މާފަށް އެދުމުން މާފުކުރާށެވެ! ތައުބާވުމުން ފުރުޞަތު ދޭށެވެ! އިޞްލާޙްވެ ނަމޫނާ ދެއްކި މީހުން މަދެއް ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މާފަށް އެދުމުން މާފުކުރާށެވެ! ތައުބާވުމުން ފުރުޞަތު ދޭށެވެ! އިޞްލާޙްވެ ނަމޫނާ ދެއްކި މީހުން މަދެއް ނޫނެވެ!

މީހަކު އިޚްލާޞްތެރިކަމާއިއެކު ތައުބާ ވެއްޖެ ނަމަ އެކަމަށް އުފާކޮށް މަރުޙަބާ ކިޔައި އެމީހަކު ބަލައިގަންނާށެވެ. އެމީހަކަށް ފުރުޞަތު ދޭށެވެ. އެމީހަކީވެސް ހަމަ އެހެން މީހުން ފަދަ ޤާބިލު މީހަކުކަން ދައްކައިދިނުމަށް މަގުފަހިކޮށްދޭށެވެ.

އެއްވެސް މީހެއްގެ އަގު އަންގައިދެނީ އެމީހަކު ފެންނަ ސިފައަކުން ނޫނެވެ. މުޖުތަމައުގައި އެމީހާގެ ޤަދަރު މަތިވުމަކުންވެސް ނޫނެވެ. އަދި އެމީހާގެ މާޒީއަކުން ވެސް ނޫނެވެ. މީސްތަކުންގެ އަގު ނިޞްބަތްވާނީ ﷲ ތަޢާލާ އެމީހަކާއިމެދު ބައްލަވައިވޮޑިގެންވާ ގޮތަކުންނެވެ. ބައްލަވައި ވޮޑިގެންވާ ހައިޞިއްޔަތަކުންނެވެ. އެއީ އަހަރެމެންނަށް އެނގޭނެ ކަންކަމެއް ނޫނެވެ.

މާޒީގައި ވަރަށް ގޯސްކޮށް އުޅެފައިވާ މީހުން އިޞްލާޙްވެ ތައުބާވުމަށްފަހު އެމީހުންނަކީ އެންމެ މޮޅު މީހުންކަން ވަނީ ދައްކައިދީފައެވެ. ވީމާ މީހެއްގެ ގޯސް މާޒީއެއް އޮތް ނަމަވެސް ތައުބާވެ އިޚްލާޞްތެރިކަން ދައްކައިދީފިނަމަ އެމީހަކު ބާކީކޮށް ނުލާށެވެ!

ބޭވަފާތެރި، ހަރުކަށި، އަނިޔާވެރި ފިރިން އެންމެ އޯގާތެރި ވަފާތެރި ފިރިންނަށް ބަދަލުވެފައިވަނީ މަދަކުންނޫނެވެ! ހަމައެފަދައިން ހައްދުފަހަނައަޅައިދާ އަނބިންވެސް އިޞްލާޙްވެ އެހެން އަންހެނުން އިޞްލާޙްކުރާ މީހުންނަށްވެފައިވަނީވެސް މަދަކުން ނޫނެވެ!

މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް ހިންގާފައިވާ މީހުން ތައުބާވެ ޢާއިލީ ދިރިއުޅުމުގައި ނަމޫނާ ދައްކާފައިވެއެވެ. މުޖުތަމައުއަށާއި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައިވެސް ނަމޫނާ ދައްކާފައި އެބަހުއްޓެވެ. ވީމާ އެއްވެސް މީހަކަށް ތެދުމަގު ފެނި އިޞްލާޙްވާނީ ކޮން އިރަކުކަމެއް އެކަކަށްވެސް ނުއެނގޭނެއެވެ. އަދި އިޞްލާޙްވާނީ ކޮން ސަބަބެއް މެދުވެރިވެގެން ކަމެއްވެސް ނުއެނގޭނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން