މާރިޔަތުލް ޤިބްޠިއްޔާ 1: މިޞްރުގެ އިސްކަންދަރިއްޔާގެ ވެރި މުޤައުޤިސަށް ކީރިތި ރަސޫލާ ޞޢޥ ފޮނުއްވި ފަތްކޮޅު

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 34ސ
މާރިޔަތުލް ޤިބްޠިއްޔާ 1: މިޞްރުގެ އިސްކަންދަރިއްޔާގެ ވެރި މުޤައުޤިސަށް ކީރިތި ރަސޫލާ ޞޢޥ ފޮނުއްވި ފަތްކޮޅު

މާރިޔަތުލް ޤިބްޠިއްޔާ ރަޟިޔަﷲ ޢަންހާ

ޞުލްޙުލް ޙުދައިބިއްޔާގެ އެގްރިމެންޓަށްފަހު، ދުނިޔޭ ގެ ކަންކޮޅުތަކުގެ ބޮޑެތި ރަސްރަސްކަލުންނަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ފަތްތްކޮޅުތަކެއް ފޮނުއްވިއެވެ. އެ ރަސްރަސްކަލުންނާއި، އެ ރަސްރަސްކަލުންގެ ވެރިކަމުގެ ދަށުގައިވާ މީސްތަކުންނަށް ހިދާޔަތުގެ މެސެޖު ދެއްވުމަށްޓަކައެވެ. އެގޮތުން ހިޖުރައިން ހަތްވަނަ އަހަރުގެ ތެރޭގައި ރަސޫލާ صلّى اللّـه عليه وسلّم މިޞްރުގެ އިސްކަންދަރިއްޔާގެ ވެރި މުޤައުޤިސަށް ފަތްކޮޅެއް ލިޔުއްވެވިއެވެ. އެ ފަތްކޮޅުގައި ވަނީ މިދަންނަވާ ޢިބާރާތްތަކެވެ.

ރަޙްމާނުވަންތަ ރަޙީމުވަންތަ މާތް ގެ އިސްމުފުޅުން ފަށައިގަންނަމެވެ.

މާތް ގެ އަޅާ އަދި އެކަލާނގެ ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم ގެ ފަރާތްޕުޅުން، ޤިބްތީންގެ ވެރި މުޤައުޤިސަށް. ހިދާޔަތުގެ މަގަށް ތަބާވެއްޖެ މީހެއްގެ މައްޗަށް ސަލާމް ހުއްޓެވެ. އެއަށްފަހު ދަންނައެވެ. އަހަރެން، ތިޔަ ރަސްގެފާނަށް އިސްލާމްދީނުގެ ދަޢުވަތުދެމެވެ. ރަސްގެފާނު އިސްލާމްވެވަޑައިގެންފިނަމަ ސަލާމަތްކަމާއި އަމާންކަން ހުއްޓެވެ. މާތް ތިޔަ ރަސްގެފާނުގެ އަޖުރު ދެފަހަރަށް އިތުރުކޮށް ދެއްވާނެއެވެ. ނަމަވެސް ރަސްގެފާނު އިސްލާމްވެވަޑައިގަތުމަށް އިންކާރުކުރައްވާނަމަ، ޤިބްތީންގެ ފާފަވެސް އެޅުއްވޭނީ މަނިކުފާނުގެ އިސްތަށިފުޅުގައެވެ. ޤިބްތީންގެ ފާފައިގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ތިޔަ ރަސްގެފާނެވެ.

ދެން އެފަތްކޮޅުގައި ލިޔުއްވަވާފައިވަނީ އާލު އިމްރާން ސޫރަތުގެ 64 ވަނަ އާޔެތެވެ. 

قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّـهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِّن دُونِ اللَّـهِ ۚ فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ﴿٦٤﴾ 

"ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! އަހުރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި، ހަމަހަމަވެ، އެއްގޮތްވެގެންވާ كلمة އަކަށް އަންނާށެވެ! (އެއީ) اللَّه އަށް މެނުވީ، އަހުރެމެން އަޅުކަން ނުކުޅައުމެވެ. އަދި، އެކަލާނގެޔާ އެއްވެސް އެއްޗެއް އަހުރެމެން شريك ނުކުޅައުމެވެ. އަދި، އަހުރެމެންގެ އެއްބަޔަކު އަނެއްބަޔަކީ اللَّه ފިޔަވައި ކަލާނގެތަކެއް ކަމުގައި ނުހެދުމެވެ. ފަހެ، އެއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފިނަމަ، (އެއުރެންނަށް) ތިޔަބައިމީހުން ބުނާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ مسلم ން ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ".  

{ފަޟީލަތުއްޝައިޚު ޞަފިއްޔުއް ރަޙުމާނު މުބާރަކު ޕޫރީ، އައްރަޙީޤުލް މަޚްތޫމު، އިގިރޭސި އެޑިޝަން، ޞަފްޙާ 353}

މި ފަތްކޮޅު ދެއްވައި މުޤައުޤިސްގެ ދަރުބާރަށް އިތުރު ސާހިބާ صلّى اللّـه عليه وسلّم ފޮނުއްވީ حاطب بن أبي بلتعة رضى اللّـه عنــه އެވެ. އެކަލޭގެފާނަކީ ޤިބްތީންގެ ބަސް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭކަލެކެވެ. ނުހަނު ފަޞާހާތްތެރި ބަލާޣާތްތެރި ބޭކަލެކެވެ. ނުހަނު ދަރަޖަ މަތިވެރި ޞަޙާބީބޭކަލެކެވެ. ކައުސާހިބާ ކުރެއްވި ކޮންމެ ޣަޒުވާއެއްގައި އެކަލޭގެފާނު ބައިވެރިވެވަޑައިގެންނެވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ގެ މި ފަތްކޮޅު ގެންދަވައި މުޤައުޤިސްގެ އަތްޕުޅަށް އެރުވުމުން އޭނާ އެފަތްކޮޅު ވިދާޅުވެ، އޭގާ ބޮސްދެއްވައި އެތުދަތުން ތައްޔާރުކޮށްފައިވާ ފޮށިކޮޅަކަށް ލައްވައި ރައްކާކުރެއްވިއެވެ. އަދި حاطب رضى اللّـه عنــه އަށް ނުހަނު ކަމޭހިއްތަވައި އެ ރަސްގެފާނުގެ މެހެމާން ސަރާގައި ބެހެއްޓެވިއެވެ.

އައްރަޙީޤުލް މަޚްތޫމުގައި، ޞަފިއްޔުއް ރަޙުމާނު މުބާރަކު ޕޫރީ ލިޔުއްވައިފައިވެއެވެ. حاطب بن أبي بلتعة رضى اللّـه عنــه، މުޤައުޤިސްގެ ދަރުބާރުގައި ރަސްގެފާނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ.

[ރަސްގެފާނުގެ ކުރިން ތިޔަ މަޤާމާއި ހަވާލުވެ ހުރި މީހާ މާތް اللّـه سبحانه وتعالى  ގެ ކުޅަދުންވަންތަ ކަމަށް އިންކާރުކޮށް، އޭނާއަކީ އެންމެ މަތިވެރި ފަރާތްކަމުގައި ބުނެ އުޅުނެވެ. އޭގެ ސަބަބުން އޭނާ ހަލާކު ކުރައްވައި ދުނިޔެއާއި އާޚިރަތުގައި މީސްތަކުންނަށް، މިސާލު ޖެހެވޭ ފަދަ މީހެއްކަމުގައި އޭނާ ލެއްވިއެވެ. އެހެން މީހުންގެ ފަރާތުން ރަސްގެފާނު ޢިބްރަތް ޙާސިލު ކުރައްވާށެވެ. މީސްތަކުންނަށްވާ ޢިބްރަތެއްކަމުގައި ރަސްގެފާނު ވެވަޑައި ނުގަންނަވާށެވެ.]

މުޤައުޤިސް ވިދާޅުވިއެވެ. [އަހަރެމެންނަށްވެސް ދީނެއްވެއެވެ. އެއަށްވުރެ ރަނގަޅު ދީނެއް ފެނުމުން ނޫނީ އަހަރެމެން އެދީނެއްގެ މަތީގައި މިތިބަ ދީން ދޫކޮށެއް ނުލާނަމެވެ.]

حاطب بن أبي بلتعة رضى اللّـه عنــه ދެންނެވިއެވެ. [މާތް اللّـه سبحانه وتعالى، ފުރިހަމަ ކުރައްވާފައިވާ ހަމައެކަނި ދީން ކަމުގައިވާ އިސްލާމްދީނަށް އަޅުގަނޑު ތިޔަ ރަސްގެފާނަށް ގޮވައިލައްވަމެވެ. އިސްލާމްދީން ފިޔަވައި އެހެން ދީނެއްނުވެއެވެ. މީސްތަކުނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވަމުން ވަޑައިގަންނަވާ މުޙައްމަދު صلّى اللّـه عليه وسلّم ގެ އެންމެ ބޮޑު ދެކޮޅުވެރިންނަކީ ޤުރައިޝުންނެވެ. އެންމެ ބޮޑު އަދާވާތްތެރިންނަކީ ޔަހޫދީނެވެ. ދީނީ ގޮތުން އެކަލޭގެފާނާ އެންމެ ގާތް ބަޔަކީ ނަޞާރާއިނެވެ. މޫސާގެފާނު، ޢީސާގެފާނާ ބެހޭގޮތުން ދެއްވި ބަޝާރަތަކީ ޢީސާގެފާނު، މުޙައްމަދުގެފާނާ ބެހޭ ގޮތުން ދެއްވާފައިވާ ބަޝާރަތެވެ. ޤުރްއާނުގައި އަޅުގަނޑުމެންނަށް ގޮވައިލައްވާފައިވާ ކަންތައްތަކަކީ ތިޔަބައިމީހުންނަށް ތައުރާތާއި އިންޖީލުގައިވެސް ގޮވައިލައްވާފައިވާ ކަންތައްތަކެވެ. ޤައުމެއްގެ ބަޔަކު ނަބީބޭކަލެއް ދެކެފިނަމަ އެބައިމީހުންނަކީ އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނެވެ. އެބައިމީހުންނަށް ޙައްޤުވެގެންވަނީ އެބޭކަލަކަށް ތަބާވުމެވެ. ތިޔަ ރަސްގެފާނަކީ މި ނަބިއްޔާގެ ދަޢުވަތު ލިބިވަޑައިގެންފައިވާ ފަރާތެކެވެ. އަޅުގަނޑު ތިޔަ ރަސްގެފާނަށް ޢީސާގެފާނުގެ ދީން މަނަލެއް ނުކުރައްވަމެވެ. އަޅުގަނޑުމެން އަމުރުކުރަނީ އެދީނުގައިވާ ކަންތައްތަކަށްވެސް މެއެވެ.]

މުޤައުޤިސް ވިދާޅުވިއެވެ. [ތިޔަ ވިދާޅުވާ ނަބީބޭކަލަކާ ބެހޭ ގޮތުން އަހަރެން ރަނގަޅަށް ބަލައިފީމުއެވެ. އެކަލޭގެފާނު އަމުރު ކުރައްވަނީ ޒާހިދު ކަންތައްތަކަށެވެ. ހުތުރު ކަންތައްތައް ނަހީކުރައްވައެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުން ދޮގުވެރިކަމާއި، ކަހީނުކަމުގެ އެއްވެސް އަސަރެއް އަހަރެން ނުދެކެމެވެ. އަހަރެންނަށް އެކަލޭގެފާނުގެ ފަރާތްޕުޅުން ފެންނަނީ ނުބުއްވަތުގެ އަލާމާތްތެކެވެ. ސިއްރުކޮށް ފޮރުވައިފައިވާ ކަންތައްތައް އެކަލޭގެފާނު ބަޔާންކޮށްދެއްވައެވެ.]

ދެން ކުރިންވެސް ދެންނެވިފައިވާ ފަދައިން އެ ސިޓީފުޅު އަތުލައްވައި އެ ސިޓީފުޅަށް އަދަބު އިހްތިރާމު އަދާކުރައްވައި އެތުދަތުން ހައްދާފައިވާ ފޮއްޓަކަށް ލެއްވިއެވެ. ރައްކާތެރި ކަމާއެކު ފޮރުއްވުމަށް ޖާރިޔާއަކާ ޙަވާލުކުރެއްވިއެވެ. އެއަށްފަހު ކާތިބަކަށް ގޮވައިގެން ގެންނަވައި ސިޓީފުޅެއް ލިޔުމަށް އަމުރުކުރެއްވިއެވެ. އެ ސިޓީގައިވަނީ މިދަންނަވާ ޢިބާރާތެކެވެ.

"ރަޙްމާނުވަންތަ ރަހީމުވަންތަ މާތް ގެ އިސްމުފުޅުން ފަށައިގަންނަމެވެ. ޤިބްތީންގެ ވެރި މުޤައުޤިސްގެ ފަރާތުން މުޙައްމަދު ބިން ޢަބްދު އަށް. ކަލޭގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ. އެއަށްފަހު ދަންނާށެވެ. އަޅުގަނޑު ކަލޭގެފާނުގެ ފަތްކޮޅު ކިޔައިފީމުއެވެ. ކަލޭގެފާނު އެ ފަތްކޮޅުގައި ވިދާޅުވެފައިވާ ކަންތައްތައް އަޅުގަނޑަށް ވިސްނިއްޖެއެވެ. ފަހު ޒަމާނުގައި ފޮނުއްވޭނެ ނަބިއްޔެއްގެ ވާހަކަ ތިމަންނައަށް ވަނީ އަޑު އިވިފައެވެ. އަޅުގަނޑު ހީކުރީ އެނަބިއްޔާ ފޮނުއްވޭނީ ޝާމުކަރައިންކަމަށެވެ. އަޅުގަނޑު ކަލޭގެފާނުގެ ސަފީރަށް މާތްކޮށް ހިތީމެވެ. ޤިބްތީންގެ ތެރެއިން ނަސަބުން އަރާތިއްބެވި ދެޖާރިޔާއިންނާއި، ފޮއްޗާއި، ކަލޭގެފާނު ސަވާރުވެވަޑައިގަންނަވާނެ ބަޣަލެއް އަޅުގަނޑު ފޮނުއްވީމެވެ. ކަލޭގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ.]

{ފަޟީލަތުއްޝައިޚު ޞަފިއްޔުއް ރަޙުމާނު މުބާރަކު ޕޫރީ، އައްރަޙީޤުލް މަޚްތޫމު، އިގިރޭސި އެޑިޝަން، ޞަފްޙާ 353-354}

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

 

 

މިއަދު އޮންލައިން