މާރިޔަތުލް ޤިބްޠިއްޔާ 4: މާރިޔާ ކީރިތި ރަސޫލާގެ ދަރިކަލަކަށް އާލާސްވެއިންނެވުމުން މުނާފިޤުން ދެއްކި ދޮގުވާހަކަ

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 12ސ
މާރިޔަތުލް ޤިބްޠިއްޔާ 4: މާރިޔާ ކީރިތި ރަސޫލާގެ ދަރިކަލަކަށް އާލާސްވެއިންނެވުމުން މުނާފިޤުން ދެއްކި ދޮގުވާހަކަ

މާތް ރަސޫލާގެ އަރިހުގައި:  

السّيّدة مارية القبطيَّة رضى اللّـه عنــها އަށް އަރަހުށި މާތް ގެ ދީލަތިވަންތަކަމުން ލިބިވަޑައިގެންފައިވަނީ ނުހަނު ރީތި ބުރުސޫރަފުޅެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ނުހަނު ހިތްޕުޅާ ހަމަކުރެއްވިއެވެ. އެކަމަނާ އެކަލޭގެފާނަށް ޚާއްޞަ ކުރެއްވުމަށްފަހު އެކަމަނާ ބެހެއްޓެވީ حارثة بن النعمان رضى اللّـه عنــه، ގެ ގެކޮޅުގައެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން، މަދީނާގެ ރަށްބޭރުގައުވާ ރަށެއްކަމުގައިވާ عالية އަށް السّيّدة مارية القبطيَّة رضى اللّـه عنــها ބަދަލުކުރެއްވިއެވެ. 

أمّ المؤمنين السّيّدة عائشة رضى اللّـه عنها ވިދާޅުވެފައިވެއެވެ. [އަހަރެންގެ ހިތުގައި އެއްވެސް މީހެއްގެ މައްޗަށް ޣީރަތުގެ ޝުޢޫރު ނޯންނަ ވަރަށް އަހަރެންގެ ހިތުގައި  مارية القبطيَّة ގެ މައްޗަށް ޣީރަތްތުގެ ޝުޢޫރު އޮވެއެވެ. އެކަމަނާއަކީ ނުހަނު ރީތި ބޭކަނބަލެކެވެ.] {އިބްނު ސަޢުދު، ތަބަޤާތު އިބްނު ސަޢުދު} 

السّيّدة مارية القبطيَّة رضى اللّـه عنــها  ޢާލިޔާގައި އިންނެވި ދުވަސްވަރު މާތް ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ގިނައިން އެކަމަނާގެ އަރިހަށް ވަޑައިގެން އުޅުއްވައެވެ. ވަރަށް ގިނަ ވަގުތު އެކަމަނާގެ އަރިހުގައި ހޭދަކުރައްވައެވެ. އެގޮތުގައި ދުވަސްކޮޅެއްވީތަނާ އެކަމަނާ އާލާސްވެއިންނަވައިފިއެވެ.  

އެކަމާ މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި، السّيّدة مارية القبطيَّة رضى اللّـه عنــها  މިންނެތްފަށުން އުފާފުޅު ކުރެއްވިއެވެ. އެ ޚަބަރު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެން އަނބިއަނބިކަނބަލުންނަށް ލިބިވަޑައިގެންނެވުމުން އެކަނބަލުންގެ ހިތްޕުޅުގައި ޣީރަތުގެ ޝުޢޫރު އުފެދިގެން ދިޔައެވެ. އެހެނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބޭފުޅެއް ރައްކާވުމުގެ ޝަރަފު ޚަދީޖަތުގެފާނު ފިޔަވައި  އެހެން އަނބިކަނބަލަކަށް ލިބިވަޑައެއް ނުގަންނަވައެވެ.  އެބޭކަނބަލުންނަކީވެސް އިންސާނުންނެވެ. އެހެންކަމުން އެފަދަ ޝުޢޫރުތައް އުފެދުމަކީ ޠަބީއީ ކަމެކެވެ. ނަމަވެސް އެ ޣީރަތްތެރިކަމަކީ އެކަނބަލުން އިންސާފުން އެއްކިބާކުރާ ކަމަކަށް ނުހައްދަވައެވެ. އޭގެ ހެއްކަކީ مارية القبطيَّة އަށް ލިބިވަޑައިގެންނެވި ދަރިކަލުން އިބްރާހީމުގެފާނުގެ ވާހަކަ އެންމެ ތަފްސީލުކޮށް އުންމަތަށް ރިވާކޮށްދެއްވައިފައިވަނީ އެދަރިކަލުންގެ ދޮންމަންމާފުޅު أمّ المؤمنين السّيّدة عائشة رضى اللّـه عنها އެވެ.  

އާލާސްވެއިންނެވުން:  

السّيّدة مارية القبطيَّة رضى اللّـه عنــها އާލާސްވެއިންނެވުމުން އެކަމާ މުނާފިޤުންނާއި ޔަހޫދީން ތަފާތު ވާހަކަތައް މަދީނާގެ ތެރޭގައި ދައްކައިލިއެވެ. އެކަމަނާއާ އެކު މިޞްރުން ވަޑައިގެން مأبور އާ ގުޅުވައިގެ ނުބައި ވާހަތަކެއް ދައްކައިލިއެވެ. އެކަން ހިނގައި ދިޔަ ގޮތް އިބްނު ކަޘީރު ލިޔުއްވައިފައިވާ ސީރަތުގެ އަލީގައި މިދަންނަވަނީއެވެ. 

السّيّدة مارية القبطيَّة رضى اللّـه عنــها އާއި السّيّدة سيرين بنت شمعون رضى اللّـه عنــها  މަދީނާގައި ވަޑައިގެންތާ ކުރީކޮޅު ވަރަށް ގިނައިން مأبور އެދެކަނބަލުންގެ އަރިހަށް ވަޑައިގެން އުޅުއްވައެވެ. އޭނާ މިޞްރުގައިވެސް އާދަވެގެން އެދެބޭކަނބަލުންގެ އަރިހަށް ވަޑައިގެން އުޅުއްވާ ފަދައިންނެވެ.  އޭނާއަކީ އެދެބޭކަނބަލުންގެ ތިމާގެފުޅު މީހެކެވެ. މީސްތަކުންނަށް އޭނާ އެދެކަނބަލުންގެ އަރިހަށް ގޮސްއައިސްވެ، އުޅޭކަމުގެ ޚަބަރު ލިބުމުން، އެ ވާހަކަ ދައްކަންފެށިއެވެ. އޭރު މީސްތަކުންނަށް مأبور އަކީ، ހޯޖާކޮށްފައިވާ މީހެއްކަމެއް އެނގިފައެއްނެތެވެ. ހޯޖާ ކުރުމަކީ، މީހާގެ ހަށިގަނޑުން ޖިންސީ ބާރު އެކަށް ދުއްވާލުމެވެ. މިއީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ކަމެކެވެ. ނަމަވެސް ޖާހިލިއްޔަ ޒަމާނުގައި މަސައްކަތް ކުރަންގެންގުޅޭ އަޅުން ހޯޖާކޮށްގެން ގެންގުޅުމަކީ އާދައެކެވެ. 

އެއްވެސް ހުއްދައަކާނުލައި، السّيّدة مارية القبطيَّة رضى اللّـه عنــها  އާއި السّيّدة سيرين بنت شمعون رضى اللّـه عنــها  ގެ އަރިހަށް مأبور ވަޑައިގެން އުޅުއްވާކަމުގެ ޚަބަރުލިބިވަޑައިގެން، މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމާ ވަރަށް ބޮޑަށް ކޯފާއިސްވެވަޑައިގަތެވެ. އެކަމުގެ ތެދުދޮގު ބެއްލެވުމަށްޓަކައި على بن أبى طالب رضى اللّـه عنــه ފޮނުއްވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ޙަދީޘް ކުރެއްވިއެވެ.  

[އަހަރެން މިދޭ ކަނޑި ހިފައިގެން އެކަންތައް ބަލަންދާށެވެ. އޭނާ مارية ގެ އަރިހުގައި ވާތަން ފެނިއްޖެނަމަ އޭނާގެ ބޯ ކަނދުރާއިން ވަކިކޮށްލާށެވެ."] 

ދެން، على بن أبى طالب رضى اللّـه عنــه ވަޑައިގެން السّيّدة مارية القبطيَّة رضى اللّـه عنــها  އިންނަވާ ގެކޮޅަށް ވަދެވަޑައިގެން އިރު އެގެކޮޅުގައި مأبور އިންތަން ދެކެވަޑައިގެންނެވިއެވެ.  على ގެފާނު ކަނޑިކޮޅު އުރައިން ދަންމައިގަތެވެ. އެ މަންޒަރު مأبور އަށް ފެނުމުން، ހިތަށް ބިރުވެރިކަންވެދެ ފިލަން އުޅުއްވިއެވެ. އެގެކޮޅުން ނުކުމެވަޑައިގެން، ދުވެވަޑައިގެންފައި ވަޑައިގެން ކަދުރުރުކަކަށް އެރުއްވިއެވެ. على بن أبى طالب رضى اللّـه عنــه އޭނާގެ ފަހަތުން އަވަހަށް ވަޑައިގެންއިރު އޭނާ ވަނީ ކަދުރު ރުކަށް އަރައިފައެވެ. އޭނާއަށް ހަދާލެވުނު ގޮތަކުން އޭނާގެ އައުރަ ކަޝްފުވެއްޖެއެވެ. އެވަގުތުން على بن أبى طالب رضى اللّـه عنــه އަށް އެނގިވަޑައިގަތީ مأبور އަކީ ހޯޖާކޮށްފައިވާ މީހެއްކަމެވެ. ދެން، على بن أبى طالب رضى اللّـه عنــه،  ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން، އެ ވާހަކަ ވިދާޅުވުމުން ޙަދީޘް ކުރެއްވިއެވެ. 

[މާތް އަށް ޙަމްދު ހުއްޓެވެ. އެކަލާނގެއީ އަހަރެންގެ އަހުލުބައިތުން ނުބައި ކަންތައްތަކުން ރައްކާތެރިކޮށް ދެއްވި ރަސްކަލާނގެއެވެ.] {އަލްޙާފިޡު އިބްނު ކަޘީރު، އައްސިއްޔަތުއް ނަބަވިއްޔާ، އިނގިރޭސި އެޑިޝަން، ހަތަރުވަން ޖިލްދު ޞަފްޙާ 432}

ސީރަތުގެ ޢިލްމުވެރިންނާއި ތާރީޚުގެ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި مأبور އަކީ ޞަޙާބީއެކެވެ. އޭނާ އިސްލާމްވީ ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައެވެ.

 

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން