މާރިޔަތުލް ޤިބްޠިއްޔާ 2: މުޤައުޤިސު ކީރިތި ރަސޫލާ ޞޢޥ, އަށް ފޮނުއްވި ބައެއް ވެދުންތަކުގެ ތަފްސީލު

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 15ސ
މާރިޔަތުލް ޤިބްޠިއްޔާ 2: މުޤައުޤިސު ކީރިތި ރަސޫލާ ޞޢޥ, އަށް ފޮނުއްވި ބައެއް ވެދުންތަކުގެ ތަފްސީލު

މުޤައުޤިސް، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ފަތްކޮޅަށް ކަމޭހިއްތަވައި އެކަލޭގެފާނަށް ވެދުންތައް ފޮނުއްވި ނަމަވެސް އޭނާ އިސްލާމްވެފައެއް ނުވެއެވެ. އެއީ، އޭނާ އިސްލާމްވެއްޖެނަމަ، އޭނާގެ ރައްޔިތުން އޭނާއަށް ނުޤަބޫލުވެ، އޭނާގެ ވެރިކަން ގެއްލިގެން ގޮސްފާނެތީއެވެ. އެހެންކަމުން، މިރަސްގެފާނު އިސްލާމްވެވަޑައިނުގެންނެވީ، ދުންޔަވީ ފައިދާތަކެއް ޙާސިލު ކުރެއްވުމުގެ ބޭނުމުގައި ކަމުގައި ދެންނެވިދާނެއެވެ. މުޤައުޤިސްގެ އަސްލު ނަންފުޅަކީ ޖުރައިޙު ބިން މީނާއެވެ.

މުޤައުޤިސްގެ ސިޓީ، މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ލިބިވަޑައިގެންނެވުމުން އެސިޓީ ވިދާޅުވެފައި ޙަދީޘް ކުރެއްވިއެވެ. [އެ ނުބައިރަސްގެފާނު އޭނާގެ ވެރިކަން ގެއްލިގެން ގޮސްފާނެތީ ބިރުގަތީއެވެ. އޭނާއަށް ނޭނގުނެއްކަމަކު، ދެން އެރަސްގެފާނުގެ ވެރިކަން ނިމޭކަށް މާގިނަ ދުވަސްތަކެއްނެތެވެ.] 

މުޤައުޤިސް ފޮނުއްވި ވެދުންތައް:

މުޤައުޤިސުގެ ފަތްކޮޅުގައި އޭނާ ބަޔާން ކުރައްވާފައިވާ ހަދިޔާތަކުގެ އިތުރުން އެހެން ބައެއް ތަކެތިވެސް އޭނާ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ވެދުންމަށް އެރުވިއެވެ. އެތަކަތީގެ ތަފްސީލު ސީރަތު ފޮތްތަކުގެ އަލީގައި މިދަންނަވަނީއެވެ. 

އެއްހާސް މިޘްޤާލުގެ ރަން

20 ހެދުންކޮޅު

ބަންހާއޭ ކިޔުނު ރަށުގެ މާމުއި

ގަދުރުމަތިވެރި ދެ ޖާރިޔާއިންކަމުގައިވާ مارية القبطيَّة، އާއި سيرين

ދުލްދުލް އޭކިޔުނު ބަޣަލެއް

ޙިމާރެއް ( އެ ޙިމާރުގެނަމަކީ، عفير ނުވަތަ يعفور އެވެ.)

مأبور އޭ ކިޔުނު ހޯޖާކޮށްފައިވާ އަޅެއް

ތަށިކޮޅަކާއި ފޮށިކޮޅެއް 

ދުލްދުލް އޭކިޔުނު ބަޣަލަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ގިނައިން ސަވާރުވެވަޑައިގަންނަވާ ސަވާރީއެކެވެ. އެގޮތުން ހުނައިނު ހަނގުރާމައިގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ދުލްދުލްގެ މައްޗަށް ސަވާރުވެވަޑައިގެން ހަނގުރާމައިގެ މައިދާނުގައި ބުރު ޖެއްސެވިކަން ސީރަތު ފޮތްތަކުން ޘާބިތުވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތުމަށްފަހުވެސް، ވަރަށް ގިނަ ދުވަސްތަކެއްވަންދެން ދުލްދުލް އިނެވެ. 

على بن أبى طالب رضى اللّـه عنــه ގެ ޚިލާފަތުގައި އެކަލޭގެފާނު ދުލްދުލް ގެންގުޅުއްވިކަމަށް ޢިލްމުވެރިން ލިޔުއްވައެވެ. على بن أبى طالب رضى اللّـه عنــه ޝަހީދުވުމަށްފަހު، ދުލްދުލް ލިބިވަޑައިގަތީ عبد الله بن جعفر رضى اللّـه عنــه އަށެވެ. އޭރު ދުލްދުލްވަނީ ވަރަށް ބޮޑަށް ދުވަސްވެ މުސްކުޅިވެފައެވެ. ކާންދޭނެޖެހެނީވެސް ގޮދަން މުގުރުއްވައިގެންނެވެ. އޭތި މަރުވީ أمير معاوية ގެ ޚިލާފަތުގައެވެ.

{އަލްޙާފިޡު އިބްނު ކަޘީރު، އައްސިއްޔަތުއް ނަބަވިއްޔާ، އިނގިރޭސި އެޑިޝަން، ހަތަރުވަން ޖިލްދު ޞަފްޙާ 431} 

عفير ނުވަތަ يعفور އޭ ކިޔުނު ހިމާރުގެ މައްޗަށްވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ގިނައިން ސަވާރުވެވަޑައިގެން އުޅުއްވިކަމަށް އަލްޙާފިޡު އިބްނު ކަޘީރު އައްސިޔަތުއް ނަބަވިއްޔާގައި ލިޔުއްވައިފައިވެއެވެ. 

މައުބޫރަކީ، ހޯޖާކޮށްފައިވާ އަޅެކެވެ. އޭނާއަކީ، السّيّدة مارية القبطيَّة رضى اللّـه عنــها އާއި السّيّدة سيرين بنت شمعون رضى اللّـه عنــها ގެ ތިމާގެފުޅު ބޭފުޅެކެވެ. ބައެއް ރިވާޔަތްތަކުގައި އައިސްފައިވަނީ އޭނާއަކީ ވަރަށް މުސްކުޅި މީހެއްކަމުގައެވެ. މުޤައުޤިސްގެ ދަރުބާރުން ވަޑައިގަތް މަގުމަތީގައި حاطب بن أبي بلتعة رضى اللّـه عنــه އޭނާއަށްވެސް އިސްލާމްދީން ހުށައެޅުއްވިއެވެ. ނަމަވެސް އޭނާ އިސްލާމްވެވަޑައެއް ނުގަންނަވައެވެ. ނަމަވެސް އޭނާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދައުރުގައި އިސްލާމްވެވަޑައިގެންނެވިކަމަށް ތާރީޚުގެ އެދުރުން ފާހަގަ ކުރައްވައެވެ.  

މާތް ރަސޫލާ صلّى اللّـه عليه وسلّم މިޞްރުގެވެރި މުޤައުޤިސް ފޮނުއްވި އެންމެހައި ވެދުންތައް ޤަބޫލުފުޅު ކުރެއްވިއެވެ. އޭނާ ވެދުމަށް ފޮނުއްވި ޖާރިޔާއިންގެ ތެރެއިން، السّيّدة مارية القبطيَّة އެކަލޭގެފާނުގެ ޚާއްޞަކުރެއްވިއެވެ. އެކަލޭގެފާނުގެ ދަރިކަލުން އިބްރާހީމް ލިބިވަޑައިގަތީ އެކަމަނާގެ ބަނޑުފުޅުންނެވެ. السّيّدة سيرين ދެއްވީ ދަރަޖަ މަތިވެރި ޞަޙާބީބޭކަލެއްކަމުގައިވާ حَسَّانَ بْنِ ثَابِت رضى اللّـه عنه އަށެވެ. އެކަލޭގެފާނުގެ ދަރިކަލުން عبد الرحمن ލިބިވަޑައިގަތީ އެކަމަނާގެ ބަނޑުފުޅުންނެވެ. 

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން