެވެ؟ ޖަވާބުގައި ބުނަން ޖެހުނީ ގިނަ ފަހަރު ދެވެނީ ލަހުންކަމަށެވެ.
ދެން އައި ޒުވާނާ އައީ އޭނާއަށް ދީފައިވާ ގަޑިޖެހުމުގެކުރިންނެވެ. އިންޓަރވިޔުއަށް ވަނީ ރަނގަޅަށް ތައްޔާރުވެލައިގެންނެވެ. ހުރިހާ ސުވާލުތަކެއް ނިމިގެން އެންމެ ފަހުސުވާލަކަށް ކުރީ ޒުވާނާ އާއިވެސް ކުރި ސުވާލެވެ. އިމާމް މީހާއާއިއެކު ނަމާދަށް ފަށަންތޯއެވެ؟ ޖަވާބުގައި ބުނީ ވަރަށް މަދުނަމާދެއްގައި ނޫނީ ބަންގިގޮވާއިރު މިސްކިތުގައި ހުންނަ ކަމަށެވެ.
ދެން އަމިއްލައަށް ވިސްނައިލާށެވެ! ވަޒީފާލިބޭނީ ކާކަށް ހެއްޔެވެ؟
މިހިސާބުން މިކަން ސީދާ ނަމާދާއި ގުޅުވައިލާނަމެވެ. ނަމާދު ފުރިހަމަ ގޮތުގައި ކުރަން ބޭނުންވާނަމަ ބަންގިގޮވާއިރު މިސްކިތުގައި ހުންނަން މަސައްކަތްކުރާށެވެ! ލަހުން ދިއައިމާ ޖެހޭނީ އިންޓަރވިޔުއަށް ފުރަތަމަ ދިއަ މީހާއަށް ޖެހުނު ޙާލެވެ. ތެލިފޮޅިގަނެ، އަވަސްއަރުވާލައިގެން ޙަރަމްބަންނަން އުޅެން ހަދައިގެން ނަމާދަށް ފަށަންޖެހޭނީ ތައްޔާރުނުވެވިހުރެއެވެ. ހާސްކަންމަތީގައެވެ. ނަމަވެސް ބަންގިގޮވާއިރު މިސްކިތުގައި ހުންނަނަމަ ދެވަނަ މީހާ އިންތަރވިޔުއަށް ތައްޔާރުވީފަދައިން ތައްޔާރުވެލައިގެން ނަމާދަށް ފެށުމުގެ ފުރުޞަތު ލިބޭނެއެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ފަސޭހަވެގެންދާނެއެވެ. އިން ޝާ ﷲ
ދެން އޮތީ ކުރި ނަމާދުގެ ނަތީޖާއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ގިނަ މާކްސް ލިބޭނީ ކާކަށްކަމާއިމެދު ފުންކޮށް ވިސްނައި ފިކުރުކޮށްލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން