ދަރިކަލުން އަވަހާރަވުން:
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހަރުދަނާ ބެއްލެވުމާއި، السّيّدة مارية القبطيَّة رضى اللّـه عنــها ގެ މައިވަންތަކަމުގެ ލޯބިފުޅާއި، أُم سَيْف رضى اللّـه عنــها ގެ ކުލުނުވެރިކަމުގެ ދަށުން إبراهيم ގެފާނު ބޮޑުފުޅުވަމުން ވަޑައިގަންނަވައެވެ. އެދަރިކަލުންގެ ސުބަ ހަރަކާތްތަކުގެ ޢާލަމްތަކަށް ކައުކުރެއްވި މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ޚާއްޞަ އުފާފުޅެއް އިހްސާސްކުރެއްވުމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ގިނަ ވަގުތުތަކެއް އެދަރިކަލުންނަށް ހަދިޔާ ކުރައްވަމުން ގެންދަވިއެވެ.
ނަމަވެސް، މިދެންނެވި އުފާވެރިކަން މާގިނަ ދުވަސްތަކަށް ދެމިގެންނެއް ނުދިޔައެވެ. ކެތްތެރިކަމުގެ ނަމޫނާ މިސާލު ދައްކަވަމުން ވަޑައިގެންނެވި ސާހިބާއަށް އަނެއްކާވެސް އިމްތިހާނެއް ކުރިމަތިވެވަޑައިގެންފިއެވެ. އެމާތް ސާހިބާ صلّى اللّـه عليه وسلّم ގެ ލޯފުޅުގެ ނޫރުފުޅުކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަލުންނާ ވަކިވެވަޑައިގަންވާން ޖެހިވަޑައިގަންނަވާ ވަގުތު ކުޑަތަންވީއެވެ. އަބަދު ހިތްޕުޅަށް އުފާވެރިކަން ގެނެސްދެއްވަމުން ގެންދެވި ދަރިކަލުން އަބަދުގެ އަބަދަށް މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވަނީއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް، އެކަލޭގެފާނުގެ ދަރިކަލުންގެ އާލާސްކަންފުޅުގެ ޚަބަރު ލިބިވަޑައިގެންނެވުމުން އަވަސް އަވަހަށް އެދަރިކަލުން ހުންނަވާ ގެކޮޅަށް ވަޑައިގެންނެވިއެވެ. އޭރު އެދަރިކަލުން އެންމެފަހުގެ ނޭވާފުޅު ލައްވަވަނީއެވެ. އެދަރިކަލުންގެ ޙާލުކޮޅު ފެނިވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހިތްޕުޅަށް ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މާތް ލޯފުޅު ކަރުނަފޮދުން ފުރި އެކަލޭގެފާނުގެ ކޯތާފަތްޕުޅަށް އޮހޮރެމުން ދިޔައެވެ.
އެ މަންޒަރު ފެނިވަޑައިގެން އެކަލޭގެފާނުގެ ނުހަނު އިޚްލާޞްތެރި ޞަޙާބީބޭކަލެއްކަމުގައިވާ عبد الرّحمن بن عوف رضى اللّـه عنــه ދެންނެވިއެވެ. [ކަލޭގެފާނުވެސް ކީރިތި ކުރައްވަނީތޯއެވެ.؟] ޙަދީޘް ކުރެއްވިއެވެ. [އޭ އިބްނު ޢައުފެވެ. މިއީ ރަޙްމަތެވެ.] މިހެން ޙަދީޘް ކުރައްވައި އިހުނަށްވުރެ ބޮޑަށް ކީރިތި ކުރެއްވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. [ލޮލުން ކަރުނަ އޮހޮރޭނެއެވެ. ހިތް މޮޅިވެއެވެ. އެހެނެއްކަމަކު އަހަރެމެން މާތްﷲ ރުހިވޮޑިގެންވާ އެއްޗެއް މެނުވީ ނުބުނާނަމެވެ. އޭ އިބްރާހީމެވެ. ތިޔަ ދަރިކަލުނާ ވަކިވުމަކީ އަހަރެންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހިތާމައެކެވެ.{ مُتَّفق عَلَيْهِ}
ދެން، މާގިނައިރު ތަކެއްނުވެ، އެ ޠޯހިރު ފުރާނަފުޅު، އެ ފުރާނަފުޅުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދަތުރު ކުރައްވައިފިއެވެ. إبراهيم ގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން ދިހަވަނަ އަހަރުގެތެރޭގައެވެ. ބައެއް ޢިލްމުވެރިން ލިޔުއްވާގޮތުގައި ރަބީޢުލް އައްވަލު މަހުގެ ތެރޭގައެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޖުމާދުލް ޢާޚިރާމަހުގެ ތެރޭގައެވެ.
إبراهيم ގެފާނުގެ ޙުރުމަތްތެރި ދޮންމަންމާފުޅު أمّ المؤمنين السّيّدة عائشة رضى اللّـه عنها ވިދާޅުވާގޮތުގައި އެކަލޭގެފާނު މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވީ ޢުމުރުފުޅުން އެންމެ އަށާރަ މަސްދުވަހުގައެވެ. އޭރު އެދަރިކަލުންގެ ޢުމުރުފުޅުން ސޯޅަމަސްދުވަސްކަމަށާއި ދިހަމަސްދުވަސް ކަމުގައިވެސް ރިވާވެގެންވެއެވެ. ޞައްޙަގޮތުގައި ސާބިތުވަނީ އޭރު އެދަރިކަލުން ކިރުތުނބުން ނުވީއްލޭކަމެވެ.
ބަރާއު ބިން އާޒިބު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. إبراهيم ގެފާނު އަވަހާރަވުމުން، މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވާފައިއެވެ. [ސުވަރުގޭގައި އެދަރިކަލުންނަށް ކިރުފޮދު އަރުވާނެ ކިރުމަޔަކު ޢައްޔަންކުރެވިފައިވެއެވެ.] {صحيح البخاري}
إبراهيم ގެފާނު އަވަހާރަވުމުން އެކަލޭގެފާނު ނާނޭފުޅުފިއްލެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު عبّاس بن عبدالمطّلب رضى اللّـه عنــه ގެ ދަރިކަލުން الفضل بن العباس رضى اللّـه عنــه އެވެ. އެދަރިކަލުންގެ މައްޗަށް ކަށުނަމާދުފުޅު ކުރެއްވީ ޚުދު ރަސޫލާ صلّى اللّـه عليه وسلّم އެވެ. إبراهيم ގެފާނު ފަސްދާނުވެޑުވުމަށްޓަކައި ޖަންނަތުލް ބަޤީޢުއަށް ގެންދެވުނީ އެނދުދާން ކޮޅެއްގައެވެ. އެދަރިކަލުން ޤަބުރުފުޅުގައި ވެއްޑުއްވެވީ أسامة بن زيد رضى اللّـه عنــه ގެ އަތްޕުޅުންނެވެ.
ރަސޫލާ صلّى اللّـه عليه وسلّم ގެ އެންމެ ހަގު ދަރިކަލުން إبراهيم ގެފާނު އަވަހާރަވީ ދުވަހަކީ އިއްތިފާޤުން އިރުކޭތައެއް ހިފި ދުވަހެކެވެ. އެދުވަހުގެ އިރުކޭތައާ ވިދިގެން ބައެއް މީހުން އެ އިރުކޭތައަކީ إبراهيم ގެފާނު އަވަހާރަވުމުން ހިފި އިރުކޭތައެއް ކަމުގައި ބުނަމުންގެންދިޔައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ދަރިކަލުން އަވަހާރަވުމުން، ހިތާމަފުޅު ކުރައްވައި ކީރިތި ކުރެއްވުމުން، އިރު ވެސް އެކަލޭގެފާނުގެ ހިތާމައިހައި ބައިވެރިވެ، ރޮނީކަމުގައި ވާހަކަދެކެވުނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް މި ޚުރާފީ ވާހަކަތައް އެނގިވަޑައިގެން ކޭތަނަމާދު ކުރައްވައި ދެއްވި ޚުތުބާގައި ވިދާޅުވެފައިވެއެވެ.
" إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، وَإِنَّهُمَا لاَ يَخْسِفَانِ لِمَوْتِ أَحَدٍ، وَإِذَا كَانَ ذَاكَ فَصَلُّوا وَادْعُوا حَتَّى يُكْشَفَ مَا بِكُمْ "{صحيح البخاري}
މާނައީ: [އިރާއި ހަނދަކީ މާތްﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ދެ ހެއްކެވެ. ކޭތަހިފަނީ މީހެއް މަރުވުން ފަދަ ކަމެއް މެދުވެރިވެގެންނެއް ނޫނެވެ. ކޭތައެއް ހިފައިފިނަމަ އެކޭތަށް ވީލިއްޖެއުމަށް ދާންދެން ތިޔަބައިމީހުން، މާތްﷲ ގެ ޙަޟްރަތަށް ނަމާދުކޮށް، ދުޢާކޮށް ހަދާށެވެ.]
إبراهيم ގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ލޮބުވެތި މައިކަނބަލުން السّيّدة مارية القبطيَّة رضى اللّـه عنــها އަށް ވަރަށް ފުންހިތާމަފުޅެއް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ނުހަނު ކެތްތެރިކަމާއި ސާބިތުކަމާއެކު އެހިތާމަފުޅު އެކަމަނާ ބަރުދާސްތުކުރެއްވިއެވެ. إبراهيم ގެފާނު، އަވަހާރަވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންފިއެވެ.
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް