މާރިޔަތުލް ޤިބްޠިއްޔާ 6: ދަރިންނަށް ބައްޕައިން ލޯބިކުރަންޖެހޭ މިންވަރު މާތް ރަސޫލާ ޞޢޥ އުންމަތަށް ދައްކަވައިދެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
މާރިޔަތުލް ޤިބްޠިއްޔާ 6: ދަރިންނަށް ބައްޕައިން ލޯބިކުރަންޖެހޭ މިންވަރު މާތް ރަސޫލާ ޞޢޥ އުންމަތަށް ދައްކަވައިދެއްވެވި!

ކިރުފޮދު އެރުވުން: 

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެންމެ ހަގު ދަރިކަލުން إبراهيم ގެފާނުގެ ކިރުމައިކަނބަލަކަށް ވެވަޑައިގަތުމުގެ ޝަރަފް ޙާސިލު ކުރެއްވުމަށްޓަކައި މަދީނާގެ އަންހެނުންތައް ތިބީ ހިތުގެ އަޑިން އެދިއެދިއެވެ. ޙަޤީޤަތުގައިވެސް އެ މަތިވެރި ޝަރަފް ޙާސިލުކުރެވޭނީ ވަރަށް ނަސީބުގަދަ ޞަޙާބީ ބޭކަނބަލަކަށެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم އެ ބަރަކާތްތެރި ދަރިކަލުންނަށް ކިރުފޮދު އެރުވުމަށްޓަކައި ޚިޔާރު ކުރެއްވީ ނުހަނު ސާދާ ދިރިއުޅުއްވުމެއް އުޅުއްވަމުން ގެންދަވާ ބޭކަނބަލަކާއެވެ. أُم سَيْف رضى اللّـه عنــها  އާއެވެ. أُم سَيْف رضى اللّـه عنــها  ގެ ފިރިކަލުން أبو سيف رضى اللّـه عنه ދިރިއުޅުއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ކަނބުރުވެރިކަމެވެ. 

މާތް ރަސޫލާ ގެ ލޯބިފުޅު: 

މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ދަރިކަލުން إبراهيم ގެފާނުދެކެ، ނުހަނު ލޯބިފުޅުވެވަޑައިގަންނަވައެވެ. ވަރަށް ގިނައިން، އެދަރިކަލުން ދެކެވަޑައިގަތުމަށްޓަކައި، أُم سَيْف رضى اللّـه عنــها  ގެ ގެކޮޅަށް ވަޑައިގެން އުޅުއްވައެވެ. އެދަރިކަލުން އުރުވަޑުވައި، ލޯބިކުރައްވާ ހައްދަވައެވެ. 

أنس بن مالك رضى اللّـه عنــه ވިދާޅުވެފައިވެއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم ފަދަ އެމީހެއްގެ އާއިލާއަށް އޯގާތެރި އަނެކަކު ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ. މާތް ރަސޫލާ އެކަލޭގެފާނުގެ ދަރިކަލުން إبراهيم ގެފާނު ކިރުފޮދު އެރުވުމަށްޓަކައި ބަހައްޓަވައިފައި ވަނީ މަދީނާގެ އަވަށެއްގެ ގޭގައެވެ. إبراهيم ގެފާނުގެ ކިރުމައިކަނބަލުންގެ ފިރިކަލުންނަކީ، ކަނބުރުވެރިއެކެވެ. އަހަރެމެން ރަސޫލާ صلّى اللّـه عليه وسلّم އާއެކު އެގެއަށް ގޮސްއުޅެމުއެވެ. ބައެއް ފަހަރު އެގޭތެރެ އެއްކޮށް އޮންނަނީ ދުމުން ފުރިފައެވެ. ރަސޫލާ صلّى اللّـه عليه وسلّم ވަޑައިގެން އެދަރިކަލުން އުރުވަޑުވައި އެދަރިކަލުންގެ ގައިކޮޅުގައި ބޮސްދެއްވައި ހައްދަވައެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި އުނގުފުޅުގައި އެދަރިކަލުން ބައިންދަވައެވެ.]

{الأدب المفرد،
كتاب رَحْمَةِ، ޙަދީޘް 376} 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން