ކިތަންމެ ގަދައަށް ރުޅި އައިނަމަވެސް، ކިތަންމެ ބޮޑަށް ތުހުމަތު ކުރެވުނަސް ހެކި ނުދެއްކޭނެ ނަމަ ޒިނޭގެ ތުހުމަތު އެޅުވުމުގެ ހުރި ނުބައިކަމުގެ ބޮޑުކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކިތަންމެ ގަދައަށް ރުޅި އައިނަމަވެސް، ކިތަންމެ ބޮޑަށް ތުހުމަތު ކުރެވުނަސް ހެކި ނުދެއްކޭނެ ނަމަ ޒިނޭގެ ތުހުމަތު އެޅުވުމުގެ ހުރި ނުބައިކަމުގެ ބޮޑުކަން-

މިހާރަކަށް އައިސް ގިނަ ބައަކު ތެދުވެރިކަން ދޫކޮށްލައިފިއެވެ. އެއީ ދެމަފިރިންކަމުގައިވީނަމަވެސްމެއެވެ. އެހެންވެ ޖެހޭ މައްސަލަތަކުގައި ވަރަށް ފަސޭހައިން އެކަކު އަނެކަކަށް ޒިނޭކުރި ކަމުގެ ތުހުމަތު އެބަ އަޅުވައެވެ. 

ދާދިފަހުން މީހެއްގެ އަންތބަކު ހިލޭފިރިހެނަކާއިއެކު ކޮޓަރިއެއްގައި އުޅުނު މައްސަލައެއްގައި ފިރިމީހާ އޭނާގެ ބޮލުގައި ޒިނޭކުރިކަމުގެ ތުހުމަތު އެޅުވިއެވެ. 

ފުރަތަމަކަމަކަށް ބުނަންޖެހޭނީ އެއަންހެން މީހާ އެކުރީ ހަމަ ވަރަށް ބޮޑު ފާފައެއް ކަމަށެވެ. އެހެނީ ހިލޭ ފިރިހެނަކާއިއެކު އެގޮތަށް އެކަހެރިވެގެން ނުވާނެއެވެ. އެއީ އެއްގޮތަކަށްވެސް ދީނުގައި ހުއްދަ ކުރާ ކަމެއް ނޫނެވެ. އަދި މަނާކުރައްވަވާފައިވާ ކަމެކެވެ. 

ފާހަގަކޮށްލަން މިއުޅެނީ އެކަންތައް ރަނގަޅަށް ބެލިއިރު އެއަންހެން މީހާ ޒިނޭކޮށްފައެއް ނުވެއެވެ. ވީމާ ދެންވާނީ ކިހިނެއްހެއްޔެވެ؟ އެއީ ބަހޫސްކުރެވެން އޮތް ޙުކުމެއް ނޫނެވެ. ކީރިތި ޤުރްއާނުގައި ޙުކުމް ބާވައިލައްވަވާފައިވާ ކަމެކެވެ. 

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ. 

"ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފް ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ." (އަންނޫރު: 4) 

"އަދި އެއުރެންގެ އަމިއްލަ މަފްސްތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށް ލިބިގެންނުވާ ޙާލު، އެއުރެންގެ އަނބީންނަށް ޤަޛްފްކުރާމީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، ﷲ ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުށްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ." (އަންނޫރު: 6) 

އަނބިމީހާ ކިޔަމަންތެރިކަން އަދާނުކުރާނަމަ އޮތީ ރިވެތި ގޮތުގައި އޭނާ ދޫކޮށްލުމެވެ. އެކަމުން ފިރިމީހާގެ މައްޗަށް އެއްވެސް ފާފައެއް ނެތެވެ. ވީމާ ތިމާ ފާފަވެރިވެދާނެ ކަންކަން ނުކުރާށެވެ! އެއިރުން އެކުރެވެނީ އިތުރު ފާފަތަކެވެ. ވީމާ ކިތަންމެ ގަދައަށް ރުޅީ އައިނަމަވެސް އަދި ކިތަންމެ ބޮޑަށް ތުހުމަތު ކުރެވުނަސް 4 ހެކިން ނުދެއްކޭނެ ނަމަ އަނބިންގެ ބޮލުގައި ޒިނޭކުރިކަމުގެ އަޅުވައި ބަސްނުބުނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން