އަހަންނަކި ސީރީޒް ބެލުމުގައި ވަރަށް ގިނަ ވަގުތު ބޭކާރު ކުރި އަނހެނަކީމެވެ. ދުވަހެއްގެ އެތައް ވަޤުތެއް އަހަރެން އެކަމަށް ބޭކާރު ކޮށްލަމެވެ. ރޭގަނޑު ނިދި ނަގާލާފައިވެސް އަހަރެން އޮންނަނީ ސީރީޒް ބަލާށެވެ. ދުވަހުގެ މަސައްކަތްތަކުގައި އުޅޭއިރުގަޔާއި ކާގަޑީގައާއި އެކި ވަގުތުތަކުގައިވެސް ބަލަނީ ސީރީޒް ބެލޭތޯ އެވެ.
އެކަމުގެ ސަބަބުން އަހަންނަށް ނަމާދުތައް ލަސްކުރެވެން ފެށި އެވެ. ޤުރްއާން ހަމައެއްގޮތަކަށްވެސް ނުކިޔަވަމެވެ. ދުވަސްތައް ހޭދަވަމުން ދިޔަ ވަރަކަށް އަހަރެން ނަމާދުތަކާވެސް މުޅިން ދުރުވެ ނަމާދެއް ނުކުރެވުނަސް އަޅާ ނުލެވޭ ހިސާބަށް ކަންތައް ދިއަ އެވެ.
އަހަނަންކީ މިލާ މޯޅިވެފައިވާ މަލެކޭ ތަފާތެއް ނެތެވެ. މޫނުމަތީގެ ތާޒާކަން ގެއްލި ހިތް ނުތަނަވަސް ކަން އިތުރުވެ އަމިއްލަ ނަފްސު ދެކެ ފޫހިވާން ފެށިއެވެ. އަބަދުވެސް ހިތް ނުތަނަވަސްވުމާއި ކަންކަމާ ރުޅި ގަދަވުން އިތުރުވާން ފެށިއެވެ. އަހަރެން ހިތަށް އެރިއެވެ.
އަހަރެން ކުރީގައި ނަމާދުކޮށް ޛިކުރުކޮށް ހަދާއިރު ހުންނަނީ ކުރަން ބޭނުންވާ އެއްވެސް ކަމެއް ނުވިޔަސް ވަރަށް ހިތްހަމަ ޖެހިފަ އެވެ. އަހަރެން މިއަށްވުރެ (ނަމާދު ނުކުރާ މީހެއްގެ ގޮތުގައި) މަރުވާކަށް ބޭނުމެއް ނުވެއެވެ.
އެހިސާބުން އަހަރެން ފުރަތަމަ ބޭނުންވީ ނަމާދު ނުކުރީމަ ލިބޭ ޢަޛާބާއި ނަމާދު ކުރުމުން ލިބޭ ޘަވާބުގެ ވާހަކަތައް އަލުން އަޑުއަހާ އެކަމަށް ހިތް ޖެއްސުމަށެވެ. އެގޮތުން ޔޫޓިއުބް ގައި ސާރޗްކޮށް އަހަރެން އެކަމާ ގުޅުން ހުރި ވީޑިއޯ ތައް ބަލަން ފެށީމެވެ. އަދި ހަމަ އެދުވަހު ނަމާދު ކުރަން ފެށީމެވެ. މަޑުމަޑުން ކުރީގައި ކިޔާ ހިތް ނުވާ ދީނީ ލިޔުން ތަކާއި ބަލާހިތް ނުވި ދީނީ ވީޑިއޯތައް ބަލާހިތްވާން ފެށިއެވެ.
ސީރީޒް ބަލާ ވަގުތު މަދުވާން ފެށިއެވެ. އަހަރެން ފުރަތަމަ ނަމާދުކުރަން ފެށިއިރު އަހަންނަށް ކުރިން ކަންތައް ކުރެވުނު ގޮތާއިމެދު ވަރަށް ލަދުވެތިވެ ދެރަވިއެވެ. އެކަމަކު ހަނދާން ބެހެއްޓީ ﷲ އަކީ ރަޙްމާންވަންތަ ރަޙީމް ވަންތަ ރަސްކަލާނގެ ކަމެވެ. އެކަލާނގެ ރަޙްމަތުން އުންމީދު ކަނޑާލުމަކީ ގޯސްކަމެއް ކަމެވެ. ފުރިހަމަ ތަޥްބާ އަކުން ތަޥްބާ ވެއްޖެނަމަ އެކަލާނގެ ޢަފޫ ކުރައްވާނެ ކަމެވެ. އަހަރެން ޤުރްއާން އަޑުއެހުމާއި ކިޔެވުން އިތުރު ކުރީމެވެ.
އެއްދުވަހަކު ޔޫޓިއުބް އިން އަޑު އަހަމުން ދިޔަ ދަރުސެއްގައި ޝައިޚް ބުނުއްވިއެވެ. " ކުރާ ކޮންމެ ކަމެއް ﷲ އަށްޓަކައި ކުރާށެވެ. ފާފަތައް ދޫކޮށްލާއިރު ﷲ އަށްޓަކައި އެފާފަތައް ދޫކޮށްލާށެވެ. އޭރުން އެކަމުގައި ސާބިތުވެ ހުރުމަކީ އިންޝާﷲ އެއްވެސް ކަމެއް ނޫނެވެ."
އަހަރެން ފުރަތަމަވެސް ހިތަށް އެރީ ﷲ އަށްޓަކައި ދެން ދުވަހަކުވެސް ސީރީޒް ނުބަލާނަން ކަމަށެވެ. އެއީ އަހަރެންގެ މިކުރު ޙަޔާތުގެ ބޭކާރުވެދިޔަހާ ވަޤުތުތައް އަނބުރާ ނުލިބުނު ކަމުގައިވިޔަސް ދެން އެހެންވާން ބޭނުންނުވާތީ އެވެ. ހެޔޮ ގޮތުގައި ރަނގަޅު ﷲ ލޯބިވެ ވޮޑިގެންވާ މީހެއްގެ ގޮތުގައި މަރުވާއިރު ހުރުމަށެވެ. ވަގުތުން ފޯން އިން ނެޓްފްލިކްސް ޑިލީޓް ކޮށްލީމެވެ. ބުނަން ނޭނގޭ އުފަލަކާއި އެކު އަހަންނަށް ރޮވުނެވެ. "ޔާ ﷲ! އަހަރެން ތެދުމަގުން އެއްކިބާ ނުކުރައްވާށިއެވެ! ދުނިޔޭގެ މިކުރު ޙަޔާތުން އެންމެ ސިކުންތެއްވެސް ދެން އަހަރެން ބޭކާރު ގޮތުގައި ހޭދަކުރިޔަ ނުދެއްވާށިއެވެ."
ދުވަސްތައް މިގޮތުގައި ފާއިތުވަމުންގޮސް މިހާރު އަހަރެން ސީރީޒް އަދި ފިލްމެއް ނުބލާތާ އަހަރެއްވީއެވެ. އަލްޙަމްދުﷲ! އަހަރެން މިހާރު ބަލަނީ ޔޫޓިއުބްގެ ދީނީ ދަރުސްތަކެވެ. ވަގުތު ހޭދަކުރަނީ ޛިކުރު ކުރުމާއި އުފެއްދުންތެރި މަސައްކަތް ތަކުގައެވެ. އަހަންނަށް މިހާރު ނަމާދު ވަގުތަށް އިންތިޒާރު ކުރެވެއެވެ. ދިރިއުޅުމުގެ ކޮންމެކަމެއްގައިވެސް ކެއްތެރިކަން އިޚްތިޔާރުކޮށް ﷲ އަށް ދުޢާ ދެންނެވެ އެވެ. އަދި ﷲ އަށް އެންމެ ފުރިހަމަ އަށް ހިތުގެ އަޑިން އިތުބާރު ކުރެވެއެވެ.
ލޯބިވާ އަޚުންނާއި އުޚްތުންނޭ! އަހަރެންގެ ނަސޭޙަތަކީ އަހަރެމެންނަށް ކުރެވޭ ގޯސްކަންތައްތައް ﷲ އަށްޓަކައި ދޫކޮށްލުމެވެ. ސީރީޒް އާއި ފިލްމުތަކުގައި އިންސާނާގެ ސިކުނޑި އެކަންކަމަށް ލޯބިޖެހޭގޮތަށް އެތައް ގޯސް ކަންތައްތަކެއް އެކަންކަމަށް ލޯބިޖެހޭގޮތަށް އެތައްގޯސް ކަންތައްތަކެއް އެކުލެވިގެންވެއެވެ. ވަގުތު ބޭކާރުކޮށް ދުނިޔޭގެ ކުލަވަރުގައި ނަފުސް ގެނބިގެންދެއެވެ.
އަޅެމިއީ ދޮގެއްތޯ އަމިއްލަ ނަފްސާ އެންމެ ފަހަރަކުވެސް ސުވާލު ކޮށްލުމަށްފަހު ވިސްނާލާށެވެ. އަހަރެމެންނަށް ފަހުން ރައްކާތެރިކަމެއް އޮތީ މިއަދު ކުރި ހެޔޮ ޢަމަލަކުން އެކަންޏެވެ. ﷲ އަށް ފުރިހަމަ އަށް އިތުބާރު ކޮށް ގިނަގިނައިން ދުޢާކުރާށެވެ! އިންޝާﷲ ކާމިޔާބު ވާނެއެވެ.
"ޔާﷲ! މިއަޅާ ތެދުމަގުން އެއްކިބާ ނުކުރައްވަވާނދޭވެ! އަދި އެންމެހާ މީސްތަކުންނަށް ތެދުމަގު ދައްކަވާ އެކަމުގާ ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވާނދޭވެ!" އާމީން
(މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު އޭނާގެ އަމިއްލަ ޢިބާރާތުން ލިޔެ މިއަދުނޫހަށް ފޮނުވި އޭނާގެ އަމިއްލަ ޙަޔާތުގައި ކަންކަން ދިމާވިގޮތުގެ ވާހަކައެވެ.)