ރޯދައަށްވިޔަސް އަވަށްޓެރިޔާ ގެއަށް ވައްދާތަކެތި ތިމާވެސް ހޯދަން ދަރަނިވެރިނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ރޯދައަށްވިޔަސް އަވަށްޓެރިޔާ ގެއަށް ވައްދާތަކެތި ތިމާވެސް ހޯދަން ދަރަނިވެރިނުވާށެވެ!

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ހިތާއި ނަފްސް ޠޯހިރުކުރުމާއި ފުރިހަމަ ތައުބާއަކުން ތައުބާވުން ފަދަ ތިމާ ޢާއި ﷲ ތަޢާލާ އާއި ކުއްތަންވެވޭނެ ޢަމަލުތައް ކުރުމެވެ. އެހެނަސް ގިނަ ބައަކަށް ސަމާލުކަންދެވެނީ ދަރަނިވެރިވެގެން ނަމަވެސް އަވަށްޓެރިޔާ ނުވަތަ އެހެން މީހަކު އޭނާގެ ގެއަށް ވައްދާ ފެންވަރުގެ ތަކެތި ތިމާވެސް ހޯދުމަށެވެ. 

މިހާރު ދަރަނިވެރިވާ ވާހަކައެއް ނުދައްކާނެއެވެ. ދައްކާނީ ކޮންމެވެސް ސްކީމަކުން އިންސްޓޯލްމަންޓަށް ތަކެތިހޯދާ ވާހަކައެވެ. ޢިބާރާތް ރީއްޗެވެ. ނަމަވެސް ކުރެވޭ ކަމަކީ ދަރަނިވެރިވުމެވެ. ލުއިލޯނު ނެގުމަކީ ދަމައިލެވޭ "ގުއިރޯނު"ގައި ޖެހުން ކަމަށްވެގެންދަނީ ރިބާގެ ތެރެއަށް މީހާ ގެނބިގެންދާތީއެވެ. 

ތަނަވަސްކަން ހުރިވަރަކުން ކަންކަން ކުރުމުގެ އާދަ އަށަގަންނަވަން އެބަޖެހެއެވެ. ލިބޭ މިންވަރުން ދިރިއުޅެން ދަސްކުރަން އެބަޖެހެއެވެ. ސްކީމްތަކުގައި ބައިވެރިވެ ކަންކަން ކުރީމާ މުސާރައިން ކޮންމެ މަހަކު ބައެއް އުނިވެގެންދެއެވެ. ވީމާ ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ނޫނީ ދަރަނިވެރިނުވާން މަސައްކަތްކުރާށެވެ. 

މިގޮތުން އެންމެ މުހިއްމު ކަމަކީ ނަބިއްޔާ صلى الله عليه وسلم އުނގަންނައިދެއްވާފައިވާ މަގުން ކުރިއަށް ދިއުމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް ޞައްޙަ ޙަދީޘްއެއްގައި އައިސްފައިވެއެވެ. 

((انْظُرُوا إِلَى مَنْ هُوَ أَسْفَلَ مِنْكُمْ، وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ فَإِنَّهُ أَجْدَر أَنْ لَا تَزْدَرُوا نِعْمَةَ اللهِ عَلَيْكُمْ))  رواه البخاري ومسلم 

މާނައީ: "(ދުނިޔަވީ ކަންކަމުގައި) ތިޔަބައިމީހުންނަށްވުރެ ދަށުގައިވާ މީހުންނަށް ބަލާށެވެ. އަދި (ދުނިޔަވީ ކަންކަމުގައި) ތިޔަބައިމީހުންނަށްވުރެ ކުރިއަރާފައިވާ މީހުންނަށް ނުބަލާށެވެ. އެގޮތަށް ކަންކުރުމުން ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް ދެއްވާފައިވާ ނިޢުމަތްތައް އެއީ ދެރަ ތަކެތިކަމުގައި ނުދެކުމާއި ގާތްކަންބޮޑެވެ."

ވީމާ މީހަކު އޭނާގެ އަށް ވަކިފެންވަރެއްގެ އެއްޗެތި ވައްދާތީ ތިމާވެސް އެކަންކުރަން ނުވިސްނާށެވެ. ތިމާއަށް ކެރިފޯރުންތެރިކަން ލިބިގެންވާ މިންވަރުން ކަންކަން ކުރަން ވިސްނާށެވެ. 

 

މިއަދު އޮންލައިން