މާރިޔަތުލް ޤިބްޠިއްޔާ 5: މާރިޔާގެ ބަނޑުފުޅުން މާތް ރަސޫލާ ޞޢޥ އަށް ދަރިކަލަކު ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު ކަންތައްކުރެއްވި ގޮތް-

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 5ސ
މާރިޔަތުލް ޤިބްޠިއްޔާ 5: މާރިޔާގެ ބަނޑުފުޅުން މާތް ރަސޫލާ ޞޢޥ އަށް ދަރިކަލަކު ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު ކަންތައްކުރެއްވި ގޮތް-

ދަރިކަލުން ރައްކައުވުން:

ކުރިންވެސް ދެންނެވިފައި ވާނޭ ފަދައިން السّيّدة مارية القبطيَّة رضى اللّـه عنــها ދިރިއުޅުއްވަމުން ގެންދެވީ މަދީނާގެ ރަށްބޭރުގައިވާ ޢާލިޔާއޭ ކިޔުނު އަވަށެއްގައެވެ. ރައްކައުވީ އެ އަވަށުގައި އިންނަވަނިކޮށެވެ. ބޭކެންބެއްގެ ހައިސިއްޔަތުން السّيّدة مارية القبطيَّة رضى اللّـه عنــها އަށް އެހީތެރިވެވަޑައިގެންނެވީ أمُّ رافع رضى اللّـه عنــها އެވެ. އެކަމަނާގެ ފިރިކަލުންނަކީ ރަސޫލާ صلّى اللّـه عليه وسلّم ގެ ޚާދިމު أبو رافع رضى اللّـه عنــه އެވެ. ރަސޫލާ صلّى اللّـه عليه وسلّم ވަނީ އެދެބޭކަނބަލުން މިނިވަން ކުރައްވާފައެވެ. 

السّيّدة مارية القبطيَّة رضى اللّـه عنــها ލޯބިލޯބި ތުއްޕުޅު ބޭފުޅަކާއިގެން ރައްކާވުމުން، އެކަމުގެ ޚަބަރު ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ގެންގޮސްދެއްވީ أبو رافع رضى اللّـه عنــه އެވެ. އެ ޚަބަރު އިވިވަޑައިގަތުމުން ރަސޫލާ صلّى اللّـه عليه وسلّم މިންނެތްފަށުން އުފާފުޅު ކުރެއްވިއެވެ. އެ އުފާވެރި ޚަބަރު ގެނެސްދެއްވީތީ އެކަމުގެ އުފާފުޅުގައި ރަސޫލާ صلّى اللّـه عليه وسلّم، أبو رافع رضى اللّـه عنــه އަށް ހާރުކޮޅެއް ހަދިޔާއަކަށް ދެއްވި ކަމަށް އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ދަރިކަލުންނަށް ދެއްވެވި ނަންފުޅަކީ އިބްރާހީމް އެވެ.  

إبراهيم ގެފާނު ރައްކައުވީ ހިޖުރައިން 8 ވަނަ އަހަރުގެ ޛުލްޙިއްޖާމަހުގެ ތެރޭގައެވެ. ޞައްޙަ ޙަދީޘްތަކުން ޘާބިތުވާ ގޮތުގައި އެދަރިކަލުން ރައްކައުވީ ރޭގަނޑުގެ ވަގުތެއްގައެވެ. އެދަރިކަލުން ރައްކައުވުމުގެ ޚަބަރު ރަސޫލާ صلّى اللّـه عليه وسلّم އަށް ލިބިވަޑައިގަތުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިކަމަށް ބުޚާރީ އާއި މުސްލިމުގައިވެއެވެ.

[މިރޭ ތިމަންކަލޭގެފާނަށް ދަރިކަލަކު ލިބިވަޑައިގެންފިއެވެ. އެ ދަރިކަލުންނަށް ތިމަންކަލޭގެފާނު ނަންދެއްވީ ތިމަންކަލޭގެފާނުގެ ކާބަފައިކަލުންކަމުގައިވާ إبراهيم ގެފާނުގެ ނަންފުޅުނެވެ.] {ބުޚާރީ، މުސްލިމު} 

عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައިވެއެވެ. إبراهيم ގެފާނު ރައްކާވުމުގެ ޚަބަރު ރަސޫލާ صلّى اللّـه عليه وسلّم އަށް ލިބިވަޑައިގަތުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.  "އެދަރިކަލުން، އެދަރިކަލުންގެ މަންމަ މިނިވަންކޮށްފިއެވެ."  އެބަހީ އެދަރިކަލުން ރައްކައުވުމުގެ ސަބަބުން އެދަރިކަލުންގެ މައިކަނބަލުން السّيّدة مارية القبطيَّة رضى اللّـه عنــها  މިނިވަންވެވަޑައިގެންފިއެވެ.

{سنن ابن ماجه، كتاب العتق، ޙަދީޘް 2516}

އެދަރިކަލުންނަށް ހަތްދުވަސް ފުރުމުން އެދަރިކަލުންގެ އިސްތަށިފުޅު ބާލުއްވަވައި އޭގެ ބަރުދަނަށް ރިހިން ޞަދަޤާތް ކުރެއްވިއެވެ. ބަކަރި ކަތިލައްވައި އޭގެ މަސް ބެއްސެވިއެވެ. 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

(ނޯޓް: އެކަން ކުރާނެ މަގީ ދަރިފުޅުގެ ބޮލުގައި ހުރި އިސްތަށިކޮޅު ބޭލުމަށްފަހު ކިރައި ބަރުދަން ބަލައި ޤައުމުގައި ނުވަތަ ދުނިޔޭގެ ބާޒާރުގައި އެދުވަހު ރިހި ހުރި އަގު ބަލައި ޖެހޭ މިންވަރަށް ޞަދަޤާތް ކުރުމެވެ.)

 

 

މިއަދު އޮންލައިން