އުރީދޫގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 21ސ
އުރީދޫގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ، 7 މާރިޗު 2022 ވީ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ބާއްވައިފިއެވެ.

މި ޖަލްސާ ބާއްވާފައިވަނީ ކްރޮސްރޯޑްގެ އިވެންޓް ހޯލްގަގައި އަދި އޮންލައިންކޮށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށެވެ.

ޖުމްލަ 1،202 ހިއްސާދާރުންގެ ބައިވެރިވުމާއެކު ޖަލްސާ ކުރިއަށްގޮސްފައިވާއިރު، އޭގެ ތެރެއިން އަމިއްލަފުޅަށް ޖަލްސާގައި ބައިވެރިވެވަޑައިގަނެފައިވަނީ 101 ހިއްސާދާރުންނެވެ. އަދި ހިއްސާދާރުންގެ ފަރާތުން ޕްރޮކްސީ ހޯއްދަވައިގެން 1،101 ބޭފުޅަކު ބައިވެރިވެވަޑައިގަނެފައިވެއެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހިއްސާދާރުން ރަމްޒުކޮށްދެއްވާފައި ވަނީ، 135،970،377 (ސަތޭކަ ތިރީސް ފަސް މިލިއަން ނުވަ ސަތޭކަ ހަތްދިހަ ހާސް ތިން ސަތޭކަ ހަތްދިހަ ހަތެއް) ހިއްސާއެވެ. މި ހިއްސާ ރަމްޒުކޮށްދެނީ ކުންފުނިން ވިއްކާފައިވާ ޖުމްލަ ހިއްސާގެ %92 އެވެ.

އުރީދޫ މޯލްޑިވްސް އިން އާންމުކޮށްފައިވާ އަހަރީ އާންމު ޖަލްސާގެ އެޖެންޑާއާ އެއްގޮތްވާގޮތުގެ މަތިން، އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ނިންމަވާފައިވަނީ 2021 ވަނަ އަހަރު ބާއްވާފައިވާ އާންމު ޖަލްސާ (2 މާރިޗު 2021 ވީ އަންގާރަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާ) ގެ ޔައުމިއްޔާ ފާސްކުރެއްވުމަށާއި، 2021 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރެއްވުމަށާއި، 2022 ވަނަ އަހަރަށް އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓަރހައުސްކޫޕަރސް އައްޔަންކޮށް އުޖޫރަ ކަނޑައަޅައި ފާސްކުރެއްވުމަށެވެ. އަދި، 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2 ރުފިޔާ 70 ލާރި ބެހުމަށް ހިއްސާދާރުންވަނީ ފާސްކޮށްދެއްވާފައެވެ. މީގެ އިތުރުން ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ ޑިރެކްޓަރެއްގެ ގޮތުގައި އާންމު ހިއްސާދާރުން ވަނީ އަލްފާޟިލާ ފަރީޙާ ޝަރީފު ދެވަނަ ދައުރަކަށް އައްޔަންކޮށްފައެވެ.

އަޅުގަނޑުމެންގެ ހިއްސާދާރުން ދެމެހެއްޓެނިވި ގޮތެއްގައި ދެއްވާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. މީގެ އިތުރުން މި ކުންފުނި ހިންގުމަށްޓަކައި ހިއްސާދާރުން ދެއްވާފައިވާ އެއްބާރުލުމަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.  އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރާނީ އައު އިޖާދީ މުވާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދީ، އަޅުގަނޑުމެން ހަރަކާތްތެރިވާ މުޖުތަމަޢުތަކުގެ ދިރިއުޅުން ފާގަތިކޮށްދިނުމަށެވެ. އަދި، އައު ޓެކްނޮލޮޖީތަކާއި އީޖާދީ ހައްލުތައް ފޯރުކޮށްދީ މުޖުތަމަޢުއަށް ލާބަޔާއި މަންފާ ހޯދައިދިނުމަށްމަސައްކަތްކުރުމުގައި އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ.

މިއަދު އޮންލައިން